ގަވާއިދާ ހިލާފަށް މާލޭ މަގުމަތީގައި ޕާކުކޮށްފައި ހުރުމުން ޓްރެފިކް ފުލުހުން ޓޯކޮށްފައި ހުރި ގިނަ އަދަދެއްގެ އެއްގަމު އުޅަނދު ނައްތާލަން ފުލުހުން އިއުލާނުކޮށްފި އެވެ.
ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނީ 60 ދުވަސްތެރޭ އެ އުޅަނދުތަކާ އޭގެ ވެރިން ހަވާލުނުވެއްޖެނަމަ އެއްގަމު ދަފްތަރުގެ ގާނޫނުގެ ދަށުން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އުޅަނދު ފަހަރު ނައްތާލާނެ ކަމަށެވެ. މިފަހަރު ނައްތާލާ އެއްގަމު އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ ކާރާއި ސައިކަލެވެ.
މީގެ ކުރިންވެސް ފުލުހުންވަނީ ގަވާއިދ ހިލާފަށް މަގުމަތީ ޕާކުކޮށްފައިވާ ބައެއް ވެހިކަލްތައް ޓޯކުރުމަށްފަހު ކަނޑައެޅިފައިވާ މުއްދަތުގައި ވެރިފަރާތުން ހަވާލުނުވުމުން ނައްތާލާފަ އެވެ.