ބޭރު ކުޅިވަރު

ކެމްބްރިޖް ބަލިކޮށް ޔުނައިޓެޑް ފަސް ވަަނަ ބުރަށް

އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގެ ރީޕްލޭގައި ކެމްބްރިޖް އަތުން އަމިއްލަ ދަނޑުގައި 3-0 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑް މުބާރާތުތެ ފަސް ވަނަ ބުރުން ރޭ ޖާގަ ހޯދައިފި އެވެ.

ހަތަރު ވަނަ ޑިވިޝަންްގެ ކެމްބްރިޖްގެ ދަނޑުގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން، ޔުނައިޓެޑްގެ ދަނޑުގައި ކުޅެން ޖެހުނު ރީޕްލޭގައި ޔުނައިޓެޑް އިން ލީޑު ނެގީ 25 ވަނަ މިނިޓުގައި ހުއާން މަޓާ ޖެހި ލަނޑުންނެވެ. އަދި މެޗުގެ 32 ވަނަ މިނިޓުގައި ޔުނައިޓެޑްގެ ދެވަނަ ލަނޑު ޖެހީ އާޖެންޓީނާގެ ޑިފެންޑަރު މާކޮސް ރޯހޯ އެވެ. މެޗުގެ 73 ވަނަ މިނިޓުގައި ޔުނައިޓެޑްގެ ތިން ވަނަ ލަނޑު ޖެހީ ޒުވާން ފޯވަޑް ޖޭމްސް ވިލްސަން އެވެ.

މެޗުގެ ފުރަތަމަ މިނިޓުގައި ކެމްބްރިޖްގެ ފޯވަޑް ޓޮމް އެލިއަޓް އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ޔުނައިޓެޑްގެ މިޑްފީލްޑު ޑޭލީ ބްލިންޑަށް ހެދުނު ގޯހަކުން އެލިއަޓް އަށް ތަނަސްވި ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި މި މަހުގެ 16 ވަނަ ދުވަހު ޔުނައިޓެޑްއާ ދެކޮޅަށް ނުކުންނާނީ ތިން ވަނަ ޑިވިޝަންގެ ޕްރެސްޓަން ނޯތު އެންޑާ ދެކޮޅަށެެވެ.

މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ލުއީ ވެން ހާލް ވަނީ ކެމްބްރިޖްގެ ޓީމަށް ތައުރީފްކޮށްފަ އެވެ.

"ކެމްބްރިޖް އިން ވަރަށް ރަނގަޅަށް މި މެޗުގައި ކުޅުނު. ވަރަށް އޯގަނައިޒްކޮށް، ވަރަށް ރަނގަޅު ރޫހެއްގައި ކެމްބްރިޖް އިން ކުޅުނު،" ވެން ހާލް ބުންޏެވެ. "އަހަރެމެން ބޭނުން މި އަހަރު ތައްޓެއް ހޯދަން. މިހާރު ތައްޓެއް ހޯދަން އެންމެ ރަނގަޅު ފުރުސަތަކީ އެފްއޭ ކަޕް." -- ބީބީސީ