ހަބަރު

ނޫސްވެރިންގެ ކަންކަން މިދަނީ ގާތުން ބަލަމުން: އެޗްއާރްސީއެމް

ނޫސްވެރިން މިދިޔަ އާދިއްތަ ދުވަހު ކުރި އިހުތިޖާޖުގައި ހިނގާދިޔަ ކަންކަމާއި އޭގެފަހުން ހިނގި ކަންކަން ވެސް ގާތުން ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބުނެފި އެވެ.

އެޗްއާރްސީއެމްގެ މީޑިއާ އޮފިޝަލް މިއަދު އަވަސްއަށް ވިދާޅުވީ، އާދިއްތަ ދުވަހު ނޫސްވެރިން އިހުތިޖާޖު ކުރަން ފެށުމާއެކު އެކަން ވަރަށް ގާތުން ބަލަން ފެށި ކަމަށާއި އެޗްއާރްސީއެމް އެކަން ބަލަނީ އެއްވެސް ފަރާތަކުން އެ މައްސަލަ ހުށަހަޅައިގެން ނޫން ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ، ނޫސްވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަންދުކުރުމާ ގުޅިގެން އެ ކޮމިޝަނުގެ އުސޫލުގެ ދަށުން އެތަނަށް ޒިޔާރަތްކޮށް ނޫސްވެރިންނާ މެދު އަމަލުކުރި ގޮތް ބަލާފައިވާނެ ކަމަށެވެ. އަދި އެތަނުގައި ނޫސްވެރިންނަށް ދިމާވި ކަންތައްތައް ވެސް ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އާދިއްތަ ދުވަހުގެ އިހުޖާޖުން 16 ނޫސްވެރިޔަކު ހައްޔަރުކުރި އެވެ. އެ 16 ނޫސްވެރިންގެ ތެރެއިން އަންހެން ނޫސްވެރިން ބަރަހަނާކޮށް 20 މިނެޓް ތެރޭގައި ދެ ފަހަރެއްގެ މަތިން ބަލާ ފާސްކޮށްފައިވާ ކަމަށް ނޫސްވެރިން ވަނީ ބުނެފަ އެވެ. އަދި އެތަނުގައި ކާން ނުދޭ ކަމަށް ވެސް ބައެއް ނޫސްވެރިން ބުނެފައިވެ އެވެ.