ފިނިޕޭޖް

އައްމަޑޭ ހޭނެތިގެން ވެއްޓުނު ސަބަބު މިއޮތީ!

  • އައްމަޑޭ ހޭނެތުނީ ޝަލަބީ އަށް އައިޑޮލް ނުލިބިގެންނެއް ނޫން
  • ދޮގު ޚަބަރު ފަތުރާ ނަމަ އަބުރުގެ ދައުވާކުރާނެ ކަމަށް ބުނި
  • ޝަލަބީ އަށް ފޭވާއެއް ނުކުރަން، ލަވަކިޔާނީ ލައިޝާއާ އެކު

މޯލްޑިވިއަން އައިޑޮލްގެ އެންމެ މަޝްހޫރު އަދި އެންމެ މަގްބޫލު ޖަޖަކީ ވެސް އައްމަޑޭ ނުވަތަ ކުޅަދާނަ ލަވަކިޔުންތެރިޔާ އަހުމަދު އިބްރާހިމް އެވެ. މޯލްޑިވިއަން އައިޑޮލްގެ އާދަޔާހިލާފު ކާމިޔާބީގައި އައްމަޑޭ ކުޅުނު ރޯލު ވެސް ވަރަށް ބޮޑެވެ. ނަމަވެސް މި ޝޯއެއްގެ ފޯރި އެންމެ ގަދަވި ވަގުތު އަދި މޯލްޑިވިއަން އައިޑޮލްގެ ޝަރަފްވެރި އެވޯޑް ލައިޝާ ޖުނައިދު އުފުލާލިއިރަކު އައްމަޑޭއެއް އެ ހާޒިރަކުނެތެވެ.

ނޭވާ ހާސްވެ ހެޔަށް ގޮތްވެގެން ވެއްޓި ކުއްލިއަކަށް އައްމަޑޭ ގޮވައިގެން އޭޑީކޭގެ އިމަޖެންސީ އަށް ގޮސް އަވަސް ފަރުވާ ދޭން ފެށީ އެވެ. އޭރު އައިޑޮލްގެ ވިނާ އިއުލާނުކުރުމުގެ ސުންގަނޑި ޖެހެނީ އެވެ.

އެއާއެކު ދެން ފެތުރިގަތީ، ޝަލަބީ އިބްރާހީމަށް މޯލްޑިވިއަން އައިޑޮލް ނުލިބިގެން، ދިމާވި ކުއްލި ޝޮކެއްގައި އައްމަޑޭ ހޭނެތި، އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދިޔަ ވާހަކަ އެވެ. ބައެއް އޮންލައިން މީޑިއާތަކުން ބުނީ މޯލްޑިވިއަން އައިޑޮލްގެ ގޮތުގައި ލައިޝާ އިއުލާނުކުރުމާ އެކު އައްމަޑޭ ހޭނެތިގެން ވެއްޓިއްޖެ ކަމަށެވެ.

ނަމަވެސް ހަގީގަތަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އައިޑޮލްގެ ފަހު ހަފުތާ އަށް އެޅިއިރު އައްމަޑޭގެ ސިއްހީ ހާލަތު ހަގީގަތު ވެސް ވަރަށް ގޯހެވެ. މޯލްޑިވިއަން އައިޑޮލް ނިމެން ދެން އޭނާ ކެތްކޮށްލައިގެން އިނީ، ޝޯގެ ޓީމުން ދައްކަމުން ދިޔަ ހިތްވަރަށާއި ކުރަމުން ދިޔަ ބުރަ މަސައްކަތަށް އަދި ބެލުންތެރިންނަށް ދިން އިހްތިރާމެއްގެ ބޮޑުކަމުންނެވެ.

ނަމަވެސް އާޚިރުގައި އައްމަޑޭވީ އެންމެ ބަދުނަސީބު މީހާ އަށެވެ. އޭނާކޮށްދިން ކަމެއް ނުވަތަ އޭނާ ދެއްކި ހިތްވަރު ފާހަގަކުރި މީހަކު ނެތެވެ. ވެއްޓުނީމަ އެންމެން ވެސް އޭނާއާ ދިމާކޮށްލީ އެވެ.

"މިހާރު ދެ ހަފުތާ ކަހަލަ ގޮތެއް މި ވަނީ ހުން އައިސްފަ ހުންނަތާ. ޕްލަސް ގައިގަ ރިއްސާ ރޯގާ ޖެހިގެން އުޅޭތާ. މާލެ ތެރޭގައި މި އޮތް ހުންގަނޑު ޖެހިގެން ހޮޑުލެވި ބައިވަރު ކަންތައް ދިމާވެގެން އުޅޭތާ ދެ ހަފުތާ މިއީ. އެކަމަކު މިގޮތަށް ހިފަހައްޓާލައިގެން މި ހިތްވަރު ގައިގައި ބަހައްޓާ ސަބަބަކީ ބެލުންތެރިންނަށްޓަކައި،" އޭޑީކޭގައި ރޭ އެޑްމިޓްކޮށްފައި އޮތް އައްމަޑޭ އަވަސް އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ކިޔައިދިނެވެ.

"އައިޑޮލް އަށްޓަކައި ގައިގައި ވަރު ބަހައްޓައިގެން ހުރީ. ބަލިގަނޑުގެ ތެރޭގައި ވެސް ޝޯ ނިމެންދެން، ވަރަށް ގާތް ވަންދެން ހިފަހައްޓާލެވުނު ކަމަށް ގަބޫލުކުރަނީ."

އައްމަޑޭ ބުނީ ވަކި މީހަކަށް އައިޑޮލް ނުލިބިގެން އޭނާގެ ހެޔަށް ގޮތްވީ ކަމަށް ބުނާ ވާހަކައިގައި އެއްވެސް ކަހަލަ ހަގީގަތެއް ނެތް ކަމަށާއި ވަކި މީހަކަށް އައިޑޮލް ލިބެން އުޅޭކަން ކުރިން އެނގިފައި ވެސް ނެތް ކަމަށެވެ. މަންޒަރު ދުށް ފަރާތްތަކުން ވެސް ބުނެފައި ވަނީ ރޭގެ ޝޯގެ މެދަކާ ހިސާބުން އައްމަޑޭގެ ހާލު ސީރިއަސްވެއްޖެ ކަމަށެވެ.

"މިހާރު އައްމަޑޭއޭ ކިޔައިގެން ނޫސްތަކުގަ އާއި ސޯޝަލް މީޑިއާ އާއި ސައިތްތަކުގައި ޖަހާފައި ހުރި ވާހަކަތަކަކީ ހަމަ ހުސް ބުހުތާނު ދޮގު ވާހަކަ. ގާތްގަނޑަކަށް ޝޯގެ މެދުތެރެއާ ހިސާބުން ފެށިގެން މީހާ އެއްކޮށް ޑީހައިޑްރޭޓްވެގެން މުޅިން ސަކަރާތްވާން ފަށައިފި. ޑޮކްޓަރެއްގެ ފަރުވާ ހޯދާވަރު ވެއްޖެ ޝޯގެ މެދާ ހަމައަށް ދެވުނުއިރު. އޭރަކު އަދި މި އައިޑޮލް އެއް ވަކި މީހަކަށް ލިބެން އުޅޭކަން ވެސް ނެތް އެނގިފަކައެއް،" އައްމަޑޭ ކިޔައިދިނެވެ.

"މީހަކު ހޮވުނެއް ކަމަކު އަދި ނުހޮވުނެއް ކަމަކު އަހަރެމެން އެކަމާ ދެރަވެގެން، އެއާ ވިއްދާފައެއް ނޫނޭ އަހަރެމެން ބަލިވަނީ. އެއީ ހިއުމަން ނޭޗާއޭ. އިންސާނުންނަށް އަހަރެމެން ވީމައޭ އަހަރެމެން ބަލިމިވަނީ"

"މިއަދުން ފެށިގެން އަޅުގަނޑޭ ކިޔާފައި ދޮގު މައުލޫމާތެއް ފަތުރާ ބަޔަކާ ދެކޮޅަށް އަޅުގަނޑު އަބުރުގެ ދައުވާކުރާނަން. އަދި އެކަން ނެގެން އޮތް އެންމެ ސީރިއަސްކޮށް އެ މައްސަލައެއް ނަގައިގެން އަޅުގަނޑު ބަލާނަން."

ޝަލަބީ އަށް ފޭވާއެއް ނުކުރަން، ލަވަކިޔާނީ ލައިޝާއާ އެކު!

މޯލްޑިވިއަން އައިޑޮލް ފެށިގެން ނިމެން ދެން ވަރަށް ގިނަ ބަޔަކު އައްމަޑޭ އަށް ކުރި ތުހުމަތަކީ މިއީ އެވެ. އައްމަޑޭ ޝަލަބީ އަށް ފޭވާކުރާ ވާހަކަ އޮތީ ވަރަށް ބޮޑު ވާހަކައަކަށްވެފަ އެވެ. އަދި ވަކިން ހާއްސަކޮށް އައްމަޑޭ އަށް ރޭ ދިމާވި ސިއްހީ މައްސަލައާ ވެސް އެހާ ފަސޭހައިން ބަޔަކަށް ޝަލަބީއާ ގުޅުވާލަން އެނގުނީ އެހެންވެ މި ތުހުމަތެއް އައްމަޑޭ އަށް ކުރެވިފައި އޮތީމަ ކަމަށް ވެސް ވެދާނެ އެވެ.

އެކަމަކު އައްމަޑޭ ބުނީ އެއްވެސް މީހަކަށް އޭނާ ފޭވާއެއް ނުކުރާ ކަމަށެވެ.

"މީތި ފެށިއިރު ވެސް ހުރިހާ ބޭފުޅުންނަށް އެނގޭނެ މީގައި މޮޅުވާނީ އެކަކުކަން. މީހުންގެ ތެރޭގައި މަގްބޫލު މީހަކު ހޮވޭނީ. މީހުންގެ ތެރޭގައި މަގްބޫލު މީހަކަށް ގިނައިން ވޯޓް ވެސް ލިބޭނީ. ވަކި ޖަޖުން ފޭވާކުރާ ވާހަކައެއް ނޫން،" އައްމަޑޭ ބުންޏެވެ.

"އެކަމަކު އަޅުގަނޑު މި އަހަރު އެހަނދާނުގައި ޝޯގައި ލަވަކިޔަން ހަމަޖެހިފައި ވަނީ ލައިޝާއާ އެކު. އެހެންވީމަ ލައިކްލީ ޝަލަބީގެ ސަޕޯޓަރަކަށް ނުވި ދެއްތޯ އަޅުގަނޑެއް. ޝަލަބީ އަށް ސަޕޯޓްކުރާ މެޖޯރިޓީ ރާއްޖޭގައި ވަރަށް ބޮޑު. އެހެންވެ އަޅުގަނޑަކީ މި ތިން ކުދިންގެ ވެސް ސަޕޯޓަރެއް."

"އެކަމަކު މިހާރު މި އޮތީ ލައިގެ ސަޕޯޓަރަކަށް ބަދަލުވެފައި. އެއީ ލައިއާ އެކު އެހަނދާނުގައި ލަވަކިޔުމުގެ ފުރުސަތު ވެސް ލިބިފައި އޮތީމަ."

ޖަޖެއްގެ ގޮތުގައި އެނބުރި އަންނަން އުއްމީދުކުރަން!

ޖަޖެއްގެ ގޮތުގައި އައްމަޑޭ މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭކަށް އެނބުރި ނާންނަންވީ އެއްވެސް ސަބަބެއް ނެތެވެ. މި ޝޯ ބެލުންތެރިންގެ މެދުގައި މަގްބޫލު ނުވަތަ އެ ޝޯއަކާ ބެހޭ ގޮތުން މީހުން ވާހަކަ ދައްކަން މަޖުބޫރުވާ ފެންވަރުގެ ޝޯއަކަށް ޝޯ ބަދަލުކޮށްލުމުގައި އައްމަޑޭ ކުޅުނު ރޯލާއި ދެއްކި ވާހަކަ އާއި ޖެއްސި ވައްތަރު ވަރަށް ބޮޑު ރޯލެއް ކުޅުނެވެ.

އެހެންވީމަ އޭނާ ހުރީ އަންނަ އަހަރު ވެސް މޯލްޑިވިއަން އައިޑޮލްގެ ޖަޖުންގެ ޕެނަލުން ފުރުސަތެއް ލިބޭނެ ކަމަށް އަދި ފުރުސަތު ދޭނެ ކަމަށް އުއްމީދުކޮށްގެންނެވެ.

"އެކަހަލަ ފުރުސަތެއް ލިބޭނެ ކަމަށް އަޅުގަނޑު ވަރަށް އުއްމީދުކުރަން،" އައްމަޑޭ ބުންޏެވެ.

"އަޅުގަނޑު އިރާދަކުރެއްވިއްޔާމު މި އަންނަ އަހަރު ފަނޑިޔާރަކަށް، އަޅުގަނޑުގެ ހިތް ބުނަނީ އަޅުގަނޑު އިންނާނެއޭ ފަނޑިޔާރަކަށް. މީތި ފެށިގެން އައިއިރު ވަރަށް ގިނަ ބައެއް ނަފުރަތާއި މީތި ނިމިގެން އައިއިރު މި އޮތީ ވަރަށް ގިނަ ބައެއްގެ ލޯތްބާއި ކުލުނާއި އަޅާލުން ވެސް ލިބިފައި. އެހެންވީމަ ގަބޫލުކުރެވޭ މި އަންނަ އަހަރު ވެސް ނަގާނެ ކަމަށް."

"ނަގައިފިއްޔާމު އަދި މިއަށް ވުރެ ވެސް ކުލަގަދަކޮށް، މަޖާކޮށް އިތުރު ފަޅާލުންތަކަކާ އެކު ހުރިހާ އެންމެނާ ބައިވެރިވެލާނަން."