މޯލްޑިވިއަން އައިޑޮލް ޓޮޕްޓެންގައި ހިމެނުނު ބައިވެރިން ޕީއެސްއެމްއާ އެކު ސޮއިކޮށްފައިވާ، ޓެލެންޓް މެނޭޖު ކުރުމުގެ އެއްބަސްވުމުގެ ދަށުން އެ ފަރާތުގެ ހުއްދަ ނެތި އެއްވެސް ތަނެއްގައި އެއްވަސް ސިފައެއްގައި ޕާފޯމް ނުކުރެވޭނެ ކަމަށް ޕީއެސްއެމް އިން ބުނެފި އެވެ.
ޕީއެސްއެމް އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މޯލްޑިވިއަން އައިޑޮލްގެ ޓޮޕް ޓެންގައި ހިމެނުނު ބައިވެރިން ވަނީ ޓެލެންޓު މެނޭޖުކުރުމަށް ޕީއެސްއެމްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން މުބާރާތުގެ ފަހުންވެސް އެކަށީގެންވާ މުއްދަތެއްގައި އެހީތެރިވެދިނުމާއި ބައިވެރިންގެ އަގުހިފެހެއްޓުމަށް ޕީއެސްއެމް އިން އެހީތެރިވެދޭންޖެހޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި އެ ކުދިންގެ ޓެލެންޓް މެނޭޖް ކުރުމުގެ އެންމެހާ ކަންކަން ކުރަން ޖެހޭނީ ޕީއެސްއެމް އިން ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި ޕީއެސްއެމްގެ ހުއްދަ ނެތި އެއްވެސް ޕާފޯމިން އިވެންްޓެއްގައި ބައިވެރިވުމާއި ލަވަރެކޯޑް ކުރުމާއި އިޝްތިހާރު ކުޅުން ފަދަ އެންމެހާ މަސައްކަތްތައް ކުރުން ވެސް މަނާ ކަމަށް ވެސް ޕީއެސްއެމް އިން ބުންޏެވެ.
"...ޓޮޕް ޓެންގެ ބައިވެރިޔެއްގެ ޓެލެންޓް މެނޭޖްކުރުމުގެ އެއްވެސް ދައުރެއް، ޕީއެސްއެމް ނޫން އެއްވެސް ފަރާތަކަށް ދެ އަހަރު ދުވަހުގެ މުއްދަތުގައި ލިބިގެން ނުވޭ. އެއްވެސް ފަރާތަކުން މި ބައިވެރިންގެ ލަވަޔާއި މިޔުޒިކާއި ޕާފޯމްކުރުމާ ގުޅުންހުރި އެއްވެސް ޓެލެންޓެއް ޕްލެޓްފޯމެއްގައި ޕީއެސްއެމްގެ މެދުވެރިކުރައްވައިގެން މެނުވީ ކުރުމުގެ ފުރުސަތެއް ނޯންނާނެ. މީގެތެރޭގައި އެކި ތަންތާނގައި މިރޮނގުތަކުން ޕާފޯމްކުރުމާއި އިޝްތިހާރެއްގައި ބޭނުންކުރުމާއި ރެކޯޑިންއެއް ހެދުންފަދަ ކަންކަން ކުރުވުންވެސް ހިމެނޭ،" ޕީއެސްއެމް އިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ޕީއެސްއެމް އިން އިތުރަށް ބުނީ އުސޫލާ ހިލާފަށް އެއްވެސް ފަރާތަކުން މޯލްޑިވިއަން އައިޑަލްގެ ޓޮޕްޓެންގައި ހިމެނޭ ކޮންޓެސްޓަންޓަކާ ގުޅުންހުރި ކަމެއް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. މި ބަޔާން ނެރުނު އިރު މޯލްޑިވިއަން އައިޑޮލްގެ ޑޮޕްޓެންގައި ހިމެނޭ ބައެއް ފަރާތްތަކުން އެކި ތަންތަނުގައި އަންނަނީ ޝޯދީ ހަދަމުންނެވެ.