ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، މިނިވަން ނޫސްވެރިކަމުގެ އަސާސީ ރުކުނަކަށް ވީހިނދު މި ހައްގަށް ހުރަސްއެޅޭފަދަ ސިޔާސަތުތަކާއި ނިންމުންތައް ނިންމަމުންދިއުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ލިބިގެންދާ ހީނަރު ކަމެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމުން) އިން ބުނެފި އެވެ.
ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހާ ގުޅުވައި އެޗްއާރްސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޅަފަތުގެ ދިމިގްރާތީ ވެރިކަމެއް އޮތް ރާއްޖެ ފަދަ ޤައުމެއްގައި، މިނިވަން ނޫސްވެރިކަމަކީ ގައުމުގެ ތަރައްޤީއަށް ނުހަނު ބޭނުންވެފައިވާ އަސާސީ ޙައްޤުތަކުގެތެރޭގައި ހިމެނޭ މުހިއްމު ހައްގެއް ކަމަށެވެ.
އެ ކޮމިޝަނުގެ ބަޔާނުގައި ބުނަނީ ޚަބަރު ފަތުރާ ވަސީލަތްތަކަށް ހަމަލާ ދިނުމާއި، ނޫސްވެރިންނަށް ތަފާތު އިންޒާރުދީ ބިރުދެއްކުމާއި، ނޫސްވެރިއަކު ވީނުވީގޮތެއް ނޭނގި ގެއްލިފައިވުމާއި ނޫސްވެރިންގެ ފުރާނައަށް ގެއްލުންވާފަދަ ބޮޑެތި ލާއިންސާނީ އަމަލުތައް ހިންގަމުންދާކަން ފާހަގަ ކުރާ ކަމަށެވެ. އަދި ނޫސްވެރިކަމާ ދެކޮޅަށް ހިންގާ މިފަދަ ޢަމަލުތައް ވީ އެންމެ އަވަހަށް ތަޙްޤީޤުކޮށް، އެ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި، ޙައްޤު އަދަބު ދެވޭނެގޮތްތައް ޤާއިމު ކުރަންޖެހިފައިވާ ކަމަށެވެ.
އަދި ބުނެފައި ވަނީ އެފަދަ މައްސަލަތަކުގެ ތަޙްޤީޤު މަރުހަލާ ނުނިމި ދިގުދެމިގެން ދިއުމުގެ ސަބަބުން އިންސާފު ލިބެންވާ ފަރާތްތަކަށް އިންސާފު ނުލިބި، އިތުރު އަނިޔާއަށް ހުށަހެޅިގެންދާ ކަމަށާއި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، މިނިވަން ނޫސްވެރިކަމުގެ އަސާސީ ރުކުނަކަށްވާއިރު އެ ޙައްޤަށް ހުރަސްއެޅޭފަދަ ސިޔާސަތުތަކާއި ނިންމުންތައް ނިންމާކަމީ ނޫސްވެރިކަމުގެ މިނިވަންކަމަށް ލިބިގެންދާ ހީނަރުކަމެއް ކަމަށެވެ.
"... މިނިވަން ނޫސްވެރިކަމެއް ފެނިގެންދާނީ ނޫސްވެރިންނަށް ނުފޫޒުން އެއްކިބާވެ މަސައްކަތް ކުރެވޭނޭ މާހަޢުލެއް ޤާއިމްކޮށްދެވިގެންނެވެ. މިފަދަ މާހަޢުލެއް ޤާއިމުކުރުމަށްޓައި ދައުލަތުގެ ފަރާތުން ސިޔާސަތުތައް ކަނޑައަޅައި އުޞޫލުތައް ޤާއިމްކުރަންޖެހެއެވެ. ނަމަވެސް ނޫސްވެރިންނަށް ލިބެންވާ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެދި އަޑުއުފުލާ ނޫސްވެރިންނަށް އިންޒާރާއި ބިރު ކުރިމަތިވެފައިވާކަން ފާހަގަކުރަމެވެ." ބަޔާނުގައި ވެއެވެ. "... ނޫސްވެރިންނަށް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ފުރުސަތު ހަމަހަމަކަމާއި ލިއްބައިދިނުމަކީ ޤާނޫއަސާސީގެ 29 ވަނަ މާއްދާއިން ކަށަވަރިކޮށްދީފައިވާ ޙައްޤެކަމާއި، މި ޙައްޤު ހަނިވަމުންދާކަމީ ކޮމިޝަނުން ނުހަނު ކަންބޮޑުވާކަމެކެވެ. ނޫސްވެރިންގެ ޙައްޤުތައް ރައްކާތެރިކޮށް ހިމާޔަތްކޮށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބުރޯޑްކާސްޓިން ކޮމިޝަނުން ކުރަމުންދާ މަސައްކަތް ފާހަގަކޮށްލަންޖެއެވެ. ހަމަ މިއާއެކު ޒިންމާދާރު ނޫސްވެރިކަން ނޫސްވެރިންގެ ކިބާގައި އަށަގެންނެވުމަށްޓަކައި ކަމާގުޅޭ އިދާރަތަކުން މިހާރަށްވުރެ އިތުރަށް މަސައްކަތްކުރުމަށް މި ކޮމިޝަނުން ގޮވާލަމެވެ."
މީގެ އިތުރުން އެ ބަޔާނުގައި ބުނަނީ ޤާނުނުއަސާސީގެ 27 އަދި 28 ވަނަ މާއްދާއިން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޤައުމަށް ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތުގައިވެސް ހިފަހައްޓައިގެން ނުވާނެ ޙައްޤެއް ކަމުގައި ޤާނޫނުއަސާސީގެ 255 ވަނަ މާއްދާގެ (ހ) ގެ ހަތަރު ވަނަ ނުކުތާގައި ބަޔާން ކޮށްފައިވާކަން ދަޢުލަތު އެންމެހާ މުއައްސަސާތަކަށް ހަނދާން ކޮށްދޭ ކަމަށާއި ނޫސްވެރިންނަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވޭނެ މާހަޢުލެއް ޤާއިމުކޮށްދިނުކަމީ ދަޢުލަތުގެ އެންމެހާ ފަރާތްތަކުގެ ޒިންމާއެއްކަމަށް ބަލައިގަނެ އެކަމަށް މަސައްކަތްކުރުމަށް އެންމެހާ ފަރާތްތަކަށް ގޮވާލާ ކަމަށެެވެ.
"ހަމަ މިއާއެކު މަޢުލޫމާތު ހޯދައި ފޯރުކޮށްދިނުމުގައި މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑު ހިފަހެއްޓުމާއި އަނެކާގެ ޙައްޤުތަކަށް އިޙްތިރާމް ކުރުމުގެ ޘަޤާފަތެއް ގެންގުޅުމަށް ރާއްޖޭގެ އެންމެހާ ނޫސްވެރިންނަށް ގޮވާލަމެވެ،" ބަޔާނުގައި ވެއެވެ.