ހޮލީވުޑް

މެއި މަހުގެ ވަރުގަދަ ފިލްމުތައް!

ހޮލީވުޑުން މި މެއި މަހު 46 ފިލްމެއް ނެރުމަށް ނިންމާފައިވެ އެވެ. އޭގެ ތެރޭގައި ސުޕަހީރޯ ފިލްމުތަކާއި ހެއްވާ މަޖާ ފިލްމުތައް ހިމެނެ އެވެ. މި 46 ފިލްމުގެ ތެެރެއިން މިފަހަރު މި ބަލައިލަނީ ތިން ފިލްމަކަށެވެ.

އެކްސް-މެން: އެޕޮކަލިޕްސް

މަޝްހޫރު އެކްސް-މެން ސީރީޒްގެ އެކްސް-މެން އެޕޮކަލިޕްސްގައި ފެނިގެންދަނީ 1980ގެ އަހަރުތަކުގެ ކުރީ ކޮޅެވެ. ފިލްމްގައި ފެނިގެން ދާނީ މިއުޓަންޓެއް ކަމަށްވާ އެޕޮކަލިޕްސް ގަރުނުތަކަށް ފަހު، އަލުން ދުނިޔެއަށް ފާޅުވާތަނެވެ. އަދި އިންސާނުންގެ ތެރޭގައި ސިއްރުން މިއުޓަންޓުން އުޅޭ ތަނެވެ. މިހާ ހިސާބުން، ދުނިޔެއަކީ ހަމައެކަނި މިއުޓަންޓުން އުޅޭ ތަނަކަށް ހެދުމަށް އެޕޮކަލިޕްސް ނިންމަ އެވެ. އަދި، މި މަސައްކަތުގައި، މެގްނީޓޯ، އެންޖަލް އަދި ސްޓޯމް ހިމެނޭ ގޮތަށް ޓީމެއް އެކުލަވާލައިގެން އެ މަސައްކަތް ފަށައެވެ.

އޮސާކް އައިސެކް އެޕޮކަލިޕްސްގެ ރޯލުން ފެނިގެންދާއިރު، ޖޭމްސް މެކްއަވޯއި، ޖެނިފާ ލޯރެންސް، ރޯސް ބާން އަދި މައިކަލް ފާސްބެންޑާ އެމީހުން އެކްސް-މެން ސީރީޒްގައި އަދާކުރި ރޯލުން ފެނިގެންދާނެ އެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަަމަޖެހިފައިވަނީ މެއި 27ގަ އެވެ.

ޕެލޭ: ބާތް އޮފް އަ ލެެޖެންޑް

ބްރެޒިލްގެ ލެޖެންޑް ޕެލޭގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ "ޕެލޭ: ބާތް އޮފް އަ ލެެޖެންޑް" ރަސްމީކޮށް ނެރުމަށް ނިންމާފައި އޮތީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕާއި ދިމާކޮށެވެ. ނަމަވެސް، ޕޯސްޓް ޕްރޮޑަކްޝަނާއި ބައެއް ޝޮޓްތައް އަލުން ނަގަންޖެހުމުން، ފަސްކޮށްލީކަމަށް ފިލްމުގެ ޕްރޮޑިއުސަރުން ބުނެފައިވެ އެވެ.

މި ފިލްމުގައި ދައްކުވައިދެނީ ބްރެޒިލްގެ ފަގީރު އަވަށްތަކުން އައި ޕެލޭ، ނަސްލީ އިމްތިޔާޒާއި ފަގީރުކަމާއި ކުރިމަތިލާ، އޭނާ ވޯލްޑް ކަޕްގެ ތަށި ހޯދުމަށް ދެކުނު ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރާ ހަނގުރާމަ އެވެ. އަދި، ހާއްސަކޮށް، ޕެލޭ އާއި އޭނާގެ ބައްޕަގެ މެދުގައި އޮތް ގުޅުމާއި ބްރެޒިލްގެ ވަތަނިއްޔަތާއި ފުޓުބޯޅަ އާއި ގުޅިފައިވާ މިންވަރު މި ފިލްމުން ދައްކުވައިދީފައިވެ އެވެ. "ޕެލޭ: ބާތް އޮފް އަ ލެެޖެންޑް" ގައި ދައްކުވައިދެނީ ޕެލޭގެ އުމުރުން ނުވަ އަހަރާއި 17 އަހަރުގައި ކުރިމަތިލާފައިވާ ކަންތައްތަކެވެ.

ފިލްމުގެ ޑިރެކްޝަނާއި ކާސްޓާއި މެދު ޕެލޭ ހިތްހަމަޖެހޭ ކަމަށް އޭނާ ބުނެފައިވެ އެވެ. އޭނާގެ ކެރެކްޓާ ދައްކުވައިދޭ ދެ އެކްޓަރުންގެ ހުނަރު ސްކްރީނުންނާއި ފުޓުބޯޅަ ދަނޑުން ފެނިފައިވާ ކަމަށާއި އެ ދެކުދިންނަކީ ތަރިން ކަމަށް ޕެލޭ ބުނެފައިވެ އެވެ.

ފިލްމުގައި ނުވަ އަހަރުގެ ޕެލޭގެ ބައި ކުޅެފައިވަނީ ލިއޮނާޑޯ ކާވާލޯ އެވެ. އަދި، 17 އަހަރުގެ ޕެލޭގެ ރޯލުން ފެނިގެން ދަނީ ކެވިން ޑި ޕައުލާ އެވެ. މުޅި ފިލްމް ޝޫޓްކޮށްފައި ވަނީ ބްރެޒިލްގެ އެކި ސަރަހައްދުތަކުގަ އެވެ. މި ފިލްމަށް މިއުޒިކް ތައްޔާރުކޮށްދީފައި ވަނީ އޭއާރް ރަހްމާން އެވެ. މި ފިލްމު ނެރުމަށް ހަމަޖެހިފައި ވަނީ މެއި 13ގަ އެވެ.

އެލިސް: ތްރޫ ދަ ލުކިން ގްލާސް

ޓިމް ބާޓަންގެ އެލިސް އިން ވޮންޑަލޭންޑްގެ ސީކުއެލް "އެލިސް: ތްރޫ ދަ ލުކިން ގްލާސް" އަކީ ލިޔުންތެރިޔާ ލުއިސް ކެރޮލްގެ "ދަ ލުކިން ގްލާސް" ވާހަކައިގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ޖޮނީ ޑެޕް، މިއާ ވަސިކޮވްސްކާ، ރީސް އިފަންސް، ހެލެނާ ބޮނަމް ކާޓާގެ އިތުރުން ސާޝާ ބެރޮކް ކޯހެން މި ފިލްމުން ފެނިގެންދެ އެވެ. އަދި، ފިލްމުގެ އެކި ރޯލުތަަކަށް އެލެން ރިކްމަން، ސްޓިވެން ފްރައި، އަދި މައިކަލް ޝީން އަޑުއަޅާދީފައިވެ އެވެ. މިއީ، ރިކްމަން މިއަހަރު ކުރީ ކޮޅު މަރުވުމުގެ ކުރިން ނިންމާފައިވާ ފިލްމެކެވެ.

މި ފިލްމުގައި އެލިސް، ވޮންޑަލޭންޑަށްގޮސް، މޭޑް ހެޓަރ ސަލާމަތްކުރުމަށާއި ފިލްމުގެ ވިލަން ޓައިމް ބަލިކުރުމަށް މަސައްކަތްކުރެ އެވެ. މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މެއި 27ގަ އެވެ.