ރިޕޯޓް

ރައީސްގެ ހިނިތުންވުން އެބަ ރަނގަޅުވޭ!

ރައީސް އަބްދުﷲ ޔާމީން ރިޔާސީ ރޭހަށް ނުކުންނެވުމާއެކު ޕާޓީގެ އެތެރެ އާއި ބޭރުން ވެސް އެމަނިކުފާނުގެ މަގުބޫލުކަމާ މެދު ސުވާލު އުފެއްދިއެވެ. އެއްބަޔަކު ބުނީ އެމަނިކުފާނަކީ އާންމުންނާ ރައްޓެހި ބޭފުޅެއް ނޫނޭ އެވެ. އެމަނިކުފާނު ރައްޔިތުންނާ އެކުގައި އުޅުއްވުމަށް ވުރެ، އެއީ ރައްޔިތުންނާ ދުރު ބޮޑާ ލީޑަރެއްގެ ގޮތުގައި އަނެއް ބަޔަކު ސިފަ ކުރި އެެވެ. ރައްޔިތުންނާ ހީ ސަމާސާ ނުކުރައްވާއިރު އެންމެ ކުޑަމިނުން ހިނިތުން ވެލުމަކީ ވެސް އެމަނިކުފާނުގެ ނެތް ސިފައެއް ކަމަށް ބުނެ ވަރަށް ގިނަ ވާހަކަ ދެކެވުނެވެ. ވެރި ކަމަށް ވަޑައިގެންނެވީ އެ ހުރިހާ ވާހަކަތަކެއްގެ ތެރެއިންނެވެ. އެފަހުން މިހާރު އެމަނިކުފާނުގެ ވެރިކަމަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މިހާރު ވެސް އެމަނިކުފާނަށް ފާޑު ކިޔިދާނެ ކަންކަން އެބަހުއްޓެވެ. އެކަމަކު ކުރިން ކީ ފާޑުތަކުގެ ތެރޭގައި ހިމެނޭ އެއް ކަމެއް  އެމަނިކުފާނު މިހާރު ރަނގަޅު ކުރައްވަފި އެވެ. ކުރިން ފެނުނު ރުޅި މޫނުގެ ފޮޓޯއާ އަޅާ ބަލާއިރު އެމަނިކފާނުގެ މިހާރު ފެންނަނީ ހިނިތުންވެ ވަޑައިގެން ހުންނަވާ ފޮޓޯތަކެވެ. އެމަނިކުފާނުގެ ހިނިތުންވުން އެބަ ރަނގަޅުވެ އެވެ.

"ރައީސް ޔާމީން ހިނިތުންވެގެން ހުންނަވާތަން މިހާރު ފެނޭ. ރަށްރަށަށް ވަޑައިގެން ވެސް ކުޑަކުދިންނާ ސަމާސާ ކުރައްވައި ހައްދަވާ ހިނިތުންވެ ވަޑައިގެން އުޅުއްވާ މަންޒަރު ފެނޭ. އަދި އާންމުންނާ ބައްދަލު ކުރައްވާ އިރުވެސް އެ ތަފާތު ފެނޭ. ރައީސް ޔާމީން މިހާރު ފެންނަނީ ހިތްހެޔޮ ބޭފުޅެއްގެ ގޮތުގައި. ހުރިހާ އުމުރެއްގެ މީހުނާ ވެސް ސަމާސާ ކުރައްވާ، ސެލްފީ ނަންގަވާ" ރައްޔިތުން މަޖިލީހުގެ މެންބަރަކު ވިދާޅުވި އެވެ.

ހަގީގަތަކީ ރައީސް ޔާމީނަކީ ސަމާސާ ބޭފުޅެކެވެ. އެކަމަކު އެއްއިރެއްގައި ވެސް އާންމުކޮށް މީހުންގެ ތެރެއަށް ނިކުމެ ވަޑައިގެން އުޅުއްވާ ކަހަަލަ މިޒާޖެއްގެ ބޭފުޅެއް ނޫނެވެ. އޭގެ ބަދަލުގައި ވަގުތު ނަންގަވައިގެން އަމަލީ ގޮތުން ކަންކަން ރަނގަޅަށް ކުރެއްވުމަށް އިސްކަން ދެއްވާ ބޭފުޅެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަވެ އެވެ. އެކަމަކު ރައީސް ޔާމީންގެ އެ މިޒާޖުފުޅަށް މިވީ ދުވަސްތަކުގައި ބޮޑު ބަދަލެއް އަތުވެއްޖެ އެވެ. އެކަން ފާހަގަވި ހެއްޔެވެ؟

މީގެ ކުރިން އެ މަނިކުފާނު އާންމުންނާ އެކު ހިނިފުޅު ވަޑުވައިގެން ހުންނަތަން ފެނިފައި ހުންނާނީ މަދުންނޭ ބުނުމަކީ ގޯހަކަށް ނުވާނެ އެވެ. އަދި އާންމުންނާ އެކު އުޅުއްވައި ވާހަކަފުޅު ދައްކާވާތަން ވެސް ފެނިފައި ހުންނާނީ މަދު ފަހަރަކު އެވެ.

ފަހަކަށް އައިސް ރައީސް ޔާމީން އާންމުންގެ ތެރެއިން ފެނިވަޑައިގަތް އެކި ރަސްމިއްޔާތުތަކުން ފެނިވަޑައިގަތީ ހިނިތުންވުމާއެކު އެވެ. ރަށްރަށަށް ވަޑައިގެން ކުޑަކުދިން އުރާލައްވައި އެ ކުދިންނާ އެކު ހީ ސަމާސާ ކުރައްވަން ވެސް ފައްޓައިފި އެވެ. އަދި އެކި ކަހަލަ ޗެރިޓީ އިވެންޓްތަކުން ވެސް އެމަނިކުފާނުގެ ސަމަސާ އާއި ހިނިތުންވުމުގެ ބައިވެރިވުން ފެނުން ވަނީ އިތުރުވެފަ އެވެ.

"ނުކުޅެދޭ ކުދިންގެ އެކި ހަރަކާތްތަކުން އެ މަނިކުފާނު ފެންނަލެއްގިނަ. އަދި އެކުދިންނާ ސަމާސާ ކުރައްވާ ހިނިފުޅު ވަޑުވައި ފޮޓޯ ނަންގަވާ އެބަހައްދަވާ މިހުންނަނީ ކުރިން އެއްގޮތަކަށް ވެސް ނުފެންނަ ކަންކަން. އެމަނިކުފާނު ހިނިފުޅު ވަޑުވައިގެން ހުންނަ މަންޒަރު އިތުރުވެފައިވާތީ އެމަނިކުފާނުގެ ހިނިތުންވުމާ ގުޅޭ ގޮތުން ކުރިން ދެކެވުނުހާ ވާހަކަތައް ވެސް މިހާރު ނާދޭ،" އާންމު މީހަކު ބުންޏެވެ.

"ރައީސް ޔާމީންގެ ހިނިތުންވުން ރީތި ކުރެއްވުމަށް ޕީއާރް ރޯލެއް އެމަނިކުފާނު އަމިއްލަފުޅަށް ވެސް އަދާ ކުރައްވަން އިސްކަން ދެއްވާހެން ވަރަށް ގިނަ ފަހަރަށް މިހާރު ހީވެ އެވެ. ވަރަށް ގިނަ ފަހަރަށް އެމަނިކުފާނު ހިނިތުންވެ ވަޑައިގަތުމަށް މަސައްކަތްކުރައްވާ މަންޒަރުން ވެސް ޖަލްސާތަކުންނާއި ބައްދަލުވުންތަކުން ފެނެ އެވެ. އަނެއްކޮޅު އެމަނިކުފާނުގެ ޑްރެސް ކުރެއްވުމަށް ވެސް ބޮޑެތި ބަަދަލުތައް ވަނީ މިހާރު ވެސް ވަނީ ގެންނަވާފަ އެވެ.

"ރައީސްގެ ހިނިތުންވުން މިހާރު މާބޮޑަށް ވެސް ރަނގަޅުކޮށްފި. މިއީ ރައީސްކަމަށް ވަޑައިގެންނެވުމުން އައި ތަފާތަކަށް ވެދާނެ. މިހާރު މާބޮޑަށް އެމަނިކުފާނުގެ މިޒާޖުފުޅު ފެންނަނީ ތަފާތުކޮށް،" ހިނިތުންވެ ވަޑައި ނުގެންނެވޭ ކަމަށް ބުުނެ ފޭސްބުކްގައި ރައީސް ޔާމީންގެ ފޮޓޯއަަކަށް މީގެ ކުރިން ކޮމެންޓްކޮށްފައިވާ ޒުވަން ކުއްޖަކު ބުންޏެވެ. އޭނާ ބުނާ ގޮތުން އޭނާއަށް ވެސް މިހާރު ރައީސް ޔާމީންގެ "ހިނިތުންވުން ރީތި ވެއްޖެ" އެވެ.

އެހެން ރައީސުންނާ ހިލާފަށް ރައީސް ޔާމީނަކީ ޕީއާރު ކަންތައްތަކަށް އެހާ އިސްކަން ދެއްވާ ބޭފުޅެއްހެނެއް ހީއެއްނުވެއެވެ. އަދި ރައީސް ޔާމީނަކީ މީޑިއާޔާ އެހާ ރަށްޓެހި ބޭފުޅެއް ވެސް ނޫނެވެ. މީގެ މާނައަކީ މީޑި އާއި ދެކޮޅުވުމެއް ނޫނެވެ.

ރައީސްގެ ސިޔާސީ ވާދަވެރިން އެމަނިކުފާނު މަގުބޫލް ނޫން ކަމަށް މިންކުރަނީ، އާންމުންގެ ތެރެއަށް ނިކުމެވަޑައިގަންނަވާ މިންވަރާއި އާންމުންނާ ބާއްވަވާ ގުޅުން މަދުވުމުން ކަމަށް ވެދާނެ އެވެ. އެކަމަކު އެމަނިކުފާނަކީ ބޮޑާ ހަރުކަށީ ބޭފުޅެއް ނޫން ކަމަށް ރައީސް ޔާމީންގެ ގާތްބޭފުޅުން ވިދާޅުވެ އެވެ. އެމަނިކުފާނާ ގާތް ރަހުމަތްތެރިކަމެއް ބާއްވަވާ ބޭފުޅަކު ވިދާޅުވި ގޮތުގައި އެމަނިކުފާނަކީ ވަރަށް ސަމާސާ ކުރެއްވުމުގެ މިޒާޖެއް ގެންގުޅުއްވާ ބޭފުޅެކެވެ. ބައެއް ފަހަރު ވަރަށް ސީރިއަސްވެފައި އެންމެން ތިބޭ ވަގުތުތަކުގައި ވެސް ހީނުކުރާ ކަހަލަ ސަމާސާ ކުރައްވާ ކަމަށް ވެއެވެ. އަދި ރަށްޓެހިންނާ އެކު ވަގުތު ހޭދަ ކުރައްވައި ސިޔާސީ ކަންކަމުގައި އެކުވެރި ކަމާ އެކު ހިޔާލު ބަދަލު ކުރެއްވުމަކީ އެމަނިކުފާނު އަދިވެސް ހިފަހައްޓަވައި ހޮބީއެއް ކަމަށް އެބޭފުޅާ ވިދާޅުވި އެވެ.

"މިނިސްޓަރުންނާ އެކުވެސް ސަމާސާ ކުރައްވާނެ. އެމަނިކުފާނު ބޮޑާވެގެން ދުވަހަކު ވެސް ހުންނެވިތަނެއް އަޅުގަނޑުމެން ނުދެކެން. އެކަމަކު އެ މިޒާޖު އާންމުންނާ ހިސާބަށް ދެއްކެވުމުގައި އެމަނިކުފާނަށް ދަތިތަކެއް މީގެ ކުރިން ހުރި،" އެބޭފުޅާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ހިނިތުންވުން އާންމުންނަށް ނުފެނި އަދި އޮތީ އެމަނިކުފާނުގެ މިޒާޖުގައި އެކަން ނެތުމުން ކަމަށް ބުނެވޭކަށް ވެސް ނެތެވެ. އެކަމަކު އެމަނިކުފާނު ބޮޑުފުޅުވި މާހައުލާއި އުފުލައްވަން ޖެހިވަޑައިގަތް ވަޒީފާތަކުގެ ގޮތުން އާންމުންނާ އެހާ ކައިރި ބޭފުޅަކަށް އެމަނިކުފާނު ނުވީ ކަމަށް ވެދާނެ އެވެ. އެކަމަކު ގައުމުގެ ވެރިއަކަށް ވެވަޑައިގަތް ހިސާބުން އެމަނިކުފާނުގެ އަސްލު މިޒާޖުފުޅު އާންމުންނަށް މިހާރު ފެންނަނީ ކަމަށް ބުނުމުގެ ޖާގަ މި އޮތީ ހުޅުވިފަ އެވެ. އެމަނިކުފާނުގެ ހިނިތުން ވެސް މިހާރު އެބަފެނެ އެވެ. އެކަމަކު އަދިވެސް ފާޑު ކިޔާނެ ކަންކަން އެބަހުއްޓެވެ.