އީޔޫ

އީޔޫ ދާނެ މަގަކުން ދޭ، އަހަރެމެން ދާނީ އަހަރެމެންގެ މަގުން: އުރުދުގާން

ޔޫރަޕިއަން ޔޫނިއަންއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުގާން ދެއްވައިފި އެވެ. އުރުދުގާންގެ ބަހުގެ ހަމަލާތަކެއް އީޔޫއަށް ދެއްވާފައިމިވަނީ އެ ގައުމުގެ ބޮޑު ވަޒީރު އަހުމަދު ދެވަތޯލް އިސްތިއުފާ ދެއްވާފައިވަނިކޮށެވެ.

އީޔޫ އާއި ތުރުކީއާ ދެމެދު ހިޔާލު ތަފާތުވެފައިވަނީ، ތުރުކީގެ ރައްޔިތުންނަށް ޔޫރަޕްގެ ޝެންސެން އޭރިއާގައި ހިމެނޭ ގައުމުތަކަށް ވިސާއަކާ ނުލައި ދަތުރު ކުރުމުގެ ހުއްދަދިނުމާ ބެހޭ މައްސަލާގަ އެވެ.

މިގޮތަށް އެއްބަސްވުމަށް އީޔޫއިން ތުރުކީއަށް ދަނީ ޝަރުތުތަކެއް ކަނޑައަޅަމުންނެވެ. އެ ޝަރުތުތަކާ މެދު އުރުދުގާން ހިންހަމަޖެހިވަޑައިނުގަންނަވާ ކަމަށްވެ އެވެ. އީޔޫއާއެކު މި އެއްބަސްވުން ހެދުމަށް އެންމެ އިސްކޮށް އުޅުއްވީ އިސްތިއުފާ ދެއްވި ބޮޑު ވަޒީރެވެ. ރިޕޯޓްތައް ބުނާ ގޮތުން ދެވަތޯލް އިސްތިއުފާ ދެއްވީ ވެސް މިކަމުގައި އުރުދުގާންއާ ހިޔާލު ތަފާތު ވެގެނެވެ.

ދެވަތޯލް އިސްތިއުފާ ދެއްވުމާއެކު އުރުދުގާން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ތުރުކީ އަބަދުވެސް ދާނީ އެ ގައުމުން ދާން ބޭނުންވާ މަގުން ކަމަށާއި ކުރާނީ ވެސް އެ ގައުމުން ބޭނުންވާ ކަންކަން ކަމަށެވެ.

"އަހަރެމެން ދާނީ އަހަރެމެން ބޭނުން މަގަކުން، އީޔޫ ބޭނުން މަގަކުން އީޔޫ ދޭ،" އުރުދުގާން ވިދާޅުވި އެވެ.

އީޔޫއިން ދަނީ ތުރުކީއަށް އެ ގައުމުގެ އެންޓި ޓެރަރިޒަމްގެ ބިލް ބަދަލުކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް އުރުދުގާން ވިދާޅުވީ، އީޔޫއަށްޓަކައި ޓެރަރިޒަމްގެ ބިލަށް އެއްވެސް ބަދަލެއް ނުގެންނަވާނެ ކަމަށެވެ.

އީޔޫއިން ތުރުކީގެ ޓެރަރިޒަމްގެ ބިލް ބަދަލުކުރުމަށް ގޮވާލަމުން ދަނީ، ތުރުކީގެ ރައްޔިތުންނަށް ޔޫރަޕްގެ ޝެންސެން އޭރިއާގައި ހިމެނޭ ގައުމުތަކަށް ވިސާއަކާ ނުލައި ދަތުރު ކުރުމުގެ ހުއްދަ ދިނުމާއެކު އެ ގައުމަށް ރެފިއުޖީން ގެންދިޔުން ހުއްޓާލާނެ ކަމުގެ ބިރަށެވެ.