ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު އަލުން އިތުރުކޮށްދީފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ މުއްދަތު އިުރުކޮށްފި އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަވިސް އިން ބުނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން 30 ދުވަހަށް، އިތުރުކޮށްފައިވާ ކަމަށެވެ.

ކުރީގެ ރައީސް ނަޝީދުގެ ބޭސް ފަރުވާއަށް މުއްދަތު އިތުރުކޮށްފައިވަނީ އެމަނިކުފާނު އޮޕަރޭޝަނެއް ކުރަން ޖެހޭކަމަށް ވިދާޅުވެ އެކަމާގުޅޭ ލިޔެކިއުންތައް ހުށަހެޅުމުންނެވެ.

ޑޮކްޓަރުގެ ލިޔުންތަކަށް ބަލާފައި މީގެކުރިން ވެސް ކަރެކްޝަނުން 30 ދުވަހުގެ މުއްދަތެއް އިތުރަށް ދިނެވެ. ނަމަވެސް ރައީސް ނަޝީދު އޮޕަރޭޝަނެއް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ވިދާޅުވުމުން އެމަނިކުފާނުގެ ގާނޫނީ ވަކީލް ހަސަން ލަތީފު ދޮގުކުރެއްވުމާއެކު ކަރެކްޝަނުން ވަނީ އެ މުއްދަތު އަނބުރާ ނަގާފަ އެވެ. އަދި ރައީސް ނަޝީދަށް ރާއްޖެ ވަޑައިގަތުމަށް އަންގާފަ އެވެ.

ހަސަން ލަތީފު ވިދާޅުވެފައިވަނީ، އެ ލިޔުމުގައި ބޭސްފަރުވާ އަދި ނުނިމޭ ކަމަށާއި ބޭސްފަރުވާ އިތުރަށް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ހިމަނާފައިވާ ކަމަށެވެ. ބޭސްފަރުވާގެ މުއްދަތު އިތުރުކޮށް ދިނީ ވެސް އެ ހުރިހާ މައުލޫމާތެއް ވަރަށް ތަފްސީލުކޮށް ލިޔުމުގައި ހުރުމުން ކަމަށެވެ. އެހެންކަމުން ވަކީލުން ވިދާޅުވި ވިދާޅުމަކަށް ބަލާ، ބޭސްފަރުވާގެ މުއްދަތު ބާތިލުކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ނަޝީދު ހޯއްދަވަމުން ގެންދަވާ ފަރުވާގެ ތެރެއިން ހޭނައްތައިގެން ހައްދަވަން ޖެހިވަޑަގަންނަވާ މެޑިކަލް ޕްރޮސީޖާއެއް އެމަނިކުފާނު ވަނީ ހައްދަވާފަ އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވަނީ، ރައީސް ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު ނެގީ އެމަނިކުފާނުގެ ގާނޫނީ ވަކީލު ދެއްކެވި ވާހަކައެއްގެ ސަބަބުން އެޅި އޮޅުމެއްގެ ސަބަބުން ކަމަށެވެ. ރައީސް ނަޝީދުގެ ބޭސްފަރުވާގެ އިތުރުކޮށްފައި މިވަނީ ރައީސް ނަޝީދުގެ ބޭސްފަރުވާގެ މުއްދަތުގެ މައްސަލަ މިނިސްޓަރު އުމަރުގެ އެންގެވުމަކަށް އަލުން މުރާޖާކުރުމަށްފަހުގަ އެވެ. އެ މައްސަލަ މުރާޖާކުރުމަށް މިނިސްޓަރު އަންގަވާފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނާ އޮފް ޕްރިޒަންސް، މުހައްމަދު ހުޝާމް އޮފީހަށް ނުނިކުމަށް އެންގުމުން ރިޓަޔާކޮށްފައި ވަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސީޕީ ހުޝާމް ގޭގައި މަޑުކުރަން އެންގީ ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ހިންގުން މިހާރު ވަނީ އަހުމަދު ޝިހާންއާ ހަވާލުކުރައްވާފަ އެވެ.

ކުރީގެ ރައީސް ނަޝީދު ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ފޮނުވާފައިވަނީ މިއަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހުއެވެ.