ރާއްޖެ ކުޅިވަރު

މާޒިޔާ އާއި ނިއު އަށް އުނދަގޫ މޮޅެއް

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ވަރަށް ހަނިގޮތަކަށް މާޒިޔާ އާއި އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓް މޮޅުވެއްޖެ އެވެ.

ލީގުގައި މިއަދު ހަވީރު މާޒިޔާ މޮޅުވީ ބީޖީ ސްޕޯޓްސް ކުލަބާ ވާދަކޮށް 1-0އިންނެވެ. ހަމައެކަނި ލަނޑު ޖެހީ ކެޕްޓަން އަސަދުﷲ އަބުދުﷲ އެވެ.

ލީގުގައި ނިއު މިރޭ މޮޅުވީ ޔުނައިޓެޑް ވިކްޓަރީ އަތުން 1-0އިންނެވެ. މެޗުގެ ހަމައެކަނި ލަނޑު ފަހު ހާފުގައި ޖެހީ ލިބުނު ޕެނަލްޓީއަކުން ބަލްގޭރިޔާގެ ޑިފެންޑަރު ވެލިޗްކޯ ވެލިޗޯފް އެވެ. އޭނާ ޖެހި ޕެނަލްޓީ ޔުނައިޓެޑް ވިކްޓަރީގެ ސީރިއާ ކީޕަރު ދިފާއު ކުރި ނަމަވެސް އެނބުރި އޭރިޔާ ތެރެއަށް އައި ބޯޅަ ގޯލަށް ފޮނުވާލީ އެވެ.

މި ނަތީޖާއާއެކު ޓޭބަލުގެ އެއްވަނާގައިވަނީ ހަ ޕޮއިންޓާއެކު މާޒިޔާ އެވެ. ދެ ވަނާގައިވަނީ ތިން ޕޮއިންޓާއެކު ވެލެންސިއާ އެވެ. ނިއު އޮތީ ތިން ޕޮއިންޓާއެކު އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ އަށްވުރެ ފަހަތުން ފަސް ވަނާގަ އެވެ.

ލީގުގައި މިއަދު ހަވީރު ކުޅޭނީ ވިކްޓަރީ އާއި ޓީސީ އެވެ. މިރޭ ކުޅޭނީ އީގަލްސް އާއި ވެލެންސިއާ އެވެ.