ސީރިޔާ

ހަލަބަށް ހަމަލާދިނުން މެދުކަނޑާލަން ރަޝިއާއިން އެއްބަސްވެއްޖެ

ސީރިޔާގެ ހަލަބް (އަލެއްޕޯ ސިޓީ)ގައި ހަނގުރާމަ މެދު ކަނދާލުމަށް، ރަޝިޔާއާއި އެކުގައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފި އެވެ.

ހަލަބް ސަރަހައްދުގައި ހަނގުރާމަ މެދުކަނޑާލަން އެއްބަސްވެފައި ވަނީ ބުދަ ދުވަހު ދަންވަރު 12 ޖެހި އިރުއެވެ. ހަނގުރާމަ މެދު ކަނޑާލަން އެއްބަސްވެފައި އޮތް ނަމަވެސް، ހަމަލާތަކެއް ދީފައިވާ ކަމަށް އޮފިޝަލުން ހާމަކުރިއެވެ. ނަމަވެސް، ހަނގުރާމަ މެދުކަނޑާލަން އެއްބަސްވުމާއި އެކު، ހަމަލާތައް މަދު ކަމަށް އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

ހަނގުރާމަ މެދު ކަނޑާލަން އެއްބަސްވި ކަމަށް ސީރިޔާގެ މިލިޓަރީ އިން ވެސް ވަނީ ކަށަވަރު ކޮށްދީފިއެވެ. އަދި ސީރިޔާގެ މިލިޓަރީ އޮފިޝަލަކު މައުލޫމާތު ދެމުން ބުނެފައިވަނީ 48 ގަޑިއިރު ވަންދެން ހަލަބް ސަރަހައްދަށް އަމާން ދީފައިވާ ކަމަށާއި، އެއްވެސް ހަމަލާއެއް 48 ގަޑިއިރު ތެރޭގައި ނުދޭނެ ކަމަށެވެ.

އޮފިޝަލުން ހާމަކުރިގޮތުގައި އެމެރިކާއިން އަދިވެސް ދަނީ ހަނގުރާމަ މެދު ކަނޑާލަން އެއްބަސްވި ސަރަހައްދު މޮނިޓާ ކުރާނެ ގޮތަކާއި މެދު މަޝްވަރާ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓިން ހާމަ ކުރިގޮތުގައި ސީރިޔާގެ ހަނގުރާމައަށް ހައްލެއް ގެނައުމަށް ރަޝިޔާގެ އެހީ މުހިންމު ކަމަށެވެ.