މިއަހަރުގެ ނައިޓު މާކެޓު 350 މޭޒާއެކު އަލިމަސް ކާނިވަލުގައި ރޭ ފަށައިފި އެވެ. ކުރީގެ ނައިޓް މާކެޓުގައި 750 ބެހެއްޓި އެވެ.
ކާނިވާ ސަރަހައްދުގައި އިއްޔެ ހަވީރުން ފެށިގެން މިމަހު 15 އާ ހަަމަޔަށް ގެންދާ ނައިޓު މާކެޓު އިންތިޒާމްކޮށް ކުރިޔަށް ގެންދިޔުމަށް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް މިއުޒިކް އެންޑް އާޓް ސެންޓާ (އެމްއެމްއޭސީ) އާއެވެ.
"އަވަސް" އަށް މައުލޫމާތު ދެއްވަމުން އެތަނުގެ ޗެއާމަން އަލީ އަބްދުލްކަރީމް ވިދާޅުވީ ކުރިއާ ހިލާފަށް މިއަހަރު ނައިޓް މާކެޓު ކާނިވަލުގައި ބާއްވަން ޖެހުނީ ލޮނުޒިޔާރަތް ކޮޅުގައި ބްރިޖުގެ މަސައްކަތް ކުރިޔަށްދާތީ ކަމަށާއި އެގޮތުން ނައިޓް މާކެޓު ކުރިޔަށް ގެންދިޔުމަށް މިހާރު ކާނިވާ ބަނދުކޮށް އިއްޔެ ފަށައިފަވާ ކަމަށެވެ.
"އަޅުގަނޑުމެން ގިނަ ބަޔަކަށް ފުރުސަތު ދޭން ބޭނުންވިޔަސް މަގުތައް ހަނިވުމުން އެންމެ ގިނަވެގެން ދެވެން އޮތީ 350." ކަރީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރީ ފަހަރުތަކުގައި ބާއްވާ ނައިޓް މާކެޓާއި މިފަހަރު ތަފާތު ވާނެ ކަމަށާއި އެގޮތުން އެހެން ފަހަރުތަކަށް ވުރެއް މިފަހަރުގެ ނައިޓު މާކެޓުގައި ސެކުރިޓީ ވަރުގަދަ ވާނެ ކަމަށެވެ. އެތަނުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ދިވެހި ސެކުއުރިޓީ ޕައިނީއާޒްއާ ހަވާލުކޮށްފައިވާ އިރު އެމީހުން ހުރިހާ ޒޯނުތަކުގައި ކެމެރާ އަޅައިގެން 24 ގަޑި އިރު ބަލަމުން ދާ ކަމަށެވެ. މީގެ އިތުރުން ކޮންމެ ވިޔަފާރިވެރިޔަކަށް 100،000 ރުފިޔާގެ އިންޝޫރަންސް ސްކީމެއްވެސް ތައާރަފްކޮށްފައިވާ ކަމަށް ކަރީމް ވިދާޅުވި އެވެ.
ނައިޓު މާކެޓު ހުޅުވިފައި ހުންނާނީ ހަވީރު 4:00 އަކުން 6:00 އަށް. އަދި ރޭގަނޑު 8:00 އަކުން 10:00 އަކަށެވެ.