ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިންޑިޔާގެ ކޮވެކްސިން އަންނަ ޖޫން މަހު ލޯންޗުކުރަނީ

އިންޑިޔާ ބާރަތު ބަޔޯޓެކް އާއި އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް (އައިސީއެމްއާރް) ގުޅިގެން ޑިވެލޮޕްކުރި ކޮރޯނާވައިރަސް ވެކްސިނެއް ކަމަށްވާ ކޮވެކްސިން 2021ގެ ޖޫން މަހު ލޯންޗުކުރުމުގެ ތައްޔާރީތައް ފަށައިފި އެވެ.

ލައިވް މިނިޓް ކިޔާ އޮންލައިން ނޫހަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ކޮވެކްސިން އަންނަ ޖޫންގައި ރިލީޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ މި ވެކްސިން އިމަޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ މީގެ ކުރިން ސަރުކާރުން ނުދީފި ނަމަ އެވެ. ސަރުކާރުން ހުއްދަ ދީފިނަމަ މިއަށް ވުރެ ކުރިން ވެސް މި ވެކްސިން ލޯންޗުކުރާނެ އެވެ.

ހައިދަރުއާބާދުގައި ހުންނަ ވެކްސިން އުފައްދާ މަޝްހޫރު މި ކުންފުނިން އުފެއްދި ވެކްސިންގެ ދެ ޓްރަޔަލް ނިމި ތިން ވަނަ ޓްރަޔަލް ފެށުމުގެ ގޮތުން ކެންޑިޑޭޓުންނަށް ވެކްސިން ދިނުމުގެ ހުއްދައަށް މިހާރު ވަނީ އެދިފަ އެވެ.

ބާރަތު ބައޮޓެކްގެ އެކްޒެކެޓިވް ޑައިރެކްޓަރު ސައި ޕްރަސާދު ވިދާޅުވީ މި ވެކްސިންގެ ދެ ވަނަ ފޭސްގެ ޑޭޓާތައް ރިވިއުކުރުމަށްފަހު އެއަށް ރިއާޔަތްކޮށް އިންޑިޔާ ސަރުކާރުން އިމަޖެންސީކޮށް މި ބޭސް އުފެއްދުމަށް ގަސްތުކޮށްފިނަމަ މިހާރުއްސުރެ ވެކްސިން އުފެއްދުމުގެ މަސައްކަތް ފެށިދާނެ ކަމަށެވެ.

"ފަހަރެއްގައި ސަރުކާރުން ބުނެފާނެ މިހާރުން މިހާރަށް ވެކްސިން ބޭނުމޭ. އެއީ މި ވެކްސިންގެ ފުރަތަމަ ދެ ޓްރަޔަލް އާއި އޭގެ ކުރިން ޖަނަވާރުން ބޭނުންކޮށްގެން ހެދި ޓެސްޓްތަކުގެ ނަތީޖާ ވަރަށް ރަނގަޅަށް ދައްކާފައިވާތީ،" އެގްޒެކެޓިވް ޑައިރެކްޓަރު ވިދާޅުވި އެވެ.

މި ވެކްސިންގެ ތިން ވަނަ ޓްރަޔަލް އަންނަ މަހުގެ މެދުތެރޭގައި ފެށުމަށް ތައްޔާރުވަމުންދާއިރު މި ޓްރަޔަލްގައި އުމުރުން 18 އަހަރުން މަތީގެ 26،000 މީހުންނަށް ދޭން ވަނީ ހަމަޖެހިފަ އެވެ.

މި ޓްރަޔަލްގައި އިންޑިޔާގެ އެކި ހިސާބުތަކުގައި ހުރި 25-30 ތަނެއްގައި ވެކްސިން ޖެހުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ އެވެ.

ބާރަތު ބައޮޓެކް ވެކްސިންގެ އިތުރުން އިންޑިޔާގެ އެހެން ކުންފުންޏަކުން އުފެއްދި ވެކްސިނެއްގެ ދެ ވަނަ ޓްރަޔަލް ވެސް މިހާރު ކުރިޔަށް އެބަ ދެއެވެ. އަދި އަސްޓްރާޒެނެކާ އާ ގުޅިގެން އޮކްސްފޯޑް ވެކްސިން އުފެއްދުމުގެ މަސައްކަތް ޕޫނޭގައި ހުންނަ ސީރަމް އިންސްޓިޓިއުޓުން ވެސް ކުރިޔަށް އެބަގެންދެ އެވެ.