އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންހާއި ކުރީގެ ބޮޑު ވަޒީރު ރަޖީވް ގާންދީގެ އަނބިކަނބަލުން އަދި ކޮންގްރެސް ޕާޓީގެ ރައީސާ ސޯނިއާ ގާންދީއާއި ދަރިކަލުން އަދި ޕާޓީގެ ނައިބް ރައީސް ރާހުލް ގާންދީ ކުއްލި ގޮތަކަށް ހައްޔަރު ކުރުމަށްފަހު މިިނިވަންކޮށްފި އެވެ. ތިން ބޭފުުޅުން ވެސް ހައްޔަރުގައި ގާތްގަނޑަކަށް ވިއްސަކަށް މިނެޓްވަންދެން ތިއްބެވި އެވެ.
މިއަދު ސަރުކާރުން ހިންގި ކުއްލި އޮޕަރޭޝަނެއްގައި އެ ތިން ބޭފުޅުން ހައްޔަރު ކުރީ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގައި ތިއްބަވަނިކޮށެވެ. މި ބޮޑު މުޒާހަރާ ބޭއްވީ ޑިމޮކްރަސީ ހިމާޔަތް ކުރުމުގެ ނަމުގަ އެވެ.
މި ތިން ބޭފުޅުން ހައްޔަރުކޮށްފައި ދޫކޮށްލި އިރު އެ ބޭފުޅުން ވަނީ ޑިމޮކްރަސީއާ ދެކޮޅަށް މޯދީގެ ސަރުކާރުން ގިނަ ކަންތައްތަކެއް ކުރާ ކަމަށް ތުހުމަތުކޮށް ސަރުކާރަށާއި މޯދީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އަމިއްލަ ފައިދާއަށް ނޫން ގޮތަކަށް އެއްވެސް ކަމެއް މޯދީގެ ސަރުކާރުން ނުކުރާ ކަމަށާއި ފަގީރުންނާއި ދަނޑުވެރިންގެ ހައްގުގައި އެއްވެސް ކަމެއް މޯދީ ނުކުރައްވާ ކަމަށް ވެސް ސޯނިއާ ގާންދީ ވަނީ ވިދާޅުވެފައެވެ.
ކުރީގެ ބޮޑު ވަޒީރުން ސިންހް އާއި ސޯނިއާ ގާންދީގެ ދެމައިން ހައްޔަރު ކުރުމާއެކު އެކަން ބޮޑު ސިހުމަކަށް ވެގެން ދިޔައެވެ.