ރައީސް އަބްދުﷲ ޔާމީން

ޑިމޮކްރަސީ ވަށައިގެން އެނބުރުމަކުން ކަންކަން ހާސިލެއް ނުވާނެ: ރައީސް

  • މިހާރު ކުރާ މުޒާހަރާތަކުގައި ރައްޔިތުންގެ އަޑެއް ނުއުފުލާ
  • ރާއްޖެ ގުޅޭނީ ދާހިލީ ކަންކަމާ ނުބެހޭ ގައުމުތަކާ
  • ރާއްޖެ ބަދުނާމުކޮށްގެން ލިބޭ އެއްޗެއް ނެތް

ޑިމޮކްރަސީގެ ކިއްލާ ވަށައިގެން އެނބުރިގެން ރައްޔިތުން ބޭނުންވާ ތަރައްގީ ހާސިލެއް ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. ރައީސް ވިދާޅުވީ، ޑިމޮކްރަސީ ގަބޫލުކުރީ ދުނިޔޭގައި އެއަށްވުރެ ރަނގަޅު އެހެން ނިޒާމެއް ނެތުމުން ކަމަށެވެ.

ދ. ކުޑަހުވަދޫގެ ބަނދަރާއި މަގުތައް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ހަމައެކަނި ޑިމޮކްރަސީގެ ވާހަކަތައް ދައްކައިގެން ބޭނުންތައް ފުދިގެން ނުދާނެ ކަމަށާއި ޑިމޮކްރަސީގެ ލޭބެލް ތެރޭގައި އުޅޭއިރު ވެސް އާމްދަނީ ހޯދުމަށް މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ.

"ޑިމޮކްރަސީގެ ކިއްލާ ވަށައިގެން އެނބުރިގެނެއް ހަމައެކަނި އަޅުގަނޑުމެންނަށް ބޭނުންވާ ކަންތައްތައް ހާސިލެއް ނުވާނެ، ޑިމޮކްރަސީއަކީ އެބަޔަކު ބޭނުންވާ ގޮތަކަށް އަގުލަބިއްޔަތަށް ތަބާވާ ގޮތަށް އުޅޭ ނިޒާމެއް،" ރައީސް ވިދާޅުވި އެވެ.

އިއްޔެ ބޭއްވި މޭޑޭ ހިނގާލުމަށް އިޝާރަތްކުރައްވާ ރައީސް ވިދާޅުވީ، އެ ހިނގާލުން އެހާ އަވަހަށް ރޫޅިގެން ދިޔައީ ރައްޔިތުންނާ ގުޅުންހުރި އެއްވެސް ހިޔާލެއް ފާޅުކޮށްފައިނުވާތީ ކަމަށެވެ. އަދި އިއްޔެ އާމްދަނީ ނުލިބިގެން އަޑުއުފުލާފައިވާއިރު، ގެދޮރު ނެތިގެން އުޅޭ މީހުންނާއި ސުނާމީގައި ގެއްލުންވި ފަރާތްތަކުގެ ހައްގުތަކަށް ގޮވާލާފައިނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖެގައި ޑިމޮކްރަސީގެ ނިޒާމް ގާއިމުކޮށްފައިވަނީ އެއަށްވުރެ ރަނގަޅު ނިޒާމެއް ދުނިޔޭގައި ނެތީމަ ކަމަށެވެ. އެ ނިޒާމް ބަލަގަތީ ގިމިހނަ ބަޔެއްގެ ހިޔާލާއި ރައުޔު ހިމެނޭ ގޮތަށް ކުރިއަށްދާ ނިޒާމެއް ކަމަށް ވާތީ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ޑިމޮކްރަސީއަށް ރާއްޖެ ފައްކާވަމުންދާއިރު، މަދު ބަޔަކު ވިސްނާ ގޮތަށް ރާއްޖޭގައި ކަންކަން ނުހިނގާ ނަމަ، ބޭރު ގައުމުތަކަށް ގޮސް ރާއްޖެ ބަދުނާމްކުރަން ދައްކާ ވާހަކަތަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި ނެތްވަރުގެ ކަންކަމުގެ ވާހަކަތައް ދައްކައި ރާއްޖެ ބަދުނާމުކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވާ ވާހަކަ ތަކުރާރު ކުރެއްވި އެވެ. އެފަދަ ވާހަކަތައް ދައްކާ ފަރާތްތަކީ ހަމަ ދިވެހި ރައްޔިތުންތޯ ރައީސް ވަނީ ސުވާލު އުފައްދާފަ އެވެ.

"ދިވެހި ރާއްޖެއަށް ނިކަމެތިކަން ގެންނަން މިކުރާ މަސައްކަތް ހަމަ ސުވާލު އުފެދޭ މިއީ ވެސް ދިވެހި ދަރިންތޯ ދިވެހި ފަސްގަނޑު ދެކެ ލޯބިވާ ދިވެހި ދަރިންތޯ، ދިވެހިރާއްޖޭގައި ނެތްވަރުގެ ކަންތައްތައް މުޅި ދުނިޔެއިން ވެސް ކަންބޮޑުވާ ސަމާލުކަން ހުއްޓިފައި ހުންނަ ކަންތައްތަކުގެ ވާހަކަ ދައްކާ ސަބަބު ނުވިސްނޭ، މިކަންކަމާ ހުރެ ރާއްޖެ ދިމާވާ ހުރިހާ ކަމެއް މިދިމާވަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް އެހީވާ ގައުމުތަކުން ރާއްޖެއާމެދު ކަންބޮޑުވުންތައް ފާޅުކޮށްފައިނުވާ ކަމަށާއި، އެފަދަ ވާހަކައެއް އެ ގައުމުތަކުން ނުދައްކާ ކަމަށެވެ. ރާއްޖޭގައި ޑިމޮކްރަސީ ނެތް ކަމަށް ބުނެ ވާހަކަ ދައްކާ ގައުމުތަކުން ރާއްޖެ ވެދެނީ ކިހާ ވަރެއްގެ އެހީއެއްތޯ ވެސް ބަލަބންޖެހޭ ކަމަށެވެ.

ރާއްޖެއަށް އެހީތެރިކަން އެންމެ ބޮޑަށް ފޯރުކޮށްދެނީ އަރަބި ގައުމުތަކުންކަން ރައީސް ފާހަގަކުރެއްވި އެވެ. އެގައުމުތަކުގައި ރާއްޖޭގައި ޑިމޮކްރަސީ ނެތް ކަމަށް ނުބުނާއިރު، އެ ގައުމުތަކުގައި ވެސް ތިއްބަވީ ދިމިކްރާތީ އުސޫލުތައް ގަބޫލުކުރައްވާ ވެރިން ކަމަށެވެ.

"ހިޔާލުފުޅުގައި ބަހައްޓާ، ރާއްޖެއަށް ކޮންދިމަދިމާލަކުންހޭ އެހީވަނީ، އަރަބި ދައުލަތްތަކަކުން އަޅުގަނޑުމެންގެ އިސްތިގުލާލަށް މިނިވަންކަމަށް ގެއްލުންވާނެ ކުޑަވެސް ވާހަކައެއް ނުދައްކާ، އަދި ރާއްޖޭގައި ޑިމޮކްރެސީ ނެތިގެންވެސް އެގައުމުތަކުން ކަންބޮޑުވެގެން ވާހަކައެއް ވެސް ނުދައްކާ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ޖިހާދަށް ދާ މީހުން ތަމްރީނުކުރުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު ދައްކަވާފައިވާ ވާހަކަތަކަށް އިޝާރަތްކުރައްވާ ރައީސް ވިދާޅުވީ، އެފަދަ ވާހަކަތައް ދައުލަތުގެ އިސްމަގާމުގައި ތިއްބެވުމަށްފަހު ދެއްކުމަކީ ދެރަ ކަމެއް ކަމަށެވެ. އަދި އެ ބޭފުޅުން ހިދުމަތްކުރަން ދެން ތިބީ ހަމަ ދިވެހިންނަށްވާއިރު ދިވެހިންގެ އަގު ވެއްޓޭފަދަ ވާހަކަތައް ދައްކައިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.