ބޭރު ކުޅިވަރު

ކޮޕާ އެމެރިކާ ސެންޓަނާރިއޯ ތަށި ދައްކާލައިފި

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ބާއްވާތާ 100 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ކޮޕާ އެމެރިކާ ސެންޓެނާރިއޯގެ ތަށި ދައްކާލައިފި އެވެ.

އެމެރިކާގައި ޖޫން ތިނަކުން 26 އަށް ބާއްވާ މުބާރާތުގެ ތަށި ފަރުމާކޮށްފައިވަނީ ކޮޕާ އެމެރިކާގެ ރަސްމީ ތަށި އަސްލަކަށް ބަލައިގެންނެވެ.

1916 ވަނަ އަހަރު ފެށި މުބާރާތަށް 100 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ މުބާރާތުގައި ދޭނީ ރަންކުލައިގެ ތައްޓެކެވެ. އާއްމުކޮށް ކޮންމެ ހަތަރު އަހަރުން އެއްފަހަރު ބާއްވާ ކޮޕާ އެމެރިކާ މުބާރާތުގެ ރަސްމީ ތައްޓަކީ ރިހި ކުލައިގެ ތައްޓެކެވެ.

ޗެމްޕިއަންކަން ހޯދާ ޓީމަށް 100 ވަނަ މުބާރާތުގެ ތަށި މިލްކުވާނެ އެވެ. އަދި ކޮޕާ އެމެރިކާގެ ރިހި ތަށީގައި ވެސް ޗެމްޕިއަން ޓީމެއްގެ ގޮތުގައި 100 ވަނަ މުބާރާތުގެ ޗެމްޕިއަން ޓީމުގެ ނަން ޖަހާނެ އެވެ.

100 ވަނަ މުބާރާތުގެ ތަށި ތައްޔާރުކޮށްފައިވަނީ 24 ކެރެޓް ރަނުންނެވެ. ބަރުދަނުގައި 16 ޕައުންޑް ހުރެ އެވެ. ދިގުމިނަކީ ދެ ފޫޓެވެ.

އެހެން މުބާރާތްތަކާ ހިލާފަށް މި މުބާރާތުގައި 16 ގައުމަކުން ވާދަކުރާނެ އެވެ. އެއީ ދެކުނު އެމެރިކާގެ 10 ގައުމާއި ކޮންކާކަޕްގެ ހަ ގައުމެވެ. މި ހުރިހާ ގައުމުތައް ބަހާލާފައިވަނީ ހަތަރު ގްރޫޕަކަށެވެ. ކުއާާޓާ ފައިނަލަށްދާނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ގައުމެވެ.