ރާއްޖެ ކުޅިވަރު

ރާއްޖޭގައި ކުޅުމަކީ ރަނގަޅު ތަޖުރިބާއެއް: ޕާކިސްތާން ކީޕަރު

ރާއްޖޭގައި ކުޅުމަކީ އޭނާ އަށް ލިބޭނެ ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ބީޖީ އަށް ގެނެސްފައިވާ ޕާކިސްތާނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކީޕަރު ސާގިބް ހަނީފެ ބުނެފި އެވެ.

އޭނާ މިހެން ބުނީ ރާއްޖޭގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ވެލެންސިއާ އަތުން 3-0އިން ބަލިވި މެޗަށް ފަހު އެވެ.

"ރާއްޖޭގައި ކުޅުމަކީ އަހަންނަށް ލިބޭނެ ވަރަށް ބޮޑު ތަޖުރިބާއެއް. އެއީ އަހަރެންގެ ފުރަތަމަ މެޗު. އަހަރެން އުއްމީދު ކުރަނީ ކުރިއަށް އޮތްތަނުގައި ޕާފޯމަންސް ރަނގަޅުވާނެ. އަދި ސީޒަން ކިރިޔާ މި ފެށުނީ،" ވެލެންސިއާއިން އޭނާ ކޮޅަށް ތިން ގޯލު ޖެހި ނަމަވެސް އެކަމާ މާބޮޑު ފަރުވާލެއްނެތްކަން ދޭހަވާފަދަ ގޮތަކަށް ސާގިބް ބުންޏެވެ.

ސާގިބް ރާއްޖޭގައި ކުޅެން އައިސްފައިވަނީ އޭނާ ރާއްޖެ ދިއުމަށް ޕާކިސްތާނުގެ ގައުމީ ކޯޗު ޝެހެޒާދު އަންވަރު ލަފާދިނުމުންނެވެ.

"(ސާގިބް) ހަނީފް ގައުމުން ބޭރުގައި ކުޅުމަކީ ވަރަށް ރަނގަޅު ކަމެއް. މިއީ އޭނާ އަށާއި ޕާކިސްތާނުގެ ފުޓްބޯޅަ އަށް ވެސް ލިބޭނެ ކުރިއެރުމެއް. މީގެ ކުރިން ޕާކިސްތާނުގެ ކީޕަރަކު ގައުމުން ބޭރުގެ ލީގެއްގައި ކުޅެން ނުދޭ. އޭނާ އަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކުއްޖެއް. އެއީ އަހަރުމެންގެ ފުޓްބޯޅަ ސިސްޓަމުގެ ތެރެއިން ގައުމީ ޓީމަށް އައި ކުއްޖެއް. އޭނާ ދިޔައީ 2005 ވަނަ އަހަރުން ފެށިގެން އަހަރުމެންނާއެކު މަސައްކަތް ކުރަމުން،" ގައުމީ ކޯޗު ބުންޏެވެ.

ހަނީފް އަކީ ކުރިން ފޯވަޑަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ކީޕަރަށް ކުޅެން ފެށީ ކޯޗުންގެ އެދުމުގެ މަތީންނެވެ.

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ބީޖީ ކުޅޭ ދެ ވަނަ މެޗުގައި ސާގިބް ބުދަ ދުވަހު ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. އޭގެ ކުރިން ފާހަގަކުރަންޖެހޭ އެހެން ކަމެއް އެބައޮތެވެ. އޭނާ އަކީ އަޅުކަމަށް ނުހަނު ބޮޑު ސަމާލުކަމެއްދޭ ކުޅުންތެރިއެކެވެ. ޕްރެކްޓިސް ކުރަން ހުރެފައި މައުރިބް ނަމާދު ވަގުތު ޖެހުމުން އޭނާ ޓާފް ދަނޑުގައި ނަމާދުކުރި މަންޒަރު ފެނިފައި ގިނަބައެއްގެ ތައުރީފް ވަނީ ލިބިގެންގޮސްފަ އެވެ.