އުރީދޫ މޯލްޑިވްސްއިން މޮބައިލް މަނީގެ ހިދުމަތް ފަށަން ގައުމީ ކަރަންޓް ކުންފުނި، ސްޓެލްކޯއާއެކު މިއަދު ސޮއިކޮށްފި އެވެ.
ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ވިރަމް ސިންހަ އެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދު ޝުކޫރު ސޯލިހު އެވެ.
ފޯނު ބޭނުން ކޮށްގެން ފައިސާ ދައްކާ ފައިސާ ނެގޭ ގޮތަށް ފަރުމާކޮށްފައިވާ މޮބައިލް މަނީ ނުވަތަ "މޮބައިލް ވޮލެޓް" ގެ ހިދުމަތާ ބެހޭ ގޮތުން ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ އުރީދޫން މަސައްކަތް ކުރަމުންދަނީ އާއްމުންގެ ދިރިއުޅުމަށް ފަސޭހަކަން ގެނެސް ދިނުމަށް ކަމަށެވެ. އަދި އޭނާ ވިދާޅުވީ އުރީދޫ މޮބައިލް މަނީގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ތައްޔާރުވަމުންދާއިރު، މި ހިދުމަތް މެދުވެރިކޮށް ރައްޔިތުންނަށް ފަސޭހަކަން ދޭނެ ހިދުމަތްތަކެއް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އުރީދޫން މޮބައިލް މަނީގެ ހިދުމަތް ދިނުމަށް ފަރުމާކޮށްފައިވާ "ވާޗުއަލް ވޮލެޓް" ކަމަށްވާ "އެމްވޮލެޓް" މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯނު ބޭނުންކޮށްގެން ފައިސާ ޖަމާކޮށް، ފައިސާ ނަގައި، ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި ގާތް ތިމާގެ މީހުންނަށް ފައިސާ ފޮނުވައި، އުރީދޫ ޕްރިޕެއިޑް އެކައުންޓް ރީޗާޖްކޮށް، ވިޔަފާރިކޮށް ބައެއް ބިލްތައް ވެސް ދެއްކޭނެ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޝުކޫރު ވިދާޅުވީ މޮބައިލް މަނީގެ ހިދުމަތް އެ ކުންފުނިން ބައިވެރިވުމުން ކަރަންޓު ބިލް މި ހިދުމަތް މެދުވެރިކޮށް ދައްކާލެވޭނެ ކަމަށެވެ.
"މިފަދަ ފަސޭހަ ހިދުމަތްތަކެއް ދެވޭނެ މަގު ފަހިކޮށް ދިނުމުގައި އުރީދޫން ނެންގެވި އިސް ނެގުމަށްޓަކައި މިފުރުސަތުގައި އުރީދޫ މެނޭޖުމަންޓަށް ޝުކުރު އަދާކުރަން،" ޝުކޫރު ވިދާޅުވި އެވެ.
އުރީދޫން މޮބައިލް މަނީގެ ހިދުމަތް ދެނީ އިސްލާމިކް ބޭންކް، ބޭންކިން ޕާޓްނަރެއްގެ ގޮތުގައި ބައިވެރިކޮށްގެންނެވެ. މި ހިދުމަތް ތައާރަފު ކުރީ 1.5 މިލިއަން ޑޮލަރު ބަޖެޓަކުންނެވެ.