ރައީސް އަބްދުﷲ ޔާމީން

ބަނދަރާއި މަގު ހުޅުވަން މާދަމާ ރައީސް ދ. ގެ ހަތަރު ރަށަކަށް

ދ. އަތޮޅުގެ ހަތަރު ރަށަކަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މާދަމާ ވަޑައިގަންނަވަން ނިންމަވައިފި އެވެ. މި ދަތުރުފުޅުައި މާދަމާގެ މެންދުރުފަހު ރައީސް ޔާމީން ފުރަތަމަ ވަޑައިގަންނަވާނީ، ދ. ކުޑަހުވަދޫއަށެވެ. އެ ރަށަށް ވަޑައިގެން އެ ރަށުގައި ތަރައްގީކުރި މަގު ހުޅުވައިދެއްވާ ބަނދަރު ވެސް ހުޅުވައިދެއްވާނެ އެވެ.

މީގެ އިތުރުން ސުނާމީއަށް ފަހު ދ. ވާނީގެ ރައްޔިތުން ކުޑަހުވަދޫއަށް ބަދަލުކޮށް ނިންމުމުގެ ރަސްމިއްޔާތު ވެސް މާދަމާ ހަވީރު އެރަށުގައި އޮންނާނެ އެވެ. އެ ރަސްމިއްޔާތުގައި ވެސް ރައީސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

އަންގާރަ ދުވަހުގެ ހެނދުނު ރައީސް އެ އަތޮޅު މީދޫއަށް ވަޑައިގަންނަވާނެ އެވެ. މީދޫއަށް ރައީސް ވަޑައިގަންނަވަނީ އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތަށެވެ.

އެ ދުވަހުގެ މެންދުރު ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާއެނބޫދޫއަށެވެ. އެ ރަށަށް ރައީސް ވަޑައިގަންނަވަނީ އެ ރަށުގެ ބަނދަރު ހުޅުވައިދެއްވުމަށެވެ. ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބަނޑިދޫއަށެވެ. އެ ރަށަށް ވެސް ރައީސް ވަޑައިގަންނަވަނީ ބަނދަރު ހުޅުވައިދެއްވުމަށެވެ.