ފިނިޕޭޖް

ލައިޝާ އަށް މޯލްޑިވިއަން އައިޑޮލް ހައްގުތަ؟

އެތައް ބަޔަކު ސިއްސުވާލުމަށް ފަހު މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ޓްރޮފީ ރޭ އުފުލާލި ލައިޝާ ޖުނައިދުގެ ހުނަރުވެރިކަމާ މެދު އުފައްދާނެ އެއްވެސް ސުވާލެއް ނެތެވެ. އަބަދުވެސް އޭނާ އަކީ ފެވަރިޓެކެވެ. އަބަދުވެސް އެންމެ މޮޅު ނުވަތަ އެންމެ ގަދައަޅައި މަސައްކަތްކުރާ ކުއްޖާ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ސްޓޭޖުގައި އޭނާ ދެއްކި ނަމޫނާ އާއި ހިތްވަރުގެ މާ ކުރިން ވެސް އޭނާގެ ވާހަކަ އޮތީ ހަމަ މިގޮތަށެވެ. ލައިޝާ ޖުނައިދަކީ އަބަދުވެސް ފިސާރި އަންހެނެކެވެ.

އެކަމަކު މީހުން އުފައްދާ ސުވާލެއް އެބައޮތެވެ. އެއީ ލައިޝާ އަށް މޯލްޑިވިއަން އައިޑޮލްގެ ޝަރަފް ހައްގުތޯއޭ ބުނެ ކުރަމުން ގެންދާ ބޮޑު ސުވާލެވެ. އެއް ބަޔަކު ބުނަނީ ލައިޝާ އަކީ ގަދަ ތިނެކަށް ވެސް އަރަން ހެޔޮވާވަރުގެ ލަވަކިޔުންތެރިއެއް ނޫން ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ގަދަ ތިނެކަށް ދިޔަ ނަމަވެސް މޯލްޑިވިއަން އައިޑޮލްގެ ޝަރަފް ލައިޝާ އަކަށް ހައްގެއް ނޫން ކަމަށެވެ.

ސަބަބަކީ ދެ ވަނަ އަށް ދިޔަ ޝަލަބީ އިބްރާހިމް އާއި މުހައްމަދު އިޝާންގެ ލަވަކިޔުމުގެ ހުނަރު ލައިޝާއާ އަށް ވުރެ ހުރިހާ ގޮތަކުން ވެސް ތަފާތުވެފައި މޮޅުވީމަ ކަމަށެވެ. އެކަމަކު މީގައި ފާހަގަކޮށްލަން ޖެހޭ ވަރަށް މުހިންމު ކަމެއް އެބައޮތެވެ.

މުޅި މޯލްޑިވިއަން އައިޑޮލް އަށް ބެލި ނަމަވެސް ލައިޝާ ޖުނައިދަކީ މި ޝޯގެ އެންމެ މަގްބޫލު ކޮންޓެސްޓަންޓެވެ. އޭނާއާ އެއްވަރުގެ މަގްބޫލުކަމެއް މޯލްޑިވިއަން އައިޑޮލްގެ ރޭހުގައި ހޯދާފައިވާ ދެ ވަނަ މޫނެއް ނެތެވެ. ޝަލަބީ އާއި އިޝާން ވެސް އުޅެނީ އެ ރޭހުގައި ވަރަށް ފަހަތުގަ އެވެ. އެހެންވީމަ، އުފެދޭ ސުވާލަކީ، ލައިޝާ ދެމިގަތީ ޕޮޕިއުލާ ވޯޓުގައި ހެއްޔެވެ؟

އެކަމަކު ކޮންމެ ގޮތެއް ވިޔަސް ލައިޝާގެ މި ކާމިޔާބީއަކީ ފާހަގަނުކޮށް ދޫކޮށްލާވަރުގެ ކާމިޔާބީއެއް ނޫނެވެ!

ފަހުރުވެރި މިނިވަން އަންހެނުންނަށް ލިބުނު ކާމިޔާބީއެއް!

ވަރަށް ގިނަ ބަޔަކު ލަޝިއާގެ މި އާދަޔާހިލާފު ކާމިޔާބީ ސިފަކުރަނީ މިހެންނެވެ. އަންހެނުންނަށް ނުވަތަ އަންހެނުންގެ ހިތްވަރާއި މިންނެތް މަސައްކަތަށް ލިބުނު މޮޅެއް އަދި އެވޯޑެއްގެ ގޮތުގަ އެވެ. އެގޮތަށް ސެލެބްރޭޓްނުކުރަންވީ ސަބަބެއް ވެސް ނެތެވެ.

ލައިޝާ އަކީ ޝޯގެ އެންމެ ފޯރި ގަދަ ހިސާބުން ފެށިގެން އޭގެ ފިރިހެން ލަވަކިޔުންތެރިންނަށް ގޮންޖަހަމުން އައި ހަމައެކަނި އަންހެން ލަވަކިޔުންތެރިޔާ އެވެ. ފަހަރެއްގައި ލައިޝާގެ އެންމެ ބޮޑު ކާމިޔާބީއަކީ ނުވަތަ އޭނާ އަށް މިވަރުގެ ތާރީޚީ ކާމިޔާބީއެއް ލިބުނު މައިގަނޑު ސަބަބަކީ މިއީ ކަމަށް ވެސް ވެދާނެ އެވެ.

އެއްގޮތަކަށް ވެސް ލައިޝާގެ ލަވަކިޔުމުގެ ހުނަރުވެރިކަން ދަށްކުރަނީކީއެއް ނޫނެވެ. މިއަދުގެ ދުނިޔޭގައި އަންހެނަކަށް ވުމާއި ވަކިން ހާއްސަކޮށް ހުނަރުވެރި އަންހެނަކަށް ވުމަކީ ތާއީދާއި ތައުރީފު އޮހޭ ކަމެކެވެ. އަދި ވަކިން ހާއްސަކޮށް، ބައެއްގެ ބަދުބަސްތަކެއް އަމާޒުވުމަކީ އިތުރު އެތައް ބައެއްގެ ލޯބި ލިބިދާނެ ކަމެކެވެ.

މޯލްޑިވިއަން އައިޑޮލްގެ ދަތުރުގައި ބަޔަކު މީހުން ލައިޝާއާ ވެސް ދިމާކޮށްލި އެވެ. އޭނާ ހުންނަނީ މާ ފިރިހެން ގޮތަކަށޭ، އެއީ ބޮޑު ފިރިހެނޭ ކިޔާފައި ނިކަން ހުތުރުގޮތަކަށް އެ ކުއްޖާއާ ދިމާކޮށް ލަދުގަންނުވާލި އެވެ. އެކަމަކު އަހަރެމެން އުފާކުރަން ޖެހެނީ އެ ހުރިހާ ޖެއްސުމަކާއި ފުރައްސާރައަކުން ލިޔުނު ލޯބީގެ ވާހަކަ އެވެ.

ބަޔަކު މީހުން އެގޮތަށް ލައިޝާއާ ޖައްސާލައި އޭނާ އަށް މަލާމާތް ރައްދުކުރުމުގެ ނަތީޖާ އަކީ މުޅި ގައުމު އެކަތިގަނޑަކަށްވެ ލައިޝާ ސަލާމަތްކުރުމެވެ. ލައިޝާގެ ކާމިޔާބީގެ ފަހަތުގައި އާންމުން އަދި ވަކިން ހާއްސަކޮށް އަންހެނުންގެ ހައްގަށް ލޯބިކުރާ މީހުންގެ ހިއްސާ ވަަރަށް ވެސް ބޮޑެވެ. އަދި ވަކިން ހާއްސަކޮށް ލައިޝާގެ މިނިވަން ހިޔާލާއި ހުނަރުވެރިކަން ވެސް އޭގައި ވަރަށް ބޮޑެވެ.

ފުރަތަމަ މޯލްޑިވިއަން އައިޑޮލް އަންހެނަކަށް ވުމަކީ އަހަރެމެން އެންމެން ވެސް އުފާކުރަން ޖެހޭ ސަބަބެކެވެ. "ޖެންޑާ ނޮޓް ފައުންޑެއް" ނޫނެވެ. "ޖެންޑާ ފައުންޑް" އެވެ. -- ފުރަތަމަ މޯލްޑިވިއަން އައިޑޮލް އަކީ ފަހުރުވެރި އަންހެނެކެވެ.

އެކަމަކު ވެސް ޝަލަބީ އާއި އިޝާނަށް އެ ޝަރަފް މާ ހައްގު!

މިހެން ބައެއް މީހުން ބުނަނީ ކީއްވެ ހެއްޔެވެ؟ ސަބަބަކީ ލަވަކިޔުމަކީ އިޝާން އާއި ޝަލަބީ އެންމެ ކުރާ ހިތްވާ ކަންތަކަށްވުމެވެ. އަދި ލައިޝާ އެންމެ ކުރާ ހިތްވާ ކަމަކަށް ލަވަކިޔުން ނުވުމެވެ.

ޝަލަބީ އާއި އިޝާންގެ ހުވަފެނަކީ މޮޅު އަދި ކާމިޔާބު ލަވަކިޔުންތެރިންނަށްވުމެވެ. ލައިޝާގެ ހުވަފެނަކީ ޑޮކްޓަރަކަށްވުމެވެ. މި ސަބަބުތަކަށް ބަލާއިރު ލައިޝާ އަށް މޯލްޑިވިއަން އައިޑޮލް ހައްގު ނޫނޭ ބުނެ ވާހަކަ ދައްކާ ފަރާތްތަކުގެ ވާހަކައިގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް ވެސް އެބައޮތެވެ.

ކުރު ގޮތަކަށް ބުނަނީ ނަމަ، ބޮޑު އިންޓަނޭޝަނަލް ފްރެންޗައިޒް ޝޯއެއް ގެނެސް ފަންޑްކޮށްދިނީ ޑޮކްޓަރަކު އުފައްދާށެވެ. އެ ޕްލެޓްފޯމާ ގުޅިފައިވާ ލަވަކިޔުންތެރިން ނުވަތަ މިއުޒީޝަނުންތަކެއް އެ ދާއިރާ އަށް ނެރޭކަށެއް ނޫނެވެ. -- އެއްގޮތުން ބަލާއިރު މޯލްޑިވިއަން އައިޑޮލްގެ ސަބަބުން ރާއްޖެ އަށް ޑޮކްޓަރަކު ލިބުން އެއީ މުޅިއަކުން ގޯސްކަމެއް ވެސް ނޫނެވެ. ވަކިން ހާއްސަކޮށް ހިތުގެ ސާޖަންއަކު މި ރާއްޖެ އަށް ލިބިއްޖެ ނަމަ އެކަން ވާނީ އަނެއްކާވެސް ފަހުރަކަށެވެ.

އަނެއްކޮޅުން ލައިޝާ ވެސް އެ ބުނަނީ ލަވަކިޔުމާ ދެން ދުރަކަށް ނުދެވޭނެ ވާހަކަ އާއި ދުރަށް ނުދާނެ ވާހަކަ އެވެ. ބޮލުގައި އެޅިފައިވާ ޒިންމާ ކޮނޑަށް ލައިގެން އެންމެނާ ހަމަ އަށް ހިނގައިދޭނެ ވާހަކަ އެވެ.

އެކަމަކު ލައިޝާ އަށް ލިބުނު ފުރުސަތުތަކާއި އެވޯޑްތަކާ މެދު ސުވާލު އުފައްދާ މީހުންގެ ވެސް ވެލިޑް ޕޮއިންޓްތަކެއް އެބަހުއްޓެވެ. ލަވަކިޔުމުގެ ދާއިރާ އިން ކިޔަވަން ބޭނުންވާ ނުވަތަ ކުރިއަރަން ބޭނުންވާ ދެ ކުދިންނަށް މިއުޒިކް ސްކޯލާޝިޕް ފަދަ ފުރުސަތުތަކެއް ނުދިނީ ކީއްވެގެންތޯ އެވެ؟

ލަވަަކިޔަން ކެތްމަދުވެފައި ތިބި ނުވަތަ އެ ދާއިރާ އިން ކުރިއަރަން ބޭނުންވެފައި ތިބި ބަޔަކަށް އެމީހުންނާ ގުޅޭ ދާއިރާއިން ފުރުސަތުތައް ހޯދައިނުދީ އަގުބޮޑެތި އިނާމުތަކަކުން ފެންވަރުވާލީ ކީއްވެގެންތޯ އެވެ؟ --އޭގައި ދައްކާނެ މާކަ ގިނަ ވާހަކަތަކެއް ނެތެވެ. ހުރިހާ ވެސް ޝުކުރެއް މޯލްޑިވިއަން އައިޑޮލްގެ ދީލަތި ސްޕޮންސަރުންނަށެވެ.

އާންމުންގެ ހިޔާލު ވަރަށް ބޮޑަށް ބައިބައިވެފައި!

މިހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ޝޯގެ ފައިނަލްގައި ވާދަކުރީ ގާތްގަނޑަކަށް އެއްވަރުގެ ތިން ލަވަކިޔުންތެރިންނެވެ. އަދި އެންމެ މަގްބޫލު ތިން ލަވަކިޔުންތެރިން ވެސްމެ އެވެ. އެހެންވީމަ އޭގެ ތެރެއިން އެކަކަށް އައިޑޮލް ލިބުނީމަ ދެން ތިބި އެންމެން ތިބޭނީ އެހާ ގަޔާނުވެފަ އެވެ. ވީއެހެންނެވެ.

ބައެއް މީހުން އަދި އުޅެނީ މި ނަތީޖާއެއް ވަރަށް ބޮޑުކޮށްލައިގެންނެވެ. އެމީހުންގެ ހިޔާލުގައި މިއީ މާލޭ މީހުންނާއި ރާއްޖެތެރޭ މީހުން އިތުރަށް ތަފާތުކޮށް ދަރަޖައިގެ ގޮތުން ދަށްކޮށްލި ނަތީޖާއެކެވެ. އެކަމަކު މީގައި އަޅުގަނޑަށް ގޯހީ އެފަދަ ވިސްނުމެއް ސިކުނޑިން އުފެއްދި މީހުންނެވެ. ތަފާތުކުރުމާއި ދަރަޖަކުރުން އެ އޮތީ މާ ކުރިން އެވެރިންގެ ބޮލު ތެރޭގައި އުފަންކުރުވައިފަ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ނަތީޖާ ނުކުތްގޮތުން އެކަން ހަޖަމުނުކުރެވިގެން ގޮސް އެންމެފަހުން ހޮޑުލެވުނުއިރު ތިމާމީހުންގެ އަމިއްލަ ސިފަ ބޭރުކޮށްލެވުނީ އެވެ.

އަނެއް ބަޔަކު ދައްކާ ވާހަކަ އަދި ވަކިން ހުތުރެވެ. އެމީހުން ބުނަނީ އަންހެނަކަށް ވީމަ ލައިޝާ އަށް މޯލްޑިވިއަން އައިޑޮލް ދިނީ ކަމަށެވެ. މާލޭގެ ގެދޮރުހުރި ކުއްޖަށް އޭނާ ވީމަ އައިޑޮލްގެ ޝަރަފް ދިނީ ކަމަށެވެ. ނުވަތަ ފައިސާގެ ބާރުން މި އެއްޗެއް ގަނެލީ އެވެ. މިއީ ދެން ވަރަށް ބޮޑުވަރެވެ.

އަޅުގަނޑުމެން ދަސްކުރަންވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވާ ފަދައިން، ކާމިޔާބީގައި އަދި ނާކާމިޔާބީގައި ވެސް ހިތްވަރުކޮށް ހިތްތިރިކުރާ ބަޔަކަށްވާށެވެ. އެކަމަކު އެހެނެއް ނުވި އެވެ. އިހްތިރާމް އަދާކޮށް ލޯބި ހިއްސާކުރުމުގެ ބަދަލުގައި ގިނަ ބަޔަކު ބޭނުންވެފައި ތިބީ "ފަހު ތަޅާލުންގަނޑަކަށެވެ."

އެކަމަކު ފާހަގަކޮށްލަން ޖެހެނީ ހިތަކަށް ވުރެން ވަކި މޮޅު ޓްރޮފީއެއް ނެތް ކަމެވެ. ރޭގެ ސްޓޭޖުގައި އެ ތިން ކުދިންގެ ތެރެއިން އެކަކަށް ޓްރޮފީއެއް ލިބުނު ނަމަވެސް އެ ތިން ކުދިންނަށް ވެސް ވަނީ ދިވެހިންގެ އެތައް ހާސް ބައެއްގެ ހިތްތަކުން ޖާގަ ދީފައި ކަމެވެ. އެއަށް ވުރެ ވަކި ބޮޑު ޝަރަފެއް ލިބޭނެ ހެއްޔެވެ!