ކުންފުނިތަކާއި ގްރޫޕްތަކުގެ ތެރޭގައި ފަސޭހަކަމާއެކު މުއާސަލާތު ކުރެވޭ މޮޅު ނިޒާމެއް އުރީދޫން ގާއިމްކޮށްފި އެވެ.
އުރީދޫން މިހާރު ވެސް ދެމުން ގެންދާ "އެމްވީޕީއެން" ގެ ހިދުމަތަށް އިތުރު ފުރިހަމަ ކަމެއް ގެނެސް މިއަދު ތައާރަފު ކުރި ޕޯޓަލް ނުވަތަ ނިޒާމުގެ ސަބަބުން ކުންފުނިތަކާއި ގްރޫޕްތަކުގެ ތެރޭގައި ކުރަން ޖެހޭ މަސައްކަތް ކުރުމުގައި ލުއި ފަސޭހަ ލިބިގެންދެ އެވެ.
އުރީދޫގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ކުންފުނީގެ ހެޑް އޮފް ސޭލްސް މުހައްމަދު ނިޔާޒު ވިދާޅުވީ މިއަދު ތައާރަފުކުރި "ވޯކް ގްރޫޕު" ގެ ސަބަބުން މުވައްޒަފުން ގެ މެދުގައި ކުރަން ޖެހޭ ގިނަ މުއާމަލާތުތަކެއް ހިލޭ ކުރެވޭނެ ކަމަށެވެ.
"މި ހިދުމަތުގެ ސަބަބުން ކުންފުނީގެ ތެރޭގައި ކުރަން ޖެހޭ ހުރިހާ ކޯލެއް އަދި އެސްއެމްއެސް ވެސް ހިލޭ ކުރުމުގެ މަގު ފަހިވާނެ،" ނިޔާޒު ވިދާޅުވި އެވެ.
އުރީދޫގެ މި ހިދުމަތް މެދުވެރިކޮށް ކުންފުނިން ދައްކަން ޖެހޭ ބިލްތައް ޗެކް ކުރުމާއި އާ ކަކެންޝަންތަކަށް އެދުމާއި، ވާކް ގްރޫޕްތަކުގައި ހިމެނޭ ފަރާތްތަކަށް ބަލައި، އެ ލިސްޓަށް މުވައްޒަފުން އިތުރުކޮށް، މަދުކުރެވޭނެ އެވެ. އަދި މީގެ އިތުރުން ވަކި ގްރޫޕްތައް އުފައްދައި އެ ގްރޫޕްތަކަށް އެސްއެމްއެސް ކުރުން ފަދަ ފަސޭހަ ހިދުމަތްތައް ލިބިގެންދާނެ އެވެ.
މި ޕޯޓަލް މެދުވެރިކޮށް މުޅި، ކުންފުންޏަށް ވެސް ނުވަތަ ކުންފުނީގެ ވަކި ޑިޕާޓްމެންޓަށް ވެސް ނޫނީ ޓީމަށް ވެސް އެކުގައި މެސެޖު ފޮނުވާލެވޭނެ އެވެ. އަދި ހަތަރު އަކުރުގެ ނަންބަރެއް ބޭނުންކޮށްގެން ކޯލް ކުރުމުގެ ފުރުސަތު ވެސް ލިބެ އެވެ. މީގެ އިތުރުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި އެކި ހިސާބުތަކުގައި އޮންނަ ކުންފުނިތައް އެއް ނިޒާމަކުން ގުޅާލުމަށް ވެސް މަގު ފަހިވާނެ އެވެ.