ބޭރު ކުޅިވަރު

ޕްރެމިއާ ލީގުގެ ޗެމްޕިއަންކަން ލެސްޓާ ސިޓީ އަށް

އިނގިރޭސި ޕްރެމިއާ ލީގުގެ ޗެމްޕިއަންކަން ލެސްޓާ ސިޓީ އަށް ލިބިއްޖެ އެވެ.

ލީގުގައި ކޮންމެ ޓީމަކަށް ބާކީ ދެ މެޗު އޮއްވައި ލެސްޓާ އަށް ޗެމްޕިއަންކަން ލިބުނީ އެ ޓީމާ އެންމެ ގާތުން ވާދަކުރަމުން އައި ޓޮޓެންހަމް މިރޭ ޗެލްސީއަ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވުމުންނެވެ.

މި ނަތީޖާގެ ސަބަބުން ޓޮޓެންހަމާއި ލެސްޓާއާ ދެމެދު ހަތް ޕޮއިންޓްގެ ފަހަރަގެއް އެބައޮތެވެ. ކުރިއަށް އޮތް ދެ މެޗުން ލެސްޓާ ބަލިވެ، ދެ މެޗުން ޓޮޓެންހަމް މޮޅުވި ނަމަވެސް އެއް ޕޮއިންޓުން ލެސްޓާ އަށް ކުރި ލިބޭނެ އެވެ.

ލީގުގައި މިވަގުތު ލެސްޓާ އޮތީ 77 ޕޮއިންޓާއެކުގަ އެވެ. ޓޮޓެންހަމަށް ލިބިފައިވަނީ 70 ޕޮއިންޓެވެ.

އާދައިގެ ޓީމަކާއެކު ޗެލްސީގެ ކުރީގެ ކޯޗު ކްލައުޑިއޯ ރަނިއޭރީގެ ކޯޗުކަމުގައި ލެސްޓާ ސީޒަން ފެށިއިރު އެ ޓީމަށް ޗެމްޕިއަންކަން ލިބިދާނެ ކަމަށް ބުނަމުންދިޔައީ ކޮންމެ 5000 މީހުންގެ ތެރެއިން އެކަކު އެވެ. މިހެންވެ ފުޓްބޯޅައިގެ ކުރީގެ ކުޅުންތެރިންނާއި ތަޖުރިބާކާރުން ބުނަމުންދަނީ މިއީ ފުޓްބޯޅައިގެ ތާރީހުގައި ވެސް އަޖާއިބުކުރުވަނިވި ކާމިޔާބީއެއް ކަމަށެވެ.

ލެސްޓާ ޗެމްޕިއަންކަން ހޯދުމުން އެ ޓީމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ މަރުހަބާ ކިޔައިފަ އެވެ. އަދި ކުރީގެ ކުޅުންތެރިންނާއި މިހާރުގެ ކުޅުންތެރިންނާއި ކޯޗުން ވެސް އެ ޓީމަށް މަރުހަބާ ކިޔަމުންދާއިރު ލެސްޓާ ވެފައިވަނީ ކުޅިބަލަންތިބެ ލީގު ޗެމްޕިއަންކަން ލިބުނު 12 ވަނަ ޓީމަށެވެ.