މޯލްޑިވްސް ޕޮލިސް ސާވިސް

ބްރިޖު ސައިޓާއި ސިނާއީ އަވަށުގެ ސަލާމަތީ ކަންކަމަށް މަޝްވަރާކޮށްފި

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ހިނގާ ސައިޓް ސަރަހައްދާއި ސިނާއީ މަސައްކަތަށް މާލޭ ހުޅަނގު ދެކުނުން ހިއްކައިގެން ތަރައްގީ ކުރާ ބިން، ސިނާއީ އަވަށުގެ ސަލާމަތީ ކަންކަމާއި ގުޅޭގޮތުން ފުލުހުންނާއި ހައުސިން މިނިސްޓްރީ އިން މަޝްވަރާކޮށްފި އެވެ.

ފުލުހުން ބުނީ ބްރިޖްގެ މަސައްކަތް ހިނގާ ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކޮށް އެތަންތަނުގެ ސަލާމަތީ ކަންކަން މިހާރަށްވުރެ ބޮޑަށް ބެލެހެއްޓޭނެ ގޮތްތަކާ ބެހޭގޮތުން މިނިސްޓްރީއާއެކު މަޝްވަރާ ކޮށްފައިވާ ކަމަށާއި އެ ސަރަހައްދުގައި ގިނަ ބަޔަކު މަސައްކަތް ކުރަމުންދާތީ އާއި އަގުބޮޑު އެތައް މުދަލެއް ޖަމާކޮށްފައި އޮތް ސަރަހައްދެއްކަށް ވާތީ ސަލާމަތީ އިންތިޒާމްތައް ވީހާވެސް އަވަހަށް ހަމަޖައްސާނެ ކަމަށެވެ.

މީގެ އިތުރުން ސިނާއީ އަވަށުގެ މަސައްކަތް ނިމި ބޭނުންކުރަންވާއިރަށް ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓާނެ ގޮތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން އެ ސަރަހައްދުގެ ޓްރެފިކް ހަމަޖައްސައި އިންތިޒާމްތައް ގެންދާނެ ގޮތްތަކުގެ އިތުރުން އެސަރަހައްދުގައި ކުނި މެނޭޖު ކުރުމުގެ މަސައްކަތް ކުރިޔަށްދާނެތީ ވަދެ ނުކުތުމުގައި ސަލާމަތީ ގޮތުން ބަލަން ޖެހޭނެ ކަންކަމާއިމެދު ވެސް ވަނީ މަޝްވަރާ ކޮށްފަ އެވެ.

މި މަޝްވަރާތަކުގައި އަރަބިއްޔާ އާއި ގާކޮށީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށެމުގެ ކުރިން އެތަންތަނުގައި ސަލާމަތީގޮތުން ކުރެވެން ހުރި ކަންތައްތަކާއި ގުޅޭ ގޮތުންނާއި ރަސްފަންނު ސަރަހައްދުގެ ސަލާމަތީ ކަންކަމާބެހޭ ގޮތުން މަޝްވަރާކޮށް މާލޭގައި ރޭގަނޑު އަނދިރިކޮށް ފެންނަ ބައެއް ތަންތަނުގެ ލައިޓްތައް ބަދަލު ކުރަން ވެސް ވަނީ ނިންމާފައެވެ.