ފިނިޕޭޖް

ލައިޝާ: މޯލްޑިވިއަން އައިޑޮލްގެ ފިސާރި އަންހެނާ!

އޭނާގެ އޮޑިޝަން ވެސް ވަރަށް ހާއްސަ އެވެ. ގަޓުހުރި، ކެރޭ، ފިސާރި އަންހެން ދަރިއެއްކަން އޭނާ ވަނީ އެ ދުވަހު ވެސް މުޅި ރާއްޖެ އަށް ސާބިތުކޮށްދީފަ އެވެ.

ލައިޝާ ޖުނައިދު، މޯލްޑިވިއަން އައިޑޮލްގެ ގަދަ ތިނެއްގައި ހިމެނި މި ޝަރަފްވެރި ޓައިޓްލްއާ ފިޔަވަޅަކަށް ގާތަށް ޖެހިލާފައިވާއިރު މިއީ ހަގީގަތުގައި މުޅި މި ދިވެހި ރާއްޖެ ވެސް ފަހުރުވެރިވާން ޖެހޭ ވަރުގެ ބޮޑު ކާމިޔާބީއެކެވެ. ވަކިން ހާއްސަކޮށް ފިސާރި އަންހެނާގެ ހިޔާލާއި ފިކުރަށް ތާއީދުކުރާ ފަރާތްތަކަށް ލިބުނު މޮޅެެކެވެ.

އެކަމަކު ފާހަގަކޮށްލަން ޖެހެނީ މޯލްޑިވިއަން އައިޑޮލްގެ މި އާދަޔާހިލާފު ދަތުރުގައި ލައިޝާ ދަތުރުކޮށްފައިއެވާ މަގާމަށް އޭނާ ދިޔައީކީ ހަމައެކަނި އަންހެނަކަށް ވެގެންކަން ނޫން ކަމެވެ. ހުރިހާ ވެސް ޝުކުރެއް އޭނާގެ އާދަޔާހިލާފު އަޑަށާއި ލަވަކިޔުމުގެ އެ ހުނަރުވެރިކަމަށާއި އެ ފަހުރުވެރި ކެރެކްޓާއަށެވެ.

ލައިޝާގެ މި ކާމިޔާބީއެއްގެ ވާހަކަ ދައްކާއިރު އަންހެނަކަށް ވުމުން ނުވަތަ "ޓޮމްބޯއި" ސްޓައިލްގެ ގަދަފަދަ އަންހެނަކަށް ވެގެން އޭނާ އަށް ބަޔަކު މީހުން ފާޑުކިޔައި އޭނާގެ ރީތި ނަން އަދި ވަކިން ހާއްސަކޮށް އަންހެނުންނަށް ލިބުނު މި ކާމިޔާބީ އަށް ހިޔަނި އެޅޭ ފަދަ ގޮތަކަށް ހަމަލާތަކެއް އަމާޒުކުރިކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ. އެކަމަކު ފާޑުކިޔުމަކަށް ނުގުޑާނެކަން ލައިޝާ އެ ދަނީ ފުރަތަމަ ޝޯ އިން ފެށިގެން ސާބިތުކޮށްދެމުންނެވެ.

ފަހަރެއްގައި ރާއްޖޭގެ އިޖުތިމާއީ އަހުލާގުގެ ޗެމްޕިއަނަކަށް ނުވަތަ ހަގީގީ ޑޮކްޓަރަކަށް ވުން އެންމެ ހައްގު އެކަަކަކީ މިއީ އެވެ.

ކާމިޔާބީ އަކީ އަބަދުވެސް އޭނާގެ އަމާޒު!

އެކަން އެނާ އެގެންދަނީ ޕްރައިމަރީ ގްރޭޑްތަކުން ފެށިގެން ސާބިތުކޮށްދެމުންނެވެ. އަދި ވަކިން ހާއްސަކޮށް މޯލްޑިވިއަން އައިޑޮލް ފަދަ ބޮޑު ލަވަމުބާރާތެއްގައި ވާދަކުރަމުން އަންނައިރު ވެސް ކިޔެވުމަށް އޭނާ ދޭ ސަމާލުކަމާއި ހާއްސަ ކަމަކީ އޭނާގެ އަހުލާގާއި ތައުލީމީ އަމާޒުތައް ސާބިތުކޮށްދޭ ކަމެކެވެ.

ގްރޭޑް ބާރައިގައި މިހާރު ކިޔަވަމުން އަންނަ ލައިޝާގެ ތައުލީމީ ކާމިޔާބީތައް ފޮތެއްގައި ލިޔެ ހުސްވާނެހެނެއް ވެސް ހީއެއް ނުވެ އެވެ. ސްކޫލް ލައިފް ކިހިނެތްތޯއޭ ސުވާލުކޮށްލުމުން އޭނާ ދިން ޖަވާބު ތިރީގައި މި އޮތީ އެވެ.

"މިހިސާބަށް އައިއިރު ވަރަށް ސަޅިއޭ ބުނެވޭނީ ކިޔެވުން. ޕްރައިމަރީގައި ސްކޫލްގެ އެކްޓިވިޓީ ކެޕްޓަން. އަމީނިއްޔާގައި އަޅުގަނޑަކީ ސްކޫލް ކެޕްޓަން. އޭރު އޯލެވެލް އިން ލިބުނީ ރާއްޖެ އިން ފަސްޓް ޕްލޭސް. އަށް މާއްދާ ހެދިއިރު ހަ މާއްދާ އިން އޭ ސްޓާ. ދެ މާއްދާ އިން އޭ ލިބުނީ. ދެން ސީއެޗްއެސްސީ އަށް އައިސް މިހާރު އަޅުގަނޑަކީ އަނެއްކާވެސް ގޭމްސް ކެޕްޓަން،" ލައިޝާ ކިޔައިދިނެވެ.

ފަހަރެއްގައި އޭނާގެ މި ހުރިހާ ކާމިޔާބީއެއްގެ ސިއްރަކީ ކަމެއްގައި ފެއިލްވެދާނެ ކަމަށް ގަންނަ ބިރާއި އެފަދަ ނާކާމިޔާބީއަކާ ކުރިމަތިނުލުމަށް އޭނާ ކުރާ ހިތްވަރާއި މަސައްކަތެވެ.

"އަޅުގަނޑަކީ ފެއިލްވެދާނެ ކަމަށް ވަރަށް ބިރު ގަންނަ މީހެއް. މިސާލަކަށް ލައިފްގައި ކަމެއްގައި ފެއިލްވެއްޖެ ނަމަ އެއީ އަޅުގަނޑު ބިރުގަންނަ ކަމެއް. އަބަދުވެސް އެ ކަމެއް ވާނެ ކަމަށް މަސައްކަތްކުރަނީ، ސަކްސީޑްވާން ކަމެއް ކުރަން ބޭނުންވަނީ،" ލައިޝާ ކިޔައިދިނެވެ.

އޭނާ ބުނީ އެންމެ ބޮޑު ސަމާލުކަމެއް ދޭ އެއްކަމަކީ ތަރުތީބު ކަމަށެވެ.

"އަޅުގަނޑަކީ ވަރަށް ތާވަލަކަށް ކަންތައް ކުރަން ޖެހޭ މީހެއް. އެހެން ނޫނިއްޔާމު ވަރަށް އުނދަގޫވާނެ. ބައެއް ކުދިން އުޅޭނެ މިސާލަކަށް މާދަމާ ޓެސްޓް އޮންނަ ނަމަ މިއަދު ކިޔަވާ ކުދިން. އެގޮތަކަށް އަޅުގަނޑަކަށް ނުވާނެ. މާ ބޮޑަށް ޕެނިކްވާނެ އެހެންވެއްޖެއްޔާމު،" ލައިޝާ ބުންޏެވެ.

މި ސަބަބާ ހެދި އޭނާގެ ލަވަކިޔުމާއި ކިޔެވުން ވަނީ ނިކަން ރަނގަޅު ތަރުތީބަކަށް ބަހާލައިފަ އެވެ.

ވަރަށް މަޖާ، ވަރަށް އަނގަގަދަ!

މިއީ ލައިޝާގެ އެންމެ ހާއްސަ އެއް ސިފަ އެވެ. އޭނާއާ ޓިއުނު ނުވާނެ މާހައުލެއް ނުވަތަ މޫޑެއް ނުވަތަ މީހަކު ވެސް ނެތޭ ބުނެވިދާނެ އެވެ.

ސްކޫލްގައި އުޅުނުއިރު ވާހަކަ ދެއްކުމުގެ މުބާރާތްތަކުގައި އޭނާ އަށް ލިބިފައިވާ ކާމިޔާބީތަކާ ބެހޭ ގޮތުން އެއްކުރެވުނު މައުލޫމާތެއް ނެތަސް ލައިޝާ އަކީ ކޮންމެ ކަހަލަ އަނގަތެޅުމަކަށް ވެސް ފިސާރި އަންހެނެއްކަން އޭނާ މި ވަނީ މޯލްޑިވިއަން އައިޑޮލްގެ ދިގު ދަތުރުގައި ސާބިތުކޮށްދީފަ އެވެ.

މީހުން ބުނެ ވެސް އުޅެއެއް ނޫން ހެއްޔެވެ. އަނގަގަދަވި ވަރަކަށް އެމީހެއްގެ ވިސްނުމާއި އިލްމާއި ހިލްމު މުއްސަނދިވެ އެވެ. ލައިޝާ ޖުނައިދަކީ އޭގެ މިސާލެކެވެ.

މަޖާ ނުވަތަ މީހުންނާ ގުޅޭ އުފާވެރި ކެރެކްޓާއެއްގެ އިތުރުން ލައިޝާގެ އަނެއް ހާއްސަ ސިފައަކީ ފިރިހެން ކުދިން ގިނަ މި ޕްލެޓްފޯމްގައި އޭނާ ދެއްކި ހިތްވަރެވެ. ޝޯގައި ދެމިހުރި އެންމެ ފަހު އަންހެން ކުއްޖާ އަށް ވުމަކީ ވެސް ޔަގީނަށް ލިބޭނެ ވަރަށް ބޮޑު ކާމިޔާބީއެކެވެ.