މޯލްޑިވިއަން އައިޑޮލްގެ ދެ ވަނަ ޝަލަބީ އިބްރާހިމް އަށް ލިބުނަސް އެ ނަތީޖާ ގަބޫލުނުކުރާ ކަމަށާއި ޕީއެސްއެމްއާ ގުޅިގެން ޝަލަބީގެ އެއްވެސް ކަމެއް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ޝަލަބީގެ މެނޭޖަރު އަލީ އާމިރު (އައްޔަ) ބުނެފި އެވެ.
ރޭ ބޭއްވި، މޯލްޑިވިއަން އައިޑޮލްގެ ގްރޭންޑް ފިނާލޭ އަށް ފަހު "އަވަސް" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ޝަލަބީއާ ހަވާލާދީ އާމިރު ބުނީ އެމީހުންގެ ވިސްނުން ހުރީ ޕީއެސްއެމްއާއެކު ހަދާފައިވާ އެއްބަސްވުން ވެސް އުވާލަން ކަމަށާއި އެކަމާ ގުޅޭ މަޝްވަރާތައް ރަސްމީ ފަރާތްތަކާ އެކު މިއަދު ފަށާނެ ކަމަށެވެ. އޭނާ ބުނީ އެއީ ޝަލަބީ ވެސް ބޭނުންވާ ގޮތް ކަމަށެވެ.
"ޕީއެސްއެމްއާ ގުޅިގެން އިތުރު އެއްވެސް ކަމެއް ކުރިއަށް ގެންދަން ބޭނުމެއް ނުވޭ. މާދަމާ އެގްރީމަންޓް ބާތިލުކުރަން މަސައްކަތްކުރާނަން. ޖޫރިމަނާ ދައްކަން ޖެހިއްޖެ ނަމަ ޖޫރިމަނާ ވެސް ދައްކާނެ،" އާމިރު ބުންޏެވެ.
މި މޭރުމުން ވާހަކަ ދައްކަމުން އޭނާ ބުނީ ކޮރަޕްޝަންގެ މައްސަލަ އޮތް ތަނެއްގައި ޝަލަބީ އަށް ހޯދައިދެވޭނެ މުސްތަގުބަލެއް ވެސް ނެތް ކަމަށާއި ޝަލަބީ ރާއްޖޭގައި ލެޖެންޑަކަށް ހަދާނީ ޕީއެސްއެމްއާ ނުލައި ކަމަށެވެ.
"މީގެ ކުރިން އާޓިސްޓުން އުފައްދާ ތަނެއް ޕީއެސްއެމްއަކީ. އެކަމަކު މިއަދު އެކަން ގަބޫލެއް ނުކުރެވޭ. ޓޮޕް ތްރީ އަށް ދިޔައިރު އެމީހުން ބޭނުންވާ ގޮތް އޮތީ ހަދައި ނިންމާފައި. ވަކި މީހަކަށް ފޭވާކުރާކަން އެނގުނީ އަޅގަނޑުމެންނަށް،" އާމިރު ބުންޏެވެ.
"ޝަލަބީގެ ކުރިއެރުން ޕީއެސްއެމްއާ ނުލައި ކުރިއަށް އޮތީ. ރާއްޖޭގެ ލެޖެންޑަކަށް ޝަލަބީ ހަދާނަން ޕީއެސްއެމްއާ ނުލާ އިރާދަކުރެއްވިއްޔާ."
ޕީއެސްއެމް އިން އައިޑޮލްގެ ނަތީޖާ އަދި ވޯޓިން ކުރިއަށް ގެންދިޔަ ގޮތަށް ފާޑުކިޔަމުން އާމިރު ބުނީ ތިން ފައިނަލިސްޓުންނަށް ލިބުނު އާންމުންގެ ވޯޓްގެ ނަތީޖާ މޯލްޑިވިއަން އައިޑޮލްގެ ރަސްމީ ޕޭޖުގައި އިއުލާނުކުރިއިރު ޖަޖުންގެ މާކްސް އިއުލާނުނުކުރުމަކީ ވެސް ސުވާލުއުފެދޭ ކަމެއް ކަމަށެވެ.
"މިސާލަކަށް، އޮފިޝަލް އައިޑޮލް ޕޭޖުގައި ޖަޖުންގެ މާކްސް ނުޖެހީ ކީއްވެގެންތޯ؟ މިނިވަން އޮޑިޓް ފާމްގެ އަސްލު ކޮފީ ކޮބައިތޯ؟ ލައިޝާ އަށް ވުރެ ކުރީގައި ޝަލަބީ ހުރިކަން 100 ޕަސެންޓް ޔަގީން. ޖަޖުންގެ ވޯޓްގެ ނަތީޖާ އެމީހުން ނުދައްކަނީ ކީއްވެގެންތޯ؟،" ސުވާލަކަށް ފަހު ސުވާލެއް އުފައްދަމުން ޝަލަބީގެ މެނޭޖަރު ބުންޏެވެ.
އޭނާ ބުނީ ޕީއެސްއެމްގެ އައިޑޮލްގެ ޓީމުގެ ސިއްރުތައް ވެސް ނުހިފެހެއްޓޭ ކަމަށާއި އެތަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޝާޔަން ސައީދުގެ ފިރިކަލުން އަދި ފިލްމީ ތަރި އަބްދުﷲ މުއާޒު (މުއާ) ވެސް ޝަލަބީ ކަޓުވާލާ ވާހަކަ އާއި ލައިޝާ އަށް އައިޑޮލް ހޯދައިދޭނެ ކަމަށް ބުނާ ގޮތަށް އެކި ފަހަރުމަތިން ވާހަކަ ދައްކާފައިވުމަކީ ވެސް މައްސަލައެއް ކަމަށެވެ.
މުއާ ބުނަނީ އެއީ ހުސް ދޮގު ކަމަށް!
އަވަސް އަށް ދިން އިންޓަވިއުއެއްގައި މުއާ ބުނީ ޝަލަބީގެ މެނޭޖަރު ދައްކާ ވާހަކައިގައި އަސްލެއް ނެތް ކަމަށާއި ޝާޔަން ހުރި މަގާމުގައި ޚުދު މުއާ ހުރި ނަމަވެސް ވަކި މީހަކަށް އައިޑޮލް ހޯދައިދޭން ކުރެވޭނެ ކަމެއް އަދި މަސައްކަތެއް ވެސް އޭގައި ނޯންނާނެ ކަމަށެވެ.
"ފުރަތަމަ ކަމަކަށް އަޅުގަނޑު އޭނަ އަކާ ދިމައެއްވެސް ނުވޭ. ދެން އަނެއް ކަމަކީ ތީގަ ހަގީގަތަށް ބަލަންޏާމު، އަޅުގަނޑުގެ އަންހެނުން ނޫނީ އަޅުގަނޑުގެ މަންމަ ނުވަތަ ބައްޕަ އެތަނުގައި ހުއްޓަސް މަށަކަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ،" ފޯނުން ވާހަކަ ދައްކަމުން މުއާ ބުންޏެވެ.
"ޝާޔަން އަކަށްވެސް ކުރެވޭނެ ކަމެއް ނޯންނާނެ ވަކި މީހަކު ހޮވާކަށް. މީތި ދާގޮތް އަވަސް އަށްވެސް ވަރަށް ރަނގަޅަށް އެނގޭނެ. އެތަނުގައި އަޅުގަނޑުގެ އަންހެނުން ކީއްކުރަން، އަޅުގަނޑު ހުއްޓަސް ވަކި މީހަކަށް ހޯދައެއް ނުދެވޭނެ."
މި މޭރުމުން ވާހަކަ ދައްކަމުން މުއާ ބުނީ ޝަލަބީގެ މެނޭޖަރަކީ ދަންނަ ރައްޓެއްސެއް ކަމަށާއި އެހެން ނަމަވެސް ވަކި މީހަކަށް އައިޑޮލް ހޯދައިދިނުމުގެ ވާހަކައެއް އޭނާ ގާތު ދެކެވިފައި ނުވާނެ ކަމަށާއި އެފަދަ ވާހަކައެއް ދެއްކިކަން ސާބިތު ވެސް ނުކުރެވޭނެ ކަމަށެވެ.
"އަޅުގަނޑާ އޭނަ (ޝަލަބީގެ ކެމްޕޭން މެނޭޖާ) އާ ދިމާވީވެސް މީގެ ތިން ހަތަރު ދުވަސް ކުރިން ޓީވީއެމް ކުރިމަތިން. އޭނާ އަކީ އަޅުގަނޑުގެ ރައްޓެއްސެއް، އަޅުގަނޑާ އޭނަ އާ ވާހަކަ ދައްކާނެ ބަރާބަރަށް، އެކަހަލަ އެއްވެސް އެއްޗެއް ބުނެފައެއް ނޯންނާނެ. އޭނަ އަކަށް ސާބިތެއްވެސް ނުކޮށްދެވޭނެ" މުއާ ބުންޏެވެ.