އަލިފާން

ކެނެޑާގެ ޖަންގަލީގައި ރޯވި އަލިފާން ފެތުރޭތީ މީހުން ބަދަލުކުރަން ފަށައިފި

ކެނެޑާގެ އަލްބާޓޯ އަވަށުގެ ޖަންގަލީގައި ރޯވެ ފެތުރެމުންދާ އަލިފާން ގަނޑުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅެމުންދާ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކެނެޑާއިން ފަށައިފި އެވެ. އަލްބާޓޯ އަކީ 60،000 އެއްހާ މީހުން ދިރިއުޅެމުންދާ އަވަށެކެވެ. މި އަލިފާންގަނޑު ރޯވީ މިދިޔަ އާދިއްތަ ދުވަހު އެވެ.

މި އަލިފާންގަނޑުގެ ސަބަބުން އެތައް ހާސް ގެއަކާއި އިމާރާތްތައް ހަލާކުވެފައިވެ އެވެ. އެ އަވަށުން މީހުން ބަދަލު ކުރަމުންދާތީ އެ އަވަށުގެ މައި މަގުތައް ވަނީ ތޮއްޖެހި ބާރުބޮޑުވެފަ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި އަލިފާންގަނޑު ފެތުރެމުންދާތީ އަލްބާޓޯ އާއި އިންވެގެން އޮންނަ އިތުރު ދެ ސަރަހައްދުގެ ބައެއް ގެތައްވެސް އަނދާ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. މިއަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނަނެވެ.

ކެނެޑަގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ އަލްބާޓޯ އަވަށުގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ. މި ހާދިސާގައި އަދި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވި ކަމަށް ރިކޯޑުކޮށްފައެއް ނުވެ އެވެ.