- 285 މިލިއަން ރުފިޔާގެ މަޝްރޫއެއް
- ބޮޑު ބައި ހަރަދުކުރަނީ ކުއެތު ފަންޑުން
- ދެ އަހަރު ތެރޭ ނިންމަންޖެހޭ
ޏ. ފުވަމުލަކުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް 285 މިލިއަން ރުފިޔާގެ މަޝްރޫއެއްް، ސްރީލަންކާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
މިއަދު އެންވާރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ފުވަމުލަކުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ލަންކާގެ ސިއޭރާ ކޮންސްޓްރަކްޝަން ޕަރައިވެޓު ލިމިޓަޑާ އެވެ. އެ ކުންފުނި ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެނޭޖިން ޑިރެކްޓަރު ނިމާލް ލޮކުގެ އެވެ. އަދި ސަރުކާރު ފަރާތުން އެންވާރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ސޮއި ކުރެއްވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތޯރިގު ވިދާޅުވީ ފުވަމުލަކުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތަކީ ސަރުކާރުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެއް ރާވައި މަސައްކަތް ކުރަމުން އަންނަ ކަމެއް ކަމަށާއި އެކަމަކީ ފުވަމުލަކު ރައްޔިތުންނަށް ކޮންމެހެން ވެސް ބޭނުންވެފައިވާ އޮތް ކަމެއް ކަމަށެވެ. އެގޮތުން މިމަޝްރޫއަށް ސަރުކާރު ފަރާތުން 110 މިލިއަން ހަރަދު ކުރާއިރު ކުއެތު ފަނޑުގެ ދަށުން 175 ހަރަދު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި ކޮންޓްރެކްޓަރުގެ ދަށުން ފުވަމުލަކުގައި ވޯޓާ ސަޕްލައި ނެޓުވޯކެއް މުޅި ރަށުގައި އެޅިގެން ދާނެ. އަދި 500 ޕްލާންޓު ދުވާލަކު ހެދޭ ތިން އާރޯ ޕްލާންޓު ރަށުގެ ބެހެއްޓޭނެ. ދެން ފެން ރައްކާކުރުމަށް 720 ޓަނުގެ ވޯޓާ ސްޓޯރޭޖު ޓޭންކް އެޅޭނެ. އޭގެ އިތުރުން ދެން އެޅޭނީ ނަރުދަމާއާއި ސުވަރޭޖު ޓްރީޓްމަންޓު ޕްލާންޓް. އެހެންވި މިއީ އެންމެ ފުރިހަމަޔަށް ނަރުދަމާ ނިޒާމް އެޅިގެން ދާނެ އެއް ރަށަށް ވެގެންދާނެ،" ތޯރިގު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިއަދު ކޮންޓްރެކްޓުގައި ސޮއި ކުރި ނަމަވެސް ފުވަމުލަކުގައި އަމަލީ މަސައްކަތް ފެށިގެން ދާނީ ރޯދަ މަސް ނިންމައިފަ ކަމަށާއި އަދި ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާނެ ކަމަށެވެ.