ފިނިޕޭޖް

ނަހުލާ ބުނަނީ ރިކޯޑް މުގުރޭނީ އޮލިމްޕަސް ލިބިގެން ކަމަށް

މަޝްހޫރު ޑައިރެކްޓަރު ފާތިމަތު ނަހުލާ މި ދުވަސްކޮޅު ހޭވައްޓާލާފައި އަވަދިނެތި އެ އުޅެނީ އޭނާގެ ކެރިއަރުގެ އެންމެ ބޮޑު ފިލްމު އުފެއްދުމުގެ މަސައްކަތުގަ އެވެ. ފިލްމުގެ އަޕްޑޭޓެއް ހޯދާލަން ގުޅާލާ ކޮންމެ ދުވަހަކު ވެސް އުޅެނީ ވަރަށް ބިޒީކޮށެވެ. އިންޓަވިއުއެއް ދޭނެ ވަގުތުކޮޅެއް ވެސް ހަގީގަތުގައި ނަހޫއަކަށް މި ދުވަސްކޮޅަކު ނުވެ އެވެ.

އެކަމަކު މި އިންޓަވިއު ހާއްސަ އެވެ.

ނަހުލާ ބުނަނީ އޭނާގެ އާ ފިލްމު "ފޯފޯޓޫސިކްސް" އަކީ ރިކޯޑްތަކެއް މުގުރާލެވޭ ފެންވަރުގެ ފިލްމެއް ކަމަށްވިޔަސް މިފަހަރަކު އެކަން އެހާ ފަސޭހަވާނެ ކަމަކަށް ގަބޫލުނުކުރެވޭ ކަމަށެވެ. ސަބަބަކީ އޮލިމްޕަހުގެ ތާށިކަމެވެ.

އޯޕަން ބަޖެޓަކުން ނަހުލާގެ ކްރިސްޓަލް އެންޓަޓެއިންމަންޓުން އުފައްދާ ބިރުވެރި ފިލްމު "ފޯފޯޓޫސިކްސް" ގެ ޝޫޓިންގެ ބޮޑު ބައެއް މިހާރު ނިމިފައިވާއިރު އޭނާ ބުނަނީ ޝޯގެ ޚަރަދު ބަޗާނީ ފިލްމުގެ ހައުސް ފުލް 20 ޝޯ އޮލިމްޕަހުގައި ދެއްކިގެން ކަމަށެވެ.

"ވިހި ޝޯ އަށް ވުރެ މަތިން ހައުސްފުލްވެގެން މި ފިލްމަށް ފައިދާވާން ފަށާނީ. މި ވަރުގެ ހާޑް މަސައްކަތެއް ހަޔާތުގައި ވެސް ނުކުރަން،" ޝޫޓިންގެ މެދުތެރެއިން ނެގި ބްރޭކެއްގައި ފޯނުން ވާހަކަ ދައްކަމުން ނަހުލާ ބުންޏެވެ.

އޭނާ ބުނީ އޮލިމްޕަހުގައި ފިލްމުގެ 30 ޝޯ ދައްކަން ބޭނުންވާ ކަމަށާއި އުއްމީދަކީ އެ އަދަދަށް ޝޯ ދައްކައިގެން ރިކޯޑް ވެސް މުގުރުން ކަމަށެވެ. ނަހުލާ އަކީ މީގެ ކުރިން ވެސް އެ އަދަދަށް ޝޯތައް ދައްކައި އޮލިމްޕަހުގެ ބޮކްސް އޮފީސް ރިކޯޑް އަޅިއަށް ހަދާފައިވާ ޑައިރެކްޓަރެއްކަން އެންމެނަށް ވެސް އެނގެ އެވެ.

"ރިކޯޑް މުގުރޭނެ ފެންވަރު މި ފިލްމުގައި ހުންނާނެ އިރާދަކުރެއްވިއްޔާ. އެކަމަކު 30 ޝޯ އަށް އޮލިމްޕަސް ނުލިބޭ ނަމަ ފިލްމެއް ނުދެއްކޭނެ މި އަހަރަކު،" ނަހުލާ ބުންޏެވެ.

"އުއްމީދުކުރަނީ ލިބޭނެ ކަމަށް. އެއީ ފިލްމީ ދާއިރާ ކުރިއަރުވަން އަޅުގަނޑު މި މަސައްކަތް މިކުރަނީ. މިކަހަލަ ފިލްމަކުން ބޮޑު އޯޑިއަންސެއް އުފެއްދޭނީ."

އޮލިމްޕަހުގައި މިފަހުން ހައުސްފުލްކޮށްވިޔަސް އަދި ހުސްކޮށްވިޔަސް 30 ޝޯ ދެއްކި ފިލްމެއް ނެތެވެ. އާންމުކޮށް މިފަހުން ދިވެހި ފިލްމުތައް ދައްކަމުން އަންނަނީ 15 ޝޯ އަށެވެ. އެހެން ނަމަވެސް ގިނަ ފަހަރަށް އޮލިމްޕަހުގައި އިތުރު ހަރަކާތްތައް ވެސް ކުރިއަށް ގެންދާތީ، ފިލްމުތަކުގެ ޝޯތައް މެދުކަނޑާލަން ވެސް ޖެހިފައި އެބަހުއްޓެވެ.

ނަހުލާ ބުނީ އޭނާގެ ފިލްމުގެ ޝޯތައް ކުރިއަށް ދަނިކޮށް އެގޮތަށް އެ ޝޯތައް މެދުކަނޑާލަން ބޭނުން ނުވާ ކަމަށެވެ.

މި އަހަރަށް ތައްޔާރުކުރަމުން އަންނަ ފިލްމު ދައްކަން ބޭނުންވާހާ ދުވަހަކަށް އޮލިމްޕަސް ނުލިބިދާނެ ކަމުގެ ބިރު ނަހުލާ އަށް އޮތް ނަމަވެސް އޮލިމްޕަހުގެ ބެލެނިވެރިޔާ އެންސީއޭ އިން ބުނެފައި ވަނީ ދިވެހި ފިލްމު ދައްކަން އޮލިމްޕަސް ލިބޭނެ ކަމަށާއި މި އަހަރު އަދި މިދިޔަ އަހަރު ވެސް ފިލްމު ދައްކަން އެދުނު ފަރާތްތަކަށް ސިނަމާ ދޫކޮށްފައިވާ ކަމަށެވެ.

"މިދިޔަ އަހަރު ޖުމްލަ ހަތަރު ފިލްމު އެޅުވީ. މިއީ މަލްޓި ޕާފަސް ސިނަމާއެއް. ހުރިހާ އެންމެނަށް ވެސް ފުރުސަތު ދޭން ޖެހޭނެތާ. ފިލްމު އަޅުވާ މީހުންނަށް ވެސް ލިބޭނެ،" އެންސީއޭގެ އޮފިޝަލަކު ވިދާޅުވި އެވެ.

"މި އަހަރު މިހާތަނަށް ފިލްމެއް އަޅުވަން އައި މީހުންނަށް އެމީހުންގެ ފިލްމުތައް ވެސް ދެއްކުނު. އޮލިމްޕަސް ނުލިބޭ ވާހަކަ އަކީ ދޮގު ވާހަކައެއް."