އެމްއެމްއޭ

މިއަހަރު ދަރަނި ޖީޑީޕީގެ 65 ޕަސެންޓަށް އަރާނެ: އެމްއެމްއޭ

May 2, 2016
  • މިހާރު ދަރަނި ހުރީ 62 ޕަސެންޓްގައި
  • ދަރަނީ އިތުރުވަނީ ތަރައްގީގެ މަޝްރޫއުތައް އިތުރުވާތީ
  • ޖީޑީޕީ މިއަހަރު ކުރިއަރާނެ

މިއަހަރު ނިމޭ އިރު ރާއްޖޭގެ ދަރަނި ގައުމުގެ އުފެއްދުންތެރިކަމުގެ 65 ޕަސެންޓަށް އުފުލޭނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.

އެ ބޭންކުން ނެރެފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި މިއަހަރު ރާއްޖޭގެ އިގްތިސާދުގެ ހާލަތު ހުންނާނެ ގޮތާ ގުޅޭ ގޮތުން ހިމަނާފައިވާ ޗެޕްޓާގައި ބުނެފައި ވަނީ މިދިޔަ އަހަރު ނިމުނު އިރު ގައުމުގެ ދަރަނި އުފެއްދުންތެރިކަމުގެ މިންގަނޑުން ހުރީ، 62 ޕަސެންޓްގައި ކަމަށެވެ. އެހެން ނަމަވެސް މިއަހަރުގެ ނިމޭ އިރު އެ އަދަދު 65 ޕަސެންޓަށް މައްޗަށް އުފުލެނީ އެމްއެމްއޭ އިން ބުނި ގޮތުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަކަށް ހަރަދު ކުރުމަށް ބޮޑެތި ލޯނުތަކެއް ނަގާތީ އެވެ. އޭގެ ތެރެއިން 41 ޕަސެންޓް ދަރަންޏަކީ ރާއްޖޭގެ ބޭންކްތަކަށާއި ހަރަދުތައް ފޫބެއްދުމަށް ސަރުކާރުން އަމިއްލަ ފަރާތްތަކަށާއި ބޭންކްތަކަށް ވިއްކާ، ޓީބިލް އަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

ސަރުކާރުން ބޮޑެތި ލޯނުތަކެއް މިއަހަރު ނަގަނީ ހުޅުލެ-މާލެ ބްރިޖް ތަރައްގީ ކުރުމަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާ 100 މިލިއަން ޑޮލަރާއި، އެއާޕޯޓް ތަރައްގީ ކުރުމަށް ޖުމްލަ ތިން ބޭންކަކުން ނަގާ 800 މިލިއަން ޑޮލަރެވެ. މީގެ އިތުރަށް ވެސް ފެނާއި ނަރުދަމާ އަދި ބައެއް ބަނދަރުތައް ހެދުމުގެ ގިނަ މަޝްރޫއުތަކެއް ވެސް ލޯނު އެހީގައި ކުރިއަށް ދެ އެވެ.

ރައީސް ވިދާޅުވަނީ އުމްރާނީ ތަރައްގީގެ މަޝްރުއުތަކުގެ ސަބަބުން ބޮލަކަށް ޖެހޭ ދަރަނީ އިތުރުވީ ނަމަވެސް، ޖީޑީޕީ އިތުރަށް ފުޅާވެ، ދަރަނި އަދާ ކުރުމުގެ ގާބިލްކަން ރާއްޖޭގެ ހަތަރު ގުނަ އިތުރުވެގެން ދާނެ ކަމަށެވެ.

އެމްއެމްއޭގެ ރިޕޯޓްގައި ވެސް ބުނެފައި ވަނީ ޖީޑީޕީ މިއަހަރުގެ ތެރޭގައި 6.4 ޕަސެންޓަށް ކުރިއަރާނެ ކަމަށެވެ. މައިގަނޑު ސަބަބަކީ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އިތުރުވުން، އަދި ވިޒިޓް މޯލްޑިވްސް އަހަރުގެ ސަބަބުން ޓޫރިސްޓުން އަންނަ ވަރު އިތުރުވުން އަދި އިމާރާތް ކުރުމުގެ ދާއިރާއަށް އަންނަ ކުރިއެރުމެވެ. އެހެން ނަމަވެސް ޗައިނާ އާއި ޔޫރަޕްގެ އިގްތިސާދަށް އަންނަ ބަދަލެއްގެ އަސަރު ޓޫރިޒަމަށް ކޮށްފި ނަމަ، ޖީޑީޕީ ލަފާ ކުރި ވަރަށް ކުރި ނޭރުމުގެ ކަންބޮޑުވުން އޮތް ކަމަށް ވެސް އެމްއެމްއޭގެ ރިޕޯޓްގައިވެ އެވެ.

މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓާ ހަވާލާދީ އެމްއެމްއޭ އިން ބުނީ، ރިކަރަންޓް ހަރަދުތައް ވަކި ހަމައެއްގައި ހިފެހެއްޓިފައިވާ އިރު، ކެޕިޓަލް ހަރަދު މިއަހަރުގެ ތެރޭގައި ބޮޑުވެފައިވާ ކަމަށެވެ. އެގޮތަށް ދިމާ ވަނީ އަތޮޅުތަކާއި މާލޭގައި ހިންގޭ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބަޖެޓްގެ ބޮޑު ބައެއް ހާއްސަ ކޮށްފައި އޮތުމުން ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

މީގެ އިތުރަށް ބަޖެޓް ދަރަނިވާ އަދަދު، މިއަހަރުގެ ތެރޭގައި އުފެއްދުންތެރިކަން ނޫނީ، ޖީޑީޕީގެ ހަ ޕަސެންޓަށް ދަށްކުރެވޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. މިދިޔަ އަހަރު ބަޖެޓް ޑެފިސިޓް ވަނީ ހަތް ޕަސެންޓަށް އަރައިފަ އެވެ. ސަބަބެއް ކަމަށް އެމްއެމްއޭ އިން ބުނީ، މިއަހަރު މުޅިން އަލަށް ހަތަރު ބިލިއަން ރުފިޔާ ހޯދަން ބަޖެޓް ކޮށްފައިވާތީ އެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ބައެއް އާމްދަނީ ނުލިބުމުގެ ބިރު އޮތް ކަމަށް ވެސް އެމްއެމްއޭ އިން ފާހަގަ ކުރެ އެވެ. އެހެން ވެއްޖެ ނަމަ، ލަފާ ކުރާ އަދަދަށް ބަޖެޓް ދަރަނި ކުޑަ ނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމްއެމްއޭ އިން ބުންޏެވެ. މުޅިން އަލަށް އާމްދަނީ ލިބޭ މައިގަނޑު ދެބަޔަކީ، އެސްއީޒެޑް ތަރައްގީ ކުރަން ހުއްދަދޭ ފަރާތްތަކުގެ އަތުން ނަގާ ލައިސަންސް ފީ އަދި މުޅިން އަލަށް ރިސޯޓް ހަދަން ދޫކުރާ 10 ރަށުން ލިބޭ އާމްދަނީ އެވެ.

އެމްއެމްއޭގެ ރިޕޯޓްގައި އިތުރަށް ބުނެފައި ވަނީ އިންފްލޭޝަން މިއަހަރުގެ ތެރޭގައި، އިތުރަށް ދަށަށް ދާނެ ކަމަށް ބެލެވޭ ކަމަށެވެ. ސަބަބަކީ، ދުނިޔޭގެ ބާޒާރުގައި އަގުތައް ދަށަށް ދިޔުމާއި ތެލުގެ އަގުވެސް އިތުރަށް ދަށަށް ދާނެ ކަމަށް ބެލެވުމެވެ.