ހަބަރު

ރާއްޖެ-ޗައިނާ ފްރީޓްރޭޑް އެއްބަސްވުން އެކުލަވައިލުމުގެ އިދާރީ މަސައްކަތް ފަށައިފި

ރާއްޖެ އާއި ޗައިނާއާ ދެމެދު ހަދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ފީސިބިލިޓީ ސްޓަޑީ އާއި އެހެން ވެސް އިދާރީ މަސައްކަތްތައް ދެ ގައުމުގެ ޓީމަކުން ގުޅިގެން މިއަދު ފަށައިފި އެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމް ކުރުމުގެ ކުރިން ކުރަން ޖެހޭ ޓެކްނިކަލް މަސައްކަތްތައް ކުރުމަށް އެކުލަވާލާފައިވާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ވަނީ ބާއްވައިފަ އެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ޓީމުން ކުރާނެ މަސައްކަތްތަކަކީ ރާއްޖެ އާއި ޗައިނާ އިން މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމް ކުރާނެ ދާއިރާތަކާ ގުޅޭ ގޮތުން ފީސިބިލިޓީ ދިރާސާތައް ހެދުމާއި އެކަމުގެ ސަބަބުން ދެ ގައުމަށް ކުރާނެ ފައިދާތަކާއި ގެއްލުންތައް ދެނެ ގަނެ ރިޕޯޓެއް ތައްޔާރު ކުރުން ކަމަށެވެ.

އެ ރިޕޯޓްގެ މައްޗަށް ބަލައި ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލައި ސޮއި ކުރެވޭނެ އެވެ. މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެކަމަށް އަދި ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި އެހެން ގައުމަކާ ރާއްޖޭން ސޮއި ކުރުމަށް މަސައްކަތްތަކެއް ފެށީ މިއީ ފުރަތަމަ ފަހަރެވެ. އެ ކޮމިޓީން މިއަދު ވަނީ އިކޮނޮމިކް ކައުންސިލާ އެކު މައުލޫމާތު ބަދަލު ކުރުމުގެ ސެޝަނެއް ބާއްވައިފަ އެވެ.

މިނިވަން ވިޔަފާރީގެ ފުރަތަމަ އެއްބަސްވުމުގައި ޗައިނާއާ އެކު ސޮއިކުރަން ނިންމީ މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ވެރިރަށް ބެއިޖިންގައި ބޭއްވި، ރާއްޖެ-ޗައިނާ ޖޮއިންޓް ކޮމިޝަންގެ ފުރަތަމަ ބައްދަލުވުމުގަ އެވެ.

އެ އެއްބަސްވުމާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވެފައި ވަނީ އެފަދަ އެއްބަސްވުމެއްގެ ސަބަބުން ތަކެތި އިމްޕޯޓް ކުރުމާއި ރާއްޖެއިން ޗައިނާއަށް ތަކެތި އެކްސްޕޯޓް ކުރުމަށް ބޮޑެތި ފަސޭހަތަކެއް ވެގެން އަންނާނެ ކަމަށެވެ. އަދި ޓުއަރިޒަމާއި އިންފްރާސްޓްރަކްޗާގެ ދާއިރާއިން ދެ ގައުމުގެ ގުޅުމަށް ބޮޑެތި ފަސޭހަތަކެއް އަންނާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

"ޗައިނާ އަކީ ދުނިޔޭގެ އެއް ވަނަ އިގްތިސާދު. އެ ގައުމާ އެކު މިކަހަލަ ބޮޑު އެއްބަސްވުމެއް ގާއިމް ކުރެވުނީމާ މިއީ ރާއްޖޭގެ އިގްތިސާދަށް ލިބޭނެ ބޮޑު ކުރިއެރުމެއް. މިއީ ދެ ގައުމަށް ފައިދާ ވާނެ ގޮތަށް ވަކި ފަރާތަކަށް ނުޖެހި ގާއިމް ކުރެވޭނެ މުހިންމު އެގްރިމަންޓަކަށް މި ވެގެން ދަނީ،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކަކީ ވިޔަފާރީގެ ގުޅުން ވަރިގަދަ ކުރުމަށް ދޭދޭ ގައުމުތަކުގެ މެދުގައި އެކުލަވައިލާ އެއްބަސްވުމެކެވެ. އެފަދަ އެއްބަސްވުމުގެ ސަބަބުން ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގައި ދެ ގައުމަށް އިނާޔަތްތައް ލިބެ އެވެ. އެގޮތުން ބައެއް ޓެކްސްތައް މާފްވުން ފަދަ ކަންތައްތައް ހިމެނެ އެވެ.