ފިނިޕޭޖް

މޯލްޑިވިއަން އައިޑޮލްގެ އަލީ ރަމީޒަކީ މިއީ!

އެއީ ޝަލަބީ އިބްރާހިމްއޭ ބައެއް މީހުން ބުނެފާނެ އެވެ. އެކަމަކު އަލީ ރަމީޒަށް ވާން ޝަލަބީ އެއްގޮތަކަށް ވެސް ބޭނުމެއް ނުވެ އެވެ. އަލީ ރަމީޒުގެ ފިޔަވަޅުމަތިން ހިނގަން ބޭނުންވަނީ އަދި ތަކުރާރުކޮށް އެ ވާހަކަ ދައްކައި ލަވަކީ އަލީ ރަމީޒުގެ ކިބައިން ހިތްވަރު ލިބިގަންނަމުން ދަނީ 21 އަހަރުގެ ހިތްގައިމު އަޑު، މުހައްމަދު އިޝާން އެވެ.

މިއީ އަލީ ރަމީޒެކޭ ބުނާ ފެންވަރުގެ ލަވަކިޔުންތެރިއެކެވެ. އޭނާގެ އަޑުގައި ވެސް އަލީ ރަމީޒުގެ އިހްސާސެއް އެބަވެ އެވެ. އޭނާގެ ފޮލޯވަރުންގެ ފޯރީގައި ވެސް އަލީ ރަމީޒުގެ އިހްސާސެއް އެބަވެ އެވެ.

ހަނދާން ބަލި ނޫން ކަމުގައި ވަނީ ނަމަ، މޯލްޑިވިއަން އައިޑޮލްގެ މި ދަތުރެއްގައި އަލީ ރަމީޒުގެ ލަވަތަކެއް މި ވަރަށް ކަވާކުރި ދެ ވަނަ ލަވަކިޔުންތެރިޔަކު ވެސް ނެތެވެ. އޮޑިޝަނުގައި ޖަޖުންނާއި ބެލުންތެރިންގެ ހިތް އޭނާ އަތުލީ އަލީ ރަމީޒުގެ ކްލެސިކް ހިޓެއް ކަމުގައިވާ "އައިޝާ" އިންނެވެ.

އެއަށް ފަހު ގްރޭންޑް ފިނާލޭގެ ޕާފޯމިން ނައިޓްގައި ވެސް އޭނާ ސްޓޭޖު ކަތިލީ އަލީ ރަމީޒުގެ ލަވައަކުންނެވެ. އެއީ އަލީ ރަމީޒުގެ އެންމެ މަޝްހޫރު ލަވަ، "ނިންދެވީތި މޭމަތީ" އިންނެވެ.

އަދި ފާހާގަކޮށްލަން ޖެހެނީ މޯލްޑިވިއަން އައިޑޮލްގެ ގްރޭންޑް ފިނާލޭގައި މިރޭ އޭނާ ލަވަކިޔާނީ ވެސް "ރަމީޒަކާ" އެކުގައި ކަމެވެ. އަލީ ރަމީޒެއް މިއަދަކު މިއުޒިކް ދުނިޔެއަކު ނެތެވެ. ހުރި ނަމަ ފަހަރެއްގައި އަލީ ރަމީޒާ އެކު ޕާފޯމްކުރުމުގެ ފުރުސަތު ވެސް އިޝާނަށް މިއަދު ލިބުނީހެވެ.

މިރޭ އޭނާ ޕާފޯމްކުރާނީ އަލީ ރަމީޒުގެ ކޮއްކޮ، ރާފިޔަތު ރަމީޒާއާ އެކުގަ އެވެ. މިއީ ޔަގީނަށް ވެސް އަލީ ރަމީޒާއި ރާފިޔަތު ރަމީޒު އެކުގައި ރިކޯޑްކޮށް އެހުންތެރިންގެ މެދުގައި ހިޓްތަކަށް ބަދަލުވެފައިވާ ލަވަތަކެއްގެ ހަނދާން އާކޮށްލާނެ ކަމެކެވެ.

އަލީ ރަމީޒަކީ ނަމްބަ ވަން!

އިޝާން ބުނަނީ މިހެންނެވެ. ދެން ބުނީ މިހެންނެވެ.

"ވެދާނެ މިސާލަކަށް އެގޮތަށް ލަވަކިޔާ މީހުންގެ ތެރެއިން އެންމެ ކަމުދަނީ އަލީ ރަމީޒުް. ވެދާނެ އޭނަ އެހާ ބޮޑަށް ކަމުދާތީ އެކަހަލަ ކަލަކިޔާއިރު އޭނަގެ ލަވަކިޔެނީ ކަމަށް ވެސް."

ދެން ބުނީ ދެން އޭނާ ވެސް ދެކޭ ހުވަފެނަކީ އަލީ ރަމީޒު ފަދަ ލަވަކިޔުންތެރިޔަކަށް ވެވޭނެ ދުވަހެއް ކަމަށާއި މި ޝޯގެ ދަތުރުގައި އޭނާ އަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ވެސް އަލީ ރަމީޒު ކަމަށެވެ. ހަނދާންވާ ގޮތުން ނަމަ އަލީ ރަމީޒުގެ ހިޔަނިން ނުކުމެ އިޝާން ޕާފޯމްކުރި ހަމައެކަނި ނައިޓަކީ ރެގޭ ލަވަތަކަށް ހާއްސަކުރި ރެ އެވެ.

ކުރިން އަވަސް އަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން އިޝާން ބުނީ ކާމިޔާބު ލަވަކިޔުންތެރިޔަކަށް ވުމަށް އެންމެ މުހިންމު ވަނީ ހާޑް ވޯކާއި ޑިސިޕްލިން ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ. އެއަށް ފަހުދެން ވެސް ނަމޫނާއަކަށް ނަގައި ދެއްކީ އަލީ ރަމީޒެވެ.

"ހާޑް ވޯކް. އެންޑް ޑިސިޕްލިން. އެއީ މިއުޒީޝަނެއްގެ އެންމެ މުހިންމުކަމަކީ އަޅުގަނޑުގެ ހިޔާލުގައި. މިސާލަކަށް އަލީ ރަމީޒު. ވަރަށް ޑިސިޕްލިންޑް މީހެއް،" އިޝާން ބުނެފައިވެ އެވެ.

"އަޅުގަނޑުގެ އެންމެ ބޮޑު އިންސްޕިރޭޝަނަކީ އަލީ ރަމީޒު. އަޅުގަނޑު ކުރިއަށް މި ދަނީ ވެސް އޭނަ އަށް އިންސްޕަޔާވެގެން. ހަމަ އެގޮތަށް އަޅުގަނޑުގެ ވާހަކައިން އިންސްޕަޔާވެގެން މިގޮތަށް ބަޔަކު އަންނަތަން ދެކެން ބޭނުންވޭ."

މޯލްޑިވިއަން އައިޑޮލްގައި އިޝާން ދެކޭ ހުވަފެެނަކީ މިއީ އެވެ.

އަލީ ރަމީޒުގެ ކިތަންމެ ބޮޑު ފޭނަކަށްވިޔަސް އިޝާންގެ އަޑު އަލީ ރަމީޒުގެ އަޑާ ވައްތަރު ކަމަކަށް އޭނާ ގަބޫލެއް ނުކުރެ އެވެ. އެކަމަކު އެންމެން ވެސް ބުނަނީ އަލީ ރަމީޒުގެ އަޑާއި އިޝާންގެ އަޑުގައި މާ ބޮޑު ތަފާތެއް ނެތް ކަމަށެވެ.

"އަލީ ރަމީޒުގެ އަޑާ އަސްލު ނުވާނެ ވައްތަރެއް. އަހަންނަށް ވަރަށް ތަފާތު ގައިމު ވެސް ދެ މީހުންގެ އަޑު. މަށަކަށް އެއްވެސް ވައްތަރެއް ނޫން އަލީ ރަމީޒުގެ އަޑާ އަޅުގަނޑުގެ އަޑެއް. އަލީ ރަމީޒަކާ ވައްތަރެއް ވެސް ނުވާނެ. އެއީ އެހާ ވެސް ރީތި އަޑެއް. އެކަމަކު އަޅުގަނޑުގެ އަޑު އަލީ ރަމީޒާ ވައްތަރޭ ބުނާތީ އުފާވޭ. އެކަމަކު ވަކި އަލީ ރަމީޒު ލަވަކިޔާ ގޮތަކަށް ލަވަކިޔާކަށް ވެސް ނޫޅެން. ވައްތަރުކުރަން ގައިމެއް ވެސް ނޫޅެން،" އިޝާން ބުނެފައިވެ އެވެ.

މިއީ އަލީ ރަމީޒުގެ ޑެތު މެޓަލް ވާޝަން!

ހަގީގަތަކީ މިއީ އެވެ. އަލީ ރަމީޒަށް މިވަރަށް ސަޕޯޓްކުރާ ނުވަތަ ދެ ވަނަ އަލީ ރަމީޒަކަށް ވާން މިވަރަށް ބޭނުންވާ ލަވަކިޔުންތެރިޔަކު އެހެން މިއުޒިކް ޖޮންރާއެއްގެ ފޭނަކަށް ވެދާނެ ކަމަށް ގަބޫލުކުރިން ހެއްޔެވެ؟

އިޝާންގެ އޮރިޖިނަލް ޖޮންރާ އަކީ ޑެތު މެޓަލް އެވެ. އޭނާގެ އަތުގައި ޑެތު މެޓަލް އަށް ހާއްސަ ބޭންޑެއް ވެސް އެބައޮތެވެ. އެއީ އެފޯމަސް އެވެ.

މޯލްޑިވިއަން އައިޑޮލްގެ ކުރިން އޭނާ އުޅުނީ އެކުވެރި ކުދިންތަކަކާ އެކު ރިސޯޓް މިއުޒިކްގެ ތެރޭގަ އެވެ. އެކަމަކު އޭނާ އަކީ މީގެ ކުރިން ލަވަކިޔުންތެރިއެއް ނޫނެވެ. ލަވަކިޔަން ފެށިތާ އަދިވާތީ ދެ އަހަރުވަރެވެ.

"ވީގޮތަކީ ބޭންޑްގައި ލަވަކިޔަމުން ދިޔަ ކުއްޖާ ދިމާވި ގޮތަކުން ބޭންޑު ދޫކޮށް ދިޔައީމަ ލަވަކިޔާނެ މީހަކު ނެތިގެން ލަވަކިޔަން ޖެހުނީ. އޭނަ ދިޔައީމަ ކޮންމެ ގޮތެއްވިޔަސް ރިސޯޓަށްދާއިރު ލަވަކިޔާ މީހަކު އެބަ ހުންނަން ޖެހޭ ބޭންޑްގައި."

އިޝާން އެންމެފަހުން ލަވަކިޔަން ޖެހުނުގޮތް ކިޔައިދެމުން ބުންޏެވެ.