މޯލްޑިވިއަން އައިޑޮލް

މޯލްޑިވިއަން އައިޑޮލްގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "އަވަސް"

Jan 22, 2016
4

ރާއްޖޭގައި ބާއްވާ ފުރަތަމަ ފްރެންޗައިސް ޝޯ، މޯލްޑިވިއަން އައިޑޮލްގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް، "އަވަސް އޮންލައިން" ހަމަޖައްސައިފި އެވެ. އޮންލައިން މީޑިއާ ޕާޓްނަރަކަށް ވުމަށް ހުޅުވާލި ފުރުސަތުގައި އެންމެ ރަނގަޅު ޕްރޮޕޯސަލެއް ލައިގެން އެ ޝޯގެ މީޑިއާ ޕާޓްނަރަކަށް "އަވަސް" ހޮވުނު އިރު އެކަމުގެ އެއްބަސްވުމުގައި ޕީއެސްއެމްއާ އެކު މިއަދު ވަނީ ސޮއިކޮށްފަ އެވެ.

މިރޭ ޓީވީއެމް އިން ޕްރިމިއަ ކުރަން ފަށާ އެ ޝޯގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް، "އަވަސް އޮންލައިން" ހެދުމުގެ އެއްބަސްވުމުގައި އަވަސްގެ ފަރާތުން ސޮއި ކުރެއްވީ، އަވަސްގެ މެނޭޖާ މާކެޓިން އެންޑް ސޭލްސް އައިމިނަތު މުހައްމަދު އާއި އަވަސްގެ ކްރިއޭޓިވް އެޑިޓަރު މުހައްމަދު އަފްޒަލް އެވެ. މިއަދު ހަވީރު ޕީއެސްއެމްގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ޓީވީއެމްގެ ފަރާތުން ސޮއި ކުރެއްވީ އެތަނުގެ ޑިރެކްޓަރު އަޮފް ސޭލް، މުހައްމަދު ހަނަފީ އެވެ. 

އެ އެއްބަސްވުމުގެ ދަށުން މޯލްޑިވިއަން އައިޑަލްގެ އެކްސްކްލޫސިވް ހަބަރުތަކާއި ފޮޓޯ ވީޑިއީ އަދި ޕްރީ ޝޯ ޕްރޮމޯޝަން ލިޔުންތަކާއި ފޮޓޯ އަދި ވީޑިއޯ އަވަސް އިން ކިޔުންތެރިންނަށް ގެނެސްދޭނެ އެވެ. އަދި ޝޯ ޕްރޮމޯޓް ކުރުމަށް ޕީއެސްއެމް އާއި މޯލްޑިވިއަން އައޑޮލްގެ ޓީމާ އެކު ކުރަން ޖެހޭ މަސައްކަތްތައް އަވަސް އިން ކުރަމުން ގެންދާނެ އެވެ. އަދި އެކަމަށް ހާއްސަ ސޮފްހާއެއް ވެސް، "އަވަސް"ގައި ޝާއިރު ކުރާނެ އެވެ.

އެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ހަފްލާގައި، "އަވަސް" ގެ މެނޭޖަ މާކެޓިން އެންޑް ސޭލްސް އައިންތު ވިދާޅުވީ މިފަދަ ފުރުސަތެއް އަވަސް އަށް ލިބުމަކީ ރާއްޖޭގެ މިޔުޒިކް އިންޑަސްޓްރީ އާއި މުނިފޫހިފުލުވުމުގެ ދާއިރާ ކުރިއަރުވަން ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމެއް ކަމަށާއި އެކަމަށް ޓަކައި ޕީއެސްއެމްއަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ޝޯ ޕްރޮމޯޓް ކުރުމަށް އަވަސް އިން ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް މިއަދުން ފެށިގެން، އަވަސް ކަމާ އެކު ކުރިއަށް ގެންދާނެ ކަމަށް އައިންތު ވިދާޅުވި އެވެ.

"އަވަސް އާ އެކު މި ޝޯ އިތުރަށް މަޝްހޫރު ވެގެން ދާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން. މި ޝޯއަށް ކާމިޔާބީއަށް އަޅުގަނޑުމެން އެދެނީ،" އައިންތު ވިދާޅުވި އެވެ. 

ހަފްލާގައި ހަނަފީ ވިދާޅުވީ މޯލްޑިވިއަން އައިޑޮލް އާންމުންގެ މެދުގައި މަޝްހޫރުކޮށް މަގުބޫލުކަން އިތުރު ކުރުމުގެ ގޮތުން މީގެ މަހެއްހާ ދުވަސް ކުރިން އޮންލައިން މީޑިއާ ޕާޓްނަރެއް ހޯދުމަށް އިއުލާން ކުރި ކަމަށާއި އެކަމަށް އެދި ކުރިމަތިލީ ރާއްޖޭގެ ލީޑިން އޮންލައިން ނޫސްތަކާ ވާދަކޮށްގެން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅައިގެން އެކަން ކާމިޔާބު ކުރީ، "އަވަސް" އޮންލައިން ކަމަށެވެ. އަދި އެހެން މީޑިއާތަކުން ހުށަހެޅި ޕްރޮޕޯސަލްތަކާ ބަލާއިރު، އަވަސް އިން މޯލްޑިވިއަން އައިޑޮލް އަށް ކޮށްދޭން ހުށަހެޅި ކަންކަން ގިނަ ކަމަށް ހަނަފީ ވިދާޅުވި އެވެ.

"އެބޭފުޅުން ހަބަރު ގެނެސްދެއްވާ ސްޓައިލް އާއި އެބޭފުޅުންގެ ވެބްސައިޓްގެ ލުކާއި މި ގޮތްތަކަށް ބަލާއިރު އަދި އެބޭފުޅުން އަޅުގަނޑުމެންނަށް ކޮށްދެއްވާނެ ކަންތަކަށް ބަލާއިރު ވަރަށް ބޮޑު އެކްސްޕޯސާއެއް ދެއްވާނެ ކަމުގެ އުންމީދާ އެކު އަޅުގަނޑުމެން މިކަން އެބޭފުޅުންނަށް މި ހަވާލުކުރީ،" ހަނަފީ ވިދާޅުވި އެވެ.

ކްރިއޭޓިވް އެޑިޓަރު މުހައްމަދު އަފްޒަލް ވިދާޅުވީ، "އަވަސް" އަކީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެތައްލައްކަ ބަޔަކު ކޮންމެ ދުވަހަކު ވަންނަ އޮންލައިން މީޑިއާއަކަށް ވެފައިވާ ކަމަށާއި މި ޝޯއިން މޯލްޑިވިއަން އައިޑޮލް ބޮޑު މަޝްހޫރު ކަމެއް ލިބޭނެ ކަމަށެވެ. އަދި އަވަސް އިން ކިޔުންތެރިން ކިޔާ ހިތްވާނެ ގޮތަށް ކޮންޓެންޓް ގެނެސްދޭނެ ކަމަށް އަފްޒަލް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ޝޯ ޕްރޮމޯޓް ކުރުމަށް ތަފާތުކަންކަން އަވަސް އިން ފެންނާނެ ކަމަށް އަފްޒަލް ވިދާޅުވި އެވެ.

މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަން މުޅި ރާއްޖެ އަށް ހުޅުވާލައިގެން ޖުމްލަ ފަސް ސަރަހައްދެއްގައި ބޭއްވިއިރު ގާތްގަނޑަކަށް 600އެއްހާ ބައިވެރިން އޮޑިޝަންތަކުގައި ބައިވެރި އެމީހުންގެ ހުނަރު ދައްކާލާފައިވެ އެވެ. މިއީ މި ފެންވަރުގައި ރާއްޖޭގައި ހިންގުނު އެންމެ ބޮޑު މުނިފޫހިފިލުވުމުގެ ހަރަކާތެވެ.

އޮޑިޝަންތަކުން ތިއޭޓާ ރައުންޑަށް ނެގި ބައިވެރިންގެ އަދަދު 45 އަށް އަރާއިރު ފުރަތަމަ ދެ ހަފުތާގައި ދައްކާނީ މުޅިން ވެސް އޮޑިޝަންތަކެވެ.

ތިއޭޓާ ރައުންޑަކީ ހައުސް ބޭންޑަކާއި ޓްރެކާ އެކު މާލެ އިން ބޭރު، ކޮންމެ ވެސް ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސެގްމެންޓެކެވެ.

މި ރައުންޑަށް ފަހު ދެން އަންނާނީ ޕިއާނޯ ރައުންޑް އެވެ. އޭގައި ވާދަވެރިންގެ އަދަދު 16 އަށް ވެއްޓިގެންދާނެ އެވެ.ހަފް

ޝޯގެ އެންމެ ފޯރިގަދަ ސެގްމެންޓް އަންނަނީ މި ރައުންޑަށް ފަހު އެވެ. އެއީ ގަދަ 12 އެވެ. މިއީ ބައިވެރިން ޝޯގައި ބޭތިއްބުމުގެ ބާރު ޖަޖުންނާ އެކު ބެލުންތެރިންގެ އަތަށް އަރާ ހިސާބެވެ.

މި ހިސާބުން ފެށިގެން ބައިވެރިންނަށް ވޯޓް ދިނުން ހުޅުވާލާއިރު ޝޯ އިން މީހަކު ކަޓުވާލުމަށް ނުވަތަ ބެހެއްޓުމަށް ބޭނުންވާ ވޯޓްގެ 50 ޕަސެންޓާ ކުޅުމުގެ އިހްތިރާޔު ބެލުންތެރިންނަށް ލިބިގެންދެ އެވެ.

ސްޕޮންސަރުންނަށް އަދިވެސް ފުރުސަތު ހުޅުވާލާފައި އޮތް މި ޝޯގެ ގްރޭންޑް ފިނާލޭ އޮންނާނީ އެޕްރީލް 30 ވަނަ ދުވަހު އެވެ. އެއީ ލައިވް ޝޯ އެކެވެ.