ދުނިޔެ

މި ކުއްޖާގެ ހަތަރެސްފައިގައި 31 އިނގިލި!

May 5, 2016

ބެއިޖިން (4 މެއި) - އޭނާގެ ނަމަކީ ހޮންގް ހޮންގް އެވެ. ގާތްގަނޑަކަށް އެންމެ ހަތަރު މަހެވެ. ޗައިނާގެ ރަށްވެއްސެކެވެ. އޭނާގެ އަތާއި ފައިގައި 31 އިނގިލި އެބަހުއްޓެވެ.

ޗައިނާގެ ހުއާން ޕްރޮވިންސްގެ ޕިންގްޖިއަންގް ކައުންޓީ އަށް އުފަން މި ކުއްޖާގެ ދެ އަތުގައި 15 އިނގިލި އެބަހުއްޓެވެ. އަދި ދެ ފައިގައި ހުރި އިނގިލިތަކުގެ އަދަދު 16 އަށް އަރަ އެވެ. ދެ އަތުގައި ޖުމްލަ ހަތަރު އަތްތިލަހުރިއިރު ބޮޑުވާ އިނގިއްޔެއް ނެތެވެ.

ޑޮކްޓަރުން ބުނަނީ މި ތުއްތު ކުއްޖާގެ މައްސަލަ އަކީ ޕޮލިޑެކްޓީލިޒަމް ކަމަށެވެ. މިއީ އިންސާނުންގެ އިތުރުން ބުޅަލާއި ކުއްތާތައް ފަދަ ޖަނަވާރުތަކުގެ މެދުގައި ވެސް އާންމު މައްސަލައެއް ކަމަށް ބުނެފައިވެ އެވެ. އުފަންވާ ކޮންމެ 1000 ކުދިންގެ ތެރެއިން އެއް ކުއްޖަކަށް މި ކޮންޑިޝަންގެ އަސަރުކުރާ ކަމަށް ތަޖުރިބާކާރުން ލަފާކޮށްފައިވެ އެވެ.

މިއީ އާންމުކޮށް، އޮަޕަރޭޝަންކޮށްގެން، އިތުރުވާ އިނގިލިތައް ނަގައި ފަސޭހަކޮށްލެވޭ މައްސަލަ އެކެވެ. ހޮންގް ހޮންގްގެ އާއިލާ އިން ވެސް މިހާރު ދަނީ އޭނާގެ އެ އޮޕަރޭޝަނަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތްކުރަމުންނެވެ.

ޕޮލިޑެކްޓީލިޒަމް އަކީ އާއިލާ ތެރެއިން ވާރުތަވާ މައްސަލަ އެކެވެ. ހޮންގް ހޮންގްގެ މަންމަ އުފަންވިއިރު އޭނާގެ އަތުގައި ވެސް ހަ އިނގިލި ހުއްޓެވެ.

ނަމަވެސް ޑޮކްޓަރުން ބުނަނީ ހޮންގް ހޮންގްގެ މައްސަލަ މީގެ އެހެން މައްސަލަތަކާ އަޅާބަލާއިރު އާދަޔާހިލާފު ކަމަށެވެ. އަދި ކުރަން ޖެހޭ އޮޕަރޭޝަން ވެސް ސީރިއަސް ކަމަށެވެ.

މި ދަރިފުޅުގެ ބައްޕަ، ޒޫ ޗެންގްލިން ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އޮޕަރޭޝަނަށް 30،000 އެމެރިކާ ޑޮލަރު ބޭނުންވާ ކަމަށެވެ. އެއީ ދެ ލައްކަ ޗައިނީސް ޔުއާން އެވެ. އޮންލައިން އެހީތަކާ އެކު މިހާތަނަށް މި އާއިލާ އަށް ވަނީ 40،000 އަށް ވުރެ ގިނަ ޔުއާން ލިބިފަ އެވެ. އެއީ 6،000 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރެވެ.