ރައީސް އަބްދުﷲ ޔާމީން

ޖިނާއީ އިޖްރާއަތުގެ ބިލް ތަސްދީގުކޮށްފި

May 2, 2016

"ޖިނާއީ އިޖުރާތުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ތަޞްދީގު ކުރައްވައިފިއެވެ. އެމަނިކުފާނު މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓްގައި މިހާރު ވަނީ ޝާއިއުކޮށްފަ އެވެ. މި ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިއަ މަހުގެ 18 ވަނަ ދުވަހު އެވެ.

ޖިނާއީ އިޖުރާތުގެ ބިލު ތަޞްދީގު ކުރެއްވުމުން، ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތެއްގެމަތިން ޖިނާއީ ކުށުގެ ތަހުގީގުތައް ކުރިއަށްގެންދިޔުމަށް މަގުފަހިކުރުމާއި، އެފަދަ ތަހުގީގުތައް ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށްގެންދިޔުމަށް ބޭނުންވާ އުސޫލުތައް ކަނޑައެޅިގެން ދާނެއެވެ.

އަދި ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ޙައްޤުތަކަށް އުނިކަން ނާންނާނެ ގޮތެއްގެމަތިން ޖިނާއީ ކުށުގެ ދަޢުވާ އުފުލުމަށް ބާރުއެޅުމާއި، އެފަދަ ދަޢުވާތައް، ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށްގެންދިޔުމަށް ބޭނުންވާ އުސޫލުތައް ވެސް ކަނޑައެޅިގެން ދާނެއެވެ.

މީގެ އިތުރުން، ޖިނާއީ މައްސަލަތަކުގެ ޝަރީޢަތްތައް ވީހާވެސް އިންޞާފުވެރިކޮށް، އަދި އެކަށީގެންވާ އަވަސް މިނެއްގައި ހިންގުމަށްޓަކައި ބޭނުންވާ އުސޫލުތައް ކަނޑައެޅިގެން ދާނެއެވެ. ބިލް ތަސްދީގު ކުރި ނަމަވެސް މި ބިލަށް އަމަލުކުރަން ފަށާނީ އަށް މަސް ދުވަހަށް ފަހު އެވެ.