ބޭރު ކުޅިވަރު

ނޭމާ ބާސެލޯނާ ދޫކޮށްލަންޖެހޭ ސަބަބެއްނެތް: ރޮނާލްޑޯ

ބްރެޒިލްގެ ކެޕްޓަން ނޭމާ ސަންޓޯސް ހުންނަވީ ބާސެލޯނާގައި ކަމަށާއި އޭނާ އެކުލަބު ދޫކޮށްލަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ބްރެޒިލްގެ ކުރީގެ ތަރި ރޮނާލްޑޯ ބުނެފި އެވެ.

ދެ ފަހަރެއްގެ މަތީން ވޯލްޑް ކަޕް ކާމިޔާބުކޮށް، މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވާ ރޮނާލްޑޯ އަކީ ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް ވެސް ކުޅުނު ފޯވަޑެކެވެ.

ނޭމާއާ ބެހޭ ގޮތުން އޭނާ މިފަދައިން ބުނީ ކުރިއަށް އޮތް ސީޒަން ފެށުމުގެ ކުރިން ފްރާންސްގެ ޕީއެސްޖީ އަށް ނުވަތަ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ނޭމާ ބަދަލުވާނެ ވާހަކަ ގަދަވެފައިވާ ވަގުތެއްގަ އެވެ. އެއީ ޓެކްސްގެ މައްސަލާގައި ސްޕޭނުން ނޭމާ އަށް ދަތުކުރާތީ ކަމަށްވެ އެވެ.

"އޭނާ ބާސެލޯނާ އާއި އެ ސިޓީ އަށް ވަރަށް ބޮޑަށް ހޭނިއްޖެ. ތިޔަފަދަ ބަދަލެއް އޭނާ ގެންނަންވީ އެއްވެސް ސަބަބެއްނެތް. އޭނާ ހުންނަންވީ ބާސެލޯނާގައި. އަހަރެން ދޭނެ ހިޔާލަކީ އޭނާ އެކުލަބުގައި މަޑުކުރުން،" ރޮނާލްޑޯ ބުނެފައި އެވެ.

ނޭމާ ބާސެލޯނާއިން އެހެން ކުލަބަކަސް ބަދަލުވާނަމަ ޓްރާންސްފާ ފީއެއްގެ ގޮތުގައި 153 މިލިއަން ޕައުންޑް ދޭން ޖެހޭނެ އެވެ.
ނޭމާ ވަނީ ބާސެލޯނާ އަށް މިހާތަނަށް ކުޅެދިން 38 މެޗުގައި 83 ގޯލު ޖަހާފަ އެވެ.