ރާއްޖެ ކުޅިވަރު

އެފްއޭއެމަށް ކުރިމަތިލާން އަލުން ހުޅުވާލާނަން: ބައްސާމް

މައްސަލަޖެހިގެން އިންތިހާބު ނުބޭއްވިފައިވާ އެފްއޭއެމުގެ އަސާސީ ގަވާއިދު ހޯމް މިނިސްޓްރީން ފާސްކޮށްދިނުމާއެކު އިންތިހާބަށް ކުރިމަތިލާން ހުޅުވާލާނެ ކަމަށް ނޯމަލައިޒޭޝަން ކޮމިޓީން ބުނެފި އެވެ.

އެ ކޮމިޓީގެ ޗެއާމަން ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވީ އެފްއޭއެމުން ބޭނުންވާ ގޮތަށް ކުލަބުތަކުގެ އައުލަބިއްޔަތުން އަސާސީ ގަވާއިދު ފާސްކޮށްދީފައިވާ ކަމަށާއި އިންތިހާބަށް އަލުން ހުޅުވާލަނީ ހާއްސަ ހާލަތެއްގެގޮތުގައި ކަމަށެވެ.

"މިއީ ހާއްސަ ހާލަތެއްކަމަށް ބަލައިގެން އަލުން އިންތިހާބަށް ހުޅުވާލާނީ. ކުރިމަތިލާން ބޭނުންވާ އެންމެނަށް ފުރުސަތުދޭން އަޅުގަނޑުމެން ފީފާގައި އެދުނިން. ފީފާ އާއި އޭއެފްސީން ވަނީ އެކަމަށް މަރުހަބާކިޔާފައި،" ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި ވޯޓުލެވޭނީ އަސާސީގަވާއިދުގައި ބުނާ 44 ފަރާތުގެ ތެރެއިން މިވަގުތު އިންތިހާބުގައި ވޯޓުލާން ޝަރުތުހަމަވާ ފަރާތްތަކަަށް ކަމަށެވެ.

"އޭގެ ތެރޭގައި މިހިމެނެނީ ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކުލަބަކުން ދެ ވޯޓު. އެއީ ޖުމުލަ 16 ވޯޓު. ދެން ދެވަނަ ޑިވިޝަނުން 10 ވޯޓު. ތިން ވަނަ ޑިވިޝަނުން ދެ ވޯޓު. ދެން ރެފްރީޒް އެސޯސިއޭޝަނާއި އަދިވެސް ޝަރުތުފުރިހަމަވާ މެމްބަރުންނާއެކު ގާތްގަނޑަކަށް މިފަހަރު 30 ފަރާތަށް ވޯޓުލާން ފުރުސަތު ލިބޭނެ،" ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން އެއްބާރުލުން ނުދިނުމުން މިހާތަނަށް ތިން ފަހަރު ފަސްވެފައިވާ އިންތިހާބު ބާއްވަން 30 ދުވަސް ބޭނުންވި ނަމަވެސް އެމުއްދަތު 20 ދުވަހަށް ކުރުކުރީ ވެސް ހާއްސަ ހާލަތަކަށްވުމުން ކަމަށެވެ.

"ފީފާގެ ސަސްޕެންޝަނެއް އެބައާދޭ މި މަހުގެ 30ވަނަ ދުވަހު އިންތިހާބު ނުބާއްވައިފިއްޔާ. އެކަމަކު އެމުއްދަތެއް މިހާރު ނެތް މިމަނުގެ ނިޔަލަށް. އެހެންވީމާ ފީފާއިން ދީފައިވަނީ މިހާރު 20 ދުވަސް. އަޅުގަނޑުމެން އުއްމީދުކުރަނީ އެންމެން އެކުވެރިވެގެން ސަސްޕެންޑްނުވެ ރާއްޖެ ސަލާމަތްކޮށްދޭނެ ކަމަށް،" ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމުގެ އިންތިހާބު ބާއްވަން އެންމެ ފުރަތަމަ މަސައްކަތް ކުރީ މިދިޔަ އޮކްޓޫބަރު މަހު އެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން ޔޫތު މިނިސްޓްރީ އާއި ހޯމް މިނިސްޓްރީން އެއްބާރުލުން ނުދިނުމުން އިންތިހާބު ވަނީ ތިން ފަހަރު މަތިން ފަސްވެފަ އެވެ. މިހެންވެ ފީފާއިން މިހާރު ވަނީ މިމަހުގެ ނިޔަލަށް އިންތިހާބު ބާއްވަން ޝަރުތުކޮށްފަ އެވެ. އެހެންނޫނީ ފުޓްބޯޅައިގެ އެއްވެސް އިނާޔަތެއްނުލިބޭ ގޮތަށް މުއްދަތެއްނެތި ރާއްޖެ ސަސްޕެންޑްވާނެ އެވެ.