ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި މައްސަލާގެ ތަހުގީގަށް ހުރަސްއެޅިފައި ވަނީ ސިޔާސީ ބޭފުޅުންގެ ނުފޫޒުގެ ސަބަބުން ކަން ކަށަވަރުވާ ކަމަށް ރިލްވާން ގެ އާއިލާ އިން ބުނެފި އެވެ.
ރިލްވާންގެ އާއިލާ އިން މިއަދު ނޫސްވެރިންނާއި ބައްދަލުކޮށް ބުނީ ރިލްވާން ގެއްލުނު ފަހުން 600 ދުވަސްވެފައި ވަނިކޮށް ފުލުހުން ބޭއްވި ޕްރެސްކޮންފަރަންސްގައި ދެއްކި ވާހަކަތަކަކީ 2014 ވަނަ އަހަރު މިނިވަން ޖަމިއްޔާއަކުން ނެރުނު ރިޕޯޓުގައި ވެސް ހުރި ވާހަކަތަކެއް ކަމަށާއި ނަމަވެސް އޭރު އެވާހަކަތައް ދޮގުކޮށްފައިވާ ކަމަށެވެ. އެއިން ކަށަވަރު ވަނީ ފުލުހުންގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރާފައިވުން ކަމަށް ވެސް އެ އާއިލާއިން ބުންޏެވެ.
"ވީޑިއޯ ފުޓޭޖްތަކެއް ބެލި ވާހަކަވެސް އާއިލާއާ ވަރަށް ކުރިންސުރެއް ހިއްސާ ކުރަމުން ދިޔައީ. އެފުޓޭޖް ފެނިފައިވާ މީހުން ހައްޔަރު ވެސް ނުކޮށް ތިބުމުން އެމީހުން މިހާރު ވަނީ މިނިވަންކަމާއެކީ ފުރައިގެން ގޮސްފައި އެފަދަ މީހުން ޓެރަރިސްޓުން ގޮތުގައި ނުބަލާ އާދައިގެ މީހުން ޓެރަރިސްޓުންގެ ގޮތުގައި ބަލަނީ،" އާއިލާ މެންބަރަކު ބުންޏެވެ.
އާއިލާއިން އިތުރަށް ބުނީ ފުޓޭޖުން އެކަކު ނޫނީ ދެމީހަކު ފެނުނަސް މި ކަމުގައި ގިނަބައެއްގެ އަތް ވާކަމަށާއި ރިލްވާން ގެއްލުވާލުމަށް ރާވައި އެކަން ކުރަން މީހުނަށް ފައިސާ ދިން މީހުންވެސް ހޯދަން ޖެހޭނެ ކަމަށެވެ.
ރިލްވާން ގެއްލުވައިލި މައްސަލާގައި ދާދި ފަހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ރިލްވާން އަރުވައިގެން ދިޔަ ކަމަށް ބެލެވޭ ރަތް ކާރުގެ ވެރިފަރާތްވެސް ހިމެނެ އެވެ.