ދުނިޔޭގެ ނަން މަޝްހޫރު ހުރިހާ ސައިންސްވެރިން ކަހަލަ ގޮތަކަށް ކޮވިޑް-19 އަށް ބޭހާއި ވެކްސިން ހޯދުމާއި ތައްޔާރުކުރުމުގެ މަސައްކަތުގައި ރެޔާ ދުވާލު ހޭބޯ ނާރާ އުޅެމުންދާއިރު އިންޑިޔާ ކަނޑުގައި އޮންނަ ދެކުނު އެފްރިކާގެ ޖަޒީރާ ގައުމެއް ކަމަށްވާ މަޑަގަސްކަރައިގައި ވެސް މި ބަލި ދަނީ ހަލުވި ކަމާއެކު ފެތުރެމުންނެވެ. އަދި އެ ގައުމުން މިހާރު ވަނީ ބަލީގެ މުޅިން ތަފާތު ފަރުވާއެއް ހޯދާ ދަނީ ބޭނުން ވެސް ކުރަމުންނެވެ.
މިދިޔަ އޭޕްރީލް 21 ވަނަ ދުވަހު މަޑަކަސްކަރައިގެ ރައީސް އެންޑްރީ ރަޖޯލިނާ ރަސްމީކޮށް މި ހާބަލް ރިމެޑީ ވަނީ އިއުލާން ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ކޮރޯނާވައިަހަށް ފަރުވާކުރެވި އަދި މި ބަލިން ދިފާއު ވެވޭ ސަޔެކެވެ. މި ސައި ބޮއިގެން ކޮރޯނާވައިރަސް ނައްތާލެވޭ ކަމުގެ އެއްވެސް ސައިންޓިފިކް ހެއްކެއް ނެތް ނަމަވެސް އެ ގައުމުގައި މިހާރު ޑޮކްޓަރީ ފަރުވާގެ ބަދަލުގައި މި ފަރުވާ ދެނީ ދެމުންނެވެ. ކޮވިޑް-އޯގަނިކްސް ކިޔާ ވަރަށް ހިތި ރަހަ ގަދަ މި ހާބަލް ޓީ އުފައްދާފައިވަނީ އާޓެމީސިއާ ކިޔާ ކުޑަކޮށް ހެދޭ ގަހަކުންނެވެ. މިއީ ގަހުގެ ފަތުން މެލޭރިއާ އަށް ފަރުވާ ކުރެވޭކަން ކުރިން ވެސް ވަނީ ސާބިތު ވެފަ އެވެ.
މަޑަގަސްކަރައިގެ ނޫސްތަކުން ބުނަނީ އެ ގައުމުގައި މިހާރު މި ހާބަލް ޓީ ތައްޔާރުކުރުމުގެ މަސައްކަތް ބޮޑެތި ފެކްޓްރީތަކުން ކުރަމުންދާ ކަމަށެވެ. އެފްރިކާގެ އެހެން ގައުމުތަކުގެ ލީޑަރުން ވެސް މި ހާބަލް ޓީ ހޯދަން ޝައުގުވެރިވެފައިވާ ކަމަށާއި މި ހާބަލް ރިމެޑީ އަކީ ދުނިޔޭގެ ބޭސް ޓެސްޓްކޮށް އުފެއްދުމުގެ ހުއްދަ ދޭ އެއްވެސް ފަރާތަކުން ޓެސްޓްކޮށް ބޭނުންކުރުމުގެ ހުއްދަ ދީފައިވާ އެއްޗެއް ނޫން ކަމަށެވެ.
މި ހާބަލް ޓީގެ ކަންތަކުގައި އެންމެ ބޮޑު ލަނޑެއް ލިބުނީ މަޑަގަސްކަރައިގެ ތައުލީމީ ވަޒީރަށެވެ. އޭނާ މިދިޔަ ހަފުތާގައި އެ ގައުމުގެ މީޑީއާ އާ ބައްދަލުކޮށް އިއުލާން ކުރެއްވި ގޮތުގައި ކުޑަކުދިންނަށް މި ސައި ހިތިކަމުން ނުބޮވޭތީ އޭނާ މިހާރު 2.2 މިލިއަން ޑޮލަރުގެ މެޓާ އޯޑަރު ކުރައްވައިފި ކަމަށެވެ. މިހާ ގިނަ އަދަދެއްގެ މެޓަޔާއި ލޮލީޕޮޕް ގަންނަނީ އެ ގައުމުގައި ކިޔަވާ ކޮންމެ ކުއްޖަކަށް ވައްތަރަކުން ތިން މެޓާގެ ރޭޓުން މެޓާ ލިބޭނީ މި ވަރަށް ގަނެގެން ކަމަށް ވާތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ މި ގައުމުން މެޓާ ގަންނަން މިހާ ބޮޑު ޚަރަދެއް ކުރަން އުޅޭކަން އިއުލާން ކުރުމުން އެ ގައުމުގެ މީޑިއާއިން މިކަމާ މާ ބޮޑަށް ފާޑުކިޔަން ފެށުމުން މި އޯޑަރު މިހާރު ވަނީ ކެންސަލް ކޮށްފަ އެވެ. އެޑިޔުކޭޝަން މިނިސްޓަރު ދެ މިލިއަން ޑޮލަރުގެ މެޓާ ގަންނަން އޯޑަރު ކުރެއްވިއިރު އެ ގައުމުގެ ކެބިނެޓަކަށް އެކަމެއް ނޭނގެ އެވެ. އެހެންކަމުން މި ކަންތައްގަނޑުގައި އެންމެ ފަހުން މިނިސްޓަރަށް އޭނާގެ ވަޒީރުކަން ވަނީ ގެއްލިފަ އެވެ.
މަޑަގަސްކަރައިގެ ރައީސް މި ހާބަލް ޓީ އެކްސްޕޯޓްކުރުމަށް މިހާރު ދަނީ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. އޭނާ ވިދާޅުވަނީ މިއީ އެ ގައުމުގެ "ގްރީން ގޯލްޑް" ނުވަތަ ފެހި ރަން ކަމަށާއި އެ ގައުމުގެ ތާރީޚު މި ބުއިމުގެ ސަބަބުން ބަދަލުކޮށްލާނެ އެވެ.
ކޮވިޑް-އޯގަނިކްސް ބުއިމުން ބަލި ޖެހިފައިވާ މީހުންނަށް ކުރާނެ އެއްވެސް ފައިދާއެއް ސައިންޓިފިކް ގޮތުން ސާބިތު ކޮށްދެވިފައެއް ނުވެ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި ކޮވިޑް-19 އިން ދިފާއު ވެވޭ ނުވަތަ އެ ބަލިން ފަސޭހަ ކުރެވޭ އެއްވެސް ފަރުވާއެއް މިހާތަނަށް ހޯދިފައެއް ނެތެވެ.