ސީރިޔާ

ސޫރިޔާގެ ވަގުތީ ސުލްހައަށް 72 ގަޑިއިރު އިތުރުކޮށްފި

May 7, 2016

ސޫރިޔާގެ ހަލަބްގައި ދެމުންދާ ހަމަލާތައް ހުއްޓާލަން އެއްބަސްވެފައިވާ އެއްބަސްވުމަށް 72 ގަޑި އިތުރު ކޮށްފައިވާކަމަށް ރަޝިޔާ އިން ބުނެފި އެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީ އިން ނެރެފައިވާ ބަޔާނެއްގައި ބުނަނީ ހަމަލާތައް ހުއްޓާލާފައިވާ މުއްދަތު އިތުރު ކޮށްފައިވާ ކަމަށާއި މިނިންމުން ނިންމާފައިވަނީ މިހާރުގެ ހާލަތު އިތުރަށް ނުތަނަވަސްވެގެން ދިޔުން އެކަށީގެންވާ ކަމަށް ލަފާކުރެވިފައިވާތީ ކަމަށެވެ.

ރަޝިޔާގެ ނިންމުމަށް އެެމެރިކާ އިން ވަނީ ތާއީދުކޮށްފަ އެވެ. ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު، ޖޯން ކާބީ ވިދާޅުވީ އެމެރިކާގެ ބޭނުމަކީ ހަމަލާތައް ހުއްޓާލާފައި އޮންނަ ވަގުތުތައް އިތުރުކޮށް، ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންގޮސް، މުޅިން ހަމަލާތައް ހުއްޓާލުން ކަމަށެވެ.

ހަލަބްގައި ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ނިންމާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެދުވަހު ހަމަލާތައް ދިނުން ހުއްޓާލާފައިވާ އިރު، ދެ ހަފްތާގެ ތެރޭގައި ބަދަލުކުރެވުނު ހަމަލާތަކުގެ ސަބަބުން ހަަލަބްގައި 280 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. ހަމަލާތައް އާންމުގޮތެއްގައި ހުއްޓާލާފައިވީ ނަމަވެސް، ސަރުކާރާއި ހަނގުރާމަވެރިން ޖަމާއަތްތަކުގެ މެދުގައި ބަދަލުކުރެވުނު ހަމަލާތަކުގައި ގާތްގަނޑަކަށް 70 މީހުން މަރުވެފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން އިއްޔެ ބުނެފައިވެ އެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އަލް ނުސްރާ ފްރަންޓާއި ގުޅިފައިވާ ޖަމާއަތްތަކުން ވަނީ ޚާން ތުމާން ސަރަހައްދާއި ގުޅިފައިވާ އަވަށްތައް ސަރުކާރުގެ ކޮންޓްރޯލުން ނަގާފަ އެވެ. މި ސަރަހައްދުތަކުން ހަނގުރާމަވެރި ޖަމާއަތްތައް ފައްސާލާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގަ އެވެ.