ހޮލީވުޑް

ޑިލަންގެ ބަދަލުގައި ހެރީ ސްޓައިލްސް ޓީން ވޮލްފް އިން ފެނިދާނެ

ދޭން މިއުޅޭ ހަބަރަކީ ބައެއް މީހުންނަށް އުފާވެރި އަދި ބައެއް މީހުންނަށް ހިތާމަވެރި ހަބަރަކަށްވެސް ވެދާނެ އެވެ. "ވަން ޑައިރެކްޝަން" ގެ ހެރީ ސްޓައިލްސް "ޓީން ވޮލްފް" އަދި "ސްކްރީމް ކުއީންސް" އަށް ގެންނަން އުޅޭ ކަމަށް ފެތުރެމުންދާ ހަބަރެވެ. މި ޝޯ އަކީ ހޮލީވުޑްގެ ކުޑަ ސްކްރީންގެ މަގުބޫލު ދެ ޝޯ އެވެ. ވަން ޑައިރެކްޝަން ރޫޅާލަން އުޅޭ ކަމުގެ ވާހަކަތަކެއްވެސް ވަނީ ދުވަސްކޮޅެއް ކުރިން ނިކަން ގަދައަށް ދެކެވިފަ އެވެ.

މިކަމަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފަ އެވެ. ހެރީ އަށް އެންމެ ރަނގަޅު އެކްޓިން އެއް ދެއްކިދާނެ ކަމާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ހޮލީވުޑް ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުގައި ބުނަނީ ހެރީ ފެންނާނެ ކަމަށް ބެލެވެނީ ޓީން ވޮލްފްގެ އެންމެ މަގުބޫލު ކޯ ސްޓާރު ކަަަމަށްވާ ޑިލަން އޮބްރާޔަން ކުޅެމުންދާ "ސްޓައިލްސް" ގެ ކެރެކްޓަރުން ކަމަށެވެ.

ޑިލަން އަށް ދާދިފަހުން ވަނީ އޭނާ ލީޑް ރޯލުން ފެނިގެންދާ "މޭޒް ރަނާ"ގެ ތިންވަނަ ފިލްމުގެ ޝޫޓިންގެ ތެރެއިން ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ. މިކަމާއި ގުޅިގެން ފިލްމުގެ ޕްރޮޑަކްޝަން އެއްކޮށް ހުއްޓި ފިލްމު ރިލީޒުކުރަން ނިންމާފައިވާ ތާރީހަށް ބަދަލު އައިސްފައިވާ ކަމަށްވެސް ވެ އެވެ.

ސްކްރީމް ކުއީންސް އަކީ މަޝްހޫރު އޭލިސްޓު ތަރިން ކަމަށްވާ ޖެއިމީ ލީ ކާޓިސް އާއި ލިއާ މިޝެލް އާއި ނިކް ޖޯނަސް އަދި އާރިއާނާ ގްރާންޑޭ މުހިންމު ރޯލުތަކުން ފެނިގެންދާ ސީރީޒް އެކެވެ. އެހެން ކަމުން އެ ސީރީޒް އަށް ހެރީ ސްޓައިލްސް ގެންނަން އުޅޭ ކަމަށް ދެކެވޭ ވާހަކައަކީ ގަބޫލުކުރަން އެހާ އުނދަގޫ ވާހަކައަކަށް ނުވެދާނެއެވެ.

ސްކްރީމް ކުއީންސްގެ ދެވަނަ ސީޒަން މި އަހަރުގެ ފަހުކޮޅު ދައްކާއިރު ޓީން ވޮލްފް ދެން އެނބުރި އަންނާނީ ހަވަނަ ސީޒަންއަށެވެ. ހެރީ ސްޓައިލްސް، އަދި ޓީން ވޮލްފް އަދި ސްކްރީމް ކްއީންސްގެ ޓީމުން މި ވާހަކަތަކާއި ބެހޭގޮތުން އެއްވެސް ވާހަކައެއް މީޑިއާ އަށް ހިއްސާކޮށްފައި ނުވާތީ މިވާހަކަތަކުގެ ހަގީގަތެއް ކަށަވަރެއް ނުވެ އެވެ.