އަހުމަދު ރިލްވާން

ރިލްވާންގެ ބޭބެއަށް އަޒްލިފުގެ ކޮއްކޮ ބިރު ދެއްކި ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފި

May 2, 2016
5

ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ބޭބެ، މޫސާ ރިލްވާންއަށް ބިރު ދެއްކި ކަމަށް ތުހުމަތުކޮށް މީހަކު ހައްޔަރުކޮށްފި އެވެ. މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ، ރިލްވާން ގެއްލުވާލި މައްސަލާގައި ތުހުމަތުކުރެވޭ އަޒްލިފް ރައޫފްގެ ކޮއްކޮ، ހ. ހިލްޓަން އިބްރާހީމް އަލީފް ރައޫފް އެވެ.

ޕީޖީގެ އޮފިޝަލަކު މިއަދު އަވަސްއަށް ވިދާޅުވީ، މޫސާ ރިލްވާނަށް ބިރު ދެއްކުމުގެ ތުހުމަތަށް މިދިޔަ މަހުގެ 20 ވަނަ ދުވަހު އަލީފް ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އެ ދުވަހު ކޯޓަށް ހާޒިރުކުރުމުން ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ. މިހާރު އޭނާ ހުރީ ގޭބަންދުގަ އެވެ. އަލީފަކީ އެސްޓީއޯގައި ވަޒީފާ އަދާކުރާ އެތާނގެ މުވައްޒަފެކެވެ.

ޕީޖީއިން ވަނީ އަލީފް ގޭބަންދަށް ބަދަލުކުރި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެއީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އެ ދުވަހު ކޯޓުން ވަނީ އޭނާ ފުލުހުންގެ ބަންދަށް ބަދަލުކޮށްދިނުމަށް އެދޭ ސަބަބު ބަޔާންކޮށްދިނުމަށް އެދިފަ އެވެ. މި މައްސަލާގެ އަޑުއެހުމެއް މާދަމާ އޮންނާނެ އެވެ.

ރިލްވާން ގެއްލުވާލި މައްސަލާގައި މިހާތަނަށް ދެ މީހުން ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރެއިން އެކަކީ ހ. ހިލްޓަން އަހުމަދު އާލިފް ރައޫފް އެވެ. އޭނާއަކީ އަޒްލިފްގެ ކޮއްކޮ އެކެވެ. އަދި އަލީފުގެ ބޭބެ އެވެ. އާލިފަކީ ރިލްވާން އެރުވި ކަމަށް ބުނާ ރަތް ކާރުގެ ވެރިފަރާތެވެ.

ހ. ހިލްޓަން އިންތިފް ރައޫފް ވެސް ވަނީ ފުލުހުން ހައްޔަރުކޮށް، ދައުވާ އުފުލާފަ އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް ބަޑި އެތެރެކުރި ކަމުގެ ތުހުމަތުގަ އެވެ.