ފިނިޕޭޖް

އަބިޖީތުގެ ޕާފޯމެންސަށް ދޭނީ ކިހާވަރެއް؟

މޯލްޑިވިއަން އައިިޑޮލްގެ ގްރޭންޑް ފިނާލޭގައި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބިޖީތް ބަޓްޗަރްޔާ ޕާފޯމްކުރާ ހަބަރު ލިބުމާއެކު އައިޑޮލްގެ ސަޕޯޓަރުންގެ އިންތިޒާރުގެ ބޮޅަށް އަނެއްކާވެސް އިތުރުކަމެއް އިތުރުވި އެވެ. އަބީޖީތް ލައިވް ޕާފޯމަންސެއް ބަލައި އޭނާގެ ލަވައެއް ގާތުން އަޑުއަހާލަން އެންމެން ވެސް ބޭނުންވި އެވެ.

ގަޑިން ނުވައެއް ޖެހުމާއެކު ޓީވީ ދޮށަށް އަރާ އިށީނީ މޯލްޑިވިއަން އައިޑޮލްގެ ސީޒަން ވަން ގެންދަނީ ކޮން ފަރާތެއްކަން ބެލުމުގެ އިތުރަށް އަބީޖީތުގެ ލަވައެއްވެސް އިވޭނެތީ އެވެ. ހަބަރުތައް ލިބިފައި އޮތީ އަބީޖީތުގެ ލައިވް ޕާފޯމެންސް ފެންނާނެ ކަމަށެވެ. ކިތައް ލަވަކަމެއް އަދި ލަވަ ކިޔާނީ ކޮން ބަޔަކާއެކު ކަން އޮތީ ސަޕްރައިޒެއް ގޮތަށް ބާއްވާފަ އެވެ.

ޝޯ ފެށިގެން ގޮސް މުބާރާތުގެ ތިން ބައިވެރިންގެ ސޯލޯ ލަވަތައް ނިމުނުއިރުވެސް އަބީޖީތްގެ ލަވައެއް ނާދެ އެވެ. ޑީޓިއުން ބޭންޑުގެ "ނަށާލާ" ވެސް އައޮސްފި އެވެ. މޯލްޑިވިއަން އައޮޑޮލްގެ ޓޮޕް ޓެންގެ ޕާފޯމެންސްވެސް ދައްކާލައިފި އެވެ. އިންތިޒާރު ދިގުދެމިގެންދަނިކޮށް ދެން އެނައުންސް ކުރީ އަބީޖީތްގެ ޕާފޯމެންސްއެއްގެ ވާހަކަ އެވެ. އަބީޖީތު ރޭގަ ކީ "މޭ ހޫނާ"ގެ މަޝްހޫރު ލަވަ "ތުމެ ޖޮ މެނެ ދޭކާ" މި ލަވަ އެވެ. މިއީ ދިވެހިންގެ ތެރޭގައި މަޝްހޫރު ކަމެއް ހޯދާފައިވާ ލަވައެކެވެ. ދެހާހުގެ ކުރީކޮޅު ނުކުތް މި ލަވަ އަދި އޭރުގެ ގިނަ އެހެން ލަވަތައް ބައެއް މީހުންގެ ޕްލޭ ލިސްޓުތަކުގެ ކުރީގައި އެބަހުއްޓެވެ. މެދުއުމުރުގެ މީހުންނެއް ނޫނެވެ. ޒުވާނުންގެ ޕްލޭ ލިސްޓުތަކުގައި ވެސް މެ އެވެ.

އޭގެ ފަހުންވެސް އަބީޖީތްގެ ސޯލޯ ޕާފޯމެންސް އެއް ފެނުނެވެ. ޖުމްލަ ތިން ލަވައެއް ކީ އިރު އެންމެ ކަމުދިޔައީ މޯލްޑިވިއަން އައިޑޮލްގެ ޓޮޕް 3 އާ އެކު "ބޮހޮތު ހޫބު ސޫރަތު" ހޭ އެވެ. ހިންދީ އަދި މިލަވައިގެ ދިވެހި ކޮޕީ "ނުހަނު ރީތި ސޫރަ އެކޭ" ގެ ބައެއް ތަންތަންކޮޅު އަބީޖީތު ވަނީ ކިޔާފަ އެވެ. އަދި އައިޑޮލްގެ ބައިވެރިންވެސް ހިންދީ ލަވައިގެ ބައެއް ތަންތަންކޮޅު ކިޔާފަ އެވެ. މި ލަވަވަނީ ވަރަށް ގިނަ މީހުންނަށް ކަމުގޮސްފަ އެވެ.

"އަބީޖީތުގެ ޕާފޯމެންސް ވަރަށް ކަމުދިޔަ އައިޑޮލްގެ ބައިވެރިންނާއެކު، ދިވެހިން ކީ ތަންތަން ކޮޅު، އަދި އައިޑޮލްގެ ބައިވެރިންވެސް ހިންދީން ކީމަ، އަސްލު ވަރަށް ކަމުދޭ. ވަރަށް ސަޅި އައިޑޮލް ކުދިންގެ ޕާފޯމެންސްވެސް އެލަވައިގައި" ރޭގެ ޝޯ ބެލި މީހަކު ބުންޏެވެ.

މޯލްޑިވިއަން އައިޑޮލްގައި "ސްޕެޝަލް ގެސްޓް" އަކަށް ވުމުގެ ފުރުސަތު އަބީޖީތް އަށް ލިބުނު އިރު މިއީ މުޅިން އާ ތަޖުރިބާއެއް ކަމަށް އޭނާ ބުންޏެވެ. އަދި މިހާތަނަށް އިންޑިއަލް އައިޑޮލްގައި ވެސް އޭނާ ޖަޖެއްގެ ގޮނޑީގައި ނީށީނދެ އެވެ. އެހެން ވީމަ މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ވެސް އޭނާ ބުންޏެވެ. އެއްވެސް ރިއަލިޓީ ޝޯ އެއްގައި ވެސް އަބީޖީތު މިހާތަނަށް ޖަޖުކަން ކޮށްފައެއް ނުވެ އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ފްރެންޗައިޒް ރިއަލިޓީ ޝޯއަށް އަބީޖީތުވަނީ ތައުރީފު އޮއްސާފަ އެވެ. ބައިވެރިންނަށްވެސް އެވެ.

އަބިޖީތު ބަޓްޗަރްޔާގެ މިއުޒިކް ކެރިއަރު ފެށީ 1970 ވަނަ އަހަރު އެވެ. އިންޓަވިއުތަކުގައި އޭނާ ބުނެފައި ވަނީ އޭނާގެ ލަވަކިޔުމުގެ ހުނަރު މުއްސަނދިކޮށް ލަވަކިޔުމުގެ ޓެކްނިކްތައް ދަސްކުރީ ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކިޝޯރު ކުމާރު ނަމޫނާއަކަށް ބަލައިގެން ކަމަށެވެ.