މޯލްޑިވިއަން އައިޑޮލް

އެއްބަސްވުމާ އެކު ކުރިއަށް ދާން ޝަލަބީ ނިންމައިފި، ސަޕޯޓަރުންނަށްޓަކައި

މޯލްޑިވިއަން އައިޑޮލްގެ ނަތީޖާ ގަބޫލުނުކުރާ ކަމަށް، ރަނަރަޕް ޝަލަބީ އިބްރާހިމްގެ ރަސްމީ ޓީމުން ކުރިން އިއުލާނުކޮށްފައިވީ ނަމަވެސް ޕީއެސްއެމްއާ އެކު ހަދާފައިވާ އެއްބަސްވުމަށް އިހްތިރާމްކޮށް އެމީހުންނާ ގުޅިގެން ކުރިއަށް ދިއުމަށް ޝަލަބީ އާއި އޭނާގެ ޓީމުން އެންމެފަހުން ނިންމައިފި އެވެ.

ޝަލަބީ އާއި އޭނާގެ މެނޭޖަރު އަލީ އާމިރު (އައްޔަ) ބުނެފައި ވަނީ އެގޮތަށް ނިންމީ ޝަލަބީގެ ފޭނުންގެ ހައްގުގައި ކަމަށާއި ޕީއެސްއެމްއާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވަންދެން އެމީހުންނަށް ހުރިހާ ކަމެއްގައި އެއްބާރުލުން ދެމުންދާނެ ކަމަށެވެ.

ޕީއެސްއެމް އާއި ސަޕޯޓަރުންނާ އެކު ކުރިއަށް ދާން ޝަލަބީ ނިންމާފައިވާއިރު ކުރިން އޭނާގެ ޓީމުން ބުނެފައި ވަނީ އައިޑޮލްގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ގަބޫލުކުރެވޭތީ ޕީއެސްއެމްގެ އެއްބަސްވުމަށް ވެސް އިހްތިރާމްކުރެވެން ނެތް ކަމަށެވެ. އަދި އެ އެއްބަސްވުން އުވާލުމުގެ ވިސްނުން ވެސް ކުރިން އެމީހުން ގެންގުޅުނެވެ.

ނަމަވެސް އެހުރިހައި ހިޔާލެއް ޝަލަބީގެ ޓީމުން މިހާރު ވަނީ އެއްފަރާތަކަށް ޖައްސާލައިފަ އެވެ. އެމީހުން ބުނެފައި ވަނީ ނަތީޖާ އަށް ވެސް އިހްތިރާމްކުރާ ކަމަށާއި އެއް ވަނަ އަށް ހޮވުނު ލައިޝާ ޖުނައިދަށް އަދި ތިން ވަނަ ލިބުނު މުހައްމަދު އިޝާން އަށް ވެސް އެމީހުންގެ ފުރިހަމަ އިންތިރާމް އެބައޮތް ކަމަށާއި އަބަދުވެސް އެ އިހްތިރާމް އޮތް ކަމަށެވެ.

މޯލްޑިވިއަން އައިޑޮލްގެ ތިން ފައިނަލިސްޓުން އަދި ގަދަ ދިހައެއްގައި ހިމެނޭ ލަވަކިޔުންތެރިންގެ ޓެލެންޓް މެނޭޖުކުރުމަށް ޕީއެސްއެމް އިން އެމީހުންނާ އެކު ހަދާފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.