ފިނިޕޭޖް

ޝޯ ފަށާނީ ނުވައެއް ޖަހާއިރު، ގަދަ ތިނެކަށް ފަސް މިލިއަން ރުފިޔާގެ އިނާމް

May 2, 2016
3

ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އަދި އެންމެ އަގުބޮޑު ޓީވީ ޝޯ، މޯލްޑިވިއަން އައިޑޮލް މިރޭ ނިމުމަކަށް އަންނަނީ އެވެ. މިރޭ ނުވައެއް ޖަހާއިރު ފަށާ މި ޝޯގެ ސްޓޭޖު ތަފާތު އެތައް ޕާފޯމެންސަކަށް ތައްޔާރުކޮށްފައިވާއިރު އެންމެ ހާއްސަކަމަކީ ޝޯގެ ތިން ފައިނަލިސްޓުންނަށް ދޭ އަގުބޮޑު އިނާމުތަކެވެ.

މި އިނާމްތަކާ ބެހޭ ތަފްސީލެއް ނެތް ނަަމަވެސް މިރޭގެ ޝޯގައި ޝަލަބީ އިބްރާހިމް އާއި މުހައްމަދު އިޝާން އަދި ލައިޝާ ޖުނައިދަށް ހާއްސަކޮށްފައިވާ އިނާމުގެ އަގު ފަސް މިލިއަން ރުފިޔާ އަށް އަރަ އެވެ. މިއީ އަދި ޝޯގެ ޓައިޓްލް ކާމިޔާބުކުރާ ފަރާތަށް ޕީއެސްއެމް އިން ކަނޑައަޅާފައިވާ ފައިސާގެ ރަސްމީ އަދަދު 250،000 ރުފިޔާގެ އިތުރަށް ދެވޭ އަގުބޮޑެތި އިނާމްތަކެވެ.

މޯލްޑިވިއަން އައިޑޮލް ކާމިޔާބުކުރާ ފަރާތަކަށް 250،000 ރުފިޔާގެ އިތުރުން 2.5 މިލިއަން ރުފިޔާގެ އިތުރު އިނާމް ގާތްގަނޑަކަށް ލިބޭނެ އެވެ.

މޯލްޑިވިއަން އައިޑޮލް އަށް ލަވަކިޔުންތެރިން ހޮވާފައި ވަނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކުރިއަށް ގެންދިޔަ އޮޑިޝަންތަކަކުންނެވެ. ގާތްގަނޑަކަށް 600 އެއްހާ ބައިވެރިން އޮޑިޝަންތަކަށް ގޮސް ލަވަކިޔާފައިވާއިރު ޝޯގެ ދެ ވަނަ ރައުންޑް، ތިއޭޓާ ރައުންޑަށް 45 ލަވަކިޔުންތެރިން ނެގި އެވެ.

މޯލްޑިވިއަން އައިޑޮލް ހޮވަނީ، ޝޯގެ ތިން ޖަޖުންގެ 50 ޕަސެންޓް ވޯޓާއި އާންމުންގެ 50 ޕަސެންޓް ވޯޓުންނެވެ.

ކުރިއަށް މިރޭ އޮތީ މޯލްޑިވިއަން އައިޑޮލްގެ 30 ވަނަ ޝޯ އެވެ. މި ޝޯގެ ޓައިޓްލް ސްޕޮންސަރަކީ ދިރާގު އެވެ. މެއިން ސްޕޮންސަރުންނަކީ ލޮޓަސް، ވަޓިކާ، އެލައިޑް އިންޝުއަރެންސް އަދި މޯލްޑިވިއަން އެވެ.

ޝޯގެ ގަދަ ތިނެކަށް ފަސް މިލިއަން ރުފިޔާގެ އިނާމް ހުށަހަޅާފައި ވަނީ ސްޕޮންސަރުންނެވެ.

އަބިޖީތާއެކު އިތުރު އެތައް ފަންނާނުންތަކެއް މިރޭ ފެނިގެންދާނެ

މިރޭ ވެގެންދާނީ ރާއްޖޭގެ ޓީވީގެ ތާރީޚުގައި އަންނަ އެންމެ ކުލަގަދަ އަދި އެންމެ ފޯރިގަދަ ރެއަށެވެ. މޯލްޑިވިއަން އައިޑޮލްގެ ގްރޭންޑް ފިނާލޭ ސެގްމަންޓް ހާއްސަވަނީ އެތައް ސަބަބުތަކަކާ ގުޅިގެންނެވެ.

ފުރަތަމަ މޯލްޑިވިއަން އައިޑޮލް ހޮވިގެންދާއިރު މި ޝޯގެ ހާއްސަ މެހްމާނެއްގެ ގޮތުގައި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބިޖީތު ބަޓްޗަރްޔާ ސްޓޭޖު މަތިން ފެނިގެންދާނެ އެވެ. އޭނާގެ އިތުރުން ޝޯގެ ތިން ޖަޖުން ކަމުގައިވާ އައްމަޑޭ އާއި އުނޫޝާ އަދި ކުޑައިއްބެގެ ހާއްސަ ޕާފޯމެންސަތަކެއް ވެސް މިރޭގެ ޝޯގައި ފެނިގެންދާނެ އެވެ.

މީގެ އިތުރުން ރާއްޖޭގެ ނިކަން މަޝްހޫރު މިއުޒިކް ބޭންޑެއް ކަމުގައިވާ ޑިޓިއުން ބޭންޑް އަދި މަޝްހޫރު ޑާންސް ގްރޫޕް، ކޮރިއެޓިކްސްގެ އާދަޔާހިލާފު ޕާފޯމެންސެއް ވެސް ކުރިއަށް އެބައޮތެވެ. މޯލްޑިވިއަން އައިޑޮލްގެ އެކި ސްޓޭޖުތަކުގައި ޝޯ އިން ކަޓައިގެން ދިޔަ ބައެއް ހާއްސަ މޫނުތައް ވެސް މިރޭގެ ޝޯގައި ފެނިގެންދާނެ އެވެ.

އެއަށް ފަހު މޯލްޑިވިއަން އައިޑޮލްގެ ތިން ފައިނަލިސްޓުގެ ޑުއެޓް ޕާފޯމެންސްތައް ވެސް ވަރަށް ހާއްސަ އެވެ. ޝަލަބީ ލަވަކިޔާނީ މީރާއާ އެކުގަ އެވެ. ރާފިޔަތު ރަމީޒާއާ އެކު އިޝާން ފެނިގެންދާއިރު ލައިޝާގެ ޑުއެޓް ބައިވެރިޔަކީ ޝައްމޫ އެވެ.