ބޭރު ކުޅިވަރު

ކުރިއަށް އޮތް 20 އަހަރު ތަށި ގެންދާނީ މުއްސަދި ކުލަބުތަކުން: ރަނިއޭރީ

ކުރިއަށް އޮތް 20 އަހަރު އިނގިރޭސި ޕްރެމިއާ ލީގުގެ ތަށި ގެންދާނީ މުއްސަދި ކުލަބުތަކުން ކަމަށް އާދައިގެ ސްކޮޑަކާއެކު މި ސީޒަނުގެ ތަށި ހޯދި ލެސްޓާ ސިޓީން ބުނެފި އެވެ.

ކޯޗު ކްލައުޑިއޯ ރަނިއޭރީ މިހެން ބުނީ 57 މިލިއަން ޔޫރޯ ހޭދަކޮށްގެން ހެދި ޓީމު ބާކީ ދެ މެޗު އޮއްވައި ލީގު ކަށަވަރުކުރުމުންނެވެ. ލެސްޓާގެ މުޅި ސްކޮޑުގެ އަގު ޕްރެމިއާ ލީގުގެ ގަދަ 10 ޓީމުގެ ތެރެއިން ހިމެނެނީ އެންމެ ފުލުގަ އެވެ.

"ގިނަ ފައިސާ ހުރި ޓީމުތަކުން ނުވަތަ ބޮޑެތި ޓީމުތަކުން އާއްމުކޮށް މޮޅުވާނީ އަބަދުވެސް. މިހާރު އަހަރުމެންނަށް ބުނެވިދާނެ މިކަން 99 ޕަސެންޓް އޮންނާނީ އެގޮތަށް ކަމަށް،" ޗެލްސީގެ ކުރީގެ ކޯޗު ބުންޏެވެ.

ފާއިތުވެދިޔަ 20 އަހަރު ތެރޭގައި ޕްރެމިއާ ލީގު އެންމެ ގިނައިން ހޯދީ މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް އަދި ޗެލްސީންނެވެ. އާދައިގެ ޓީމެއް ކަމަށްވާ ބްލެކްބާން ރޯވާސް 1995ގައި ތަށި ހޯދިއިރު ނޮޓެމްހަމް ފްރޮސްޓަށް ތަށި ލިބުނީ 1978ގަ އެވެ.

ރަނިއޭރީ ބުނީ އަންނަ ސީޒަނުގައި ޓީވީ ރައިޓްސްގެ ފައިސާ އިތުރަށް ޓީމަށް ލިބުނު ނަމަވެސް ޗެމްޕިއަންސް ލީގުގައި ކުޅެން ޓީމު ވަރުގަދަ ކުރަން އަވަސް އަރައި ނުގަންނާނެ ކަމަށެވެ.

"އަހަންނަށް މުހިންމީ ސުޕަސްޓާރުން ކުޅުންތެރިން ގަތުމެއްނޫން. ރަނގަޅު ކުޅުންތެރިންނާއެކު ޓީމު ބިނާކުރުން. އަހަރެންގެ ފޯނަށް މި ޓްރާންސްފާގައި ކޯލުތައް އަންނާނެ. އެކަމަކު އަހަރެން ބުނަން އޮތީ ފައިސާ ހުއްޓަސް އަހަރެންގެ ކުޅުންތެރިން ވިއްކާލާކަށް ބޭނުމެއްނޫނޭ. އަހަރެންގެ ކުޅުންތެރިއަކު ކުލަބު ދޫކޮށް ދާން ބޭނުންވިޔަސް އަހަރެން އެކަން ހުއްޓުވަން މަސައްކަތް ކުރާނަން. ގޮސްގެން ވާނެ ގޮތެއް ނޭނގޭނެ. މިކުލަބުގައި އެއީ ރަސްކަލުން،" ރަނިއޭރީ ބުންޏެވެ.

ލެސްޓާ ސިޓީގެ ވެރިއަކީ ތައިލެންޑްގެ ބިލިއަނަރެއް ކަމަށްވާ ވިޗާއި ސިރިވައްދަނަ އެވެ. 2014 ވަނަ އޭނާ ބުނީ ޕްރެމިއާ ލީގުގެ ގަދަ ފަހަކަށް އަރަން 180 މިލިއަން ހަރަދު ކުރަންޖެހޭނެ ކަމަށެވެ.