ދުނިޔެ

ބަލިވެއިން އަންހެނުން ކާލި ކިނބޫ، ދިގު އިންތިޒާރަކަށް ފަހު މަރާލައިފި

އެއީ ހަތަރު މީޓަރަށް ވުރެ ގިދު އަދި 600 ކިލޯގްރާމަށް ވުރެ ބަރު، ނިކަން ބިޔަ ކިނބުލެކެވެ. މި ކިނބޫ، ޔުގޭންޑާގެ މަސްވެރިއެއް ކަމުގައިވާ މުބާރަކް ބަޓަމްބޫޒީގެ މާބަނޑު އަންހެނުން، ޑެމެޓެރިޔާ ނަބީރީ މީގެ ހަތަރު މަސް ދުވަސް ކުރިން "ވަގަށް ގެންދިޔައީ" އެމީހުންގެ އަވަށުގައި އޮންނަ ލޭކަކުން ފެންބަލަން ގޮސް އެތަނަށް އެރި އުޅެނިކޮށެވެ.

އެއަށް ފަހު އެ އަންހެން މީހާގެ ޚަބަރެއް ނުވެ އެވެ. ކިނބޫ ކާލީ އެވެ.

މި ހިތާމާގައި މުބާރަކު ހުއްޓައި އޭގެ ހަތަރު މަސް ފަހުން އެނބުރި އައީ އަނެއްކާވެސް މި ކިނބޫ އެވެ. އަވަށުގެ އެހެން އަންހެނަކު އަތުޖެހިދާނެ ކަމުގެ ދަހިވެތިކަމުގަ އެވެ.

ނަމަވެސް އަންހެނުންނާއި އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ކާލި މައްސަލާގައި މުބާރަކް އޭރު ވަނީ ރަތަށް އަރައިފަ އެވެ. އޭނާ ހުރީ، އެނބުރި އައި ކިނބުލަށް ދެ ވަނަ ފުރުސަތެއް ދޭ ކަހަލ ހިޔާލެއްގައެއް ނޫނެވެ. ނަމަވެސް އަންހެނުންގެ މަރުގެ ބަދަލު ކިނބޫގެ ކިބައިން ހިފުން ވެގެންދިޔައީ އޭނާ ހީކުރިހާ ފަސޭހަ ކަމަކަށް ނޫނެވެ.

"އެއީ ބޮޑު ފުރޭތައެއްވަރުގެ އެއްޗެއް. އަހަރެމެން އެންމެ ފުރަތަމަ އެއާ ކުރިމަތިލީ ގަލާއި ދަނޑިބުރިތައް ބޭނުންކޮށްގެން. އެހެންވެ އެއްކަމެއް ވެސް ނުކުރެވުނު،" އުމުރުން 50 އަހަރުގެ މުބާރަކް ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

 

ފުރަތަމަ ކުރިމަތިލުން ކާމިޔާބު ނުވުމުން މުބާރަކް އަވަސްވެގަތީ އަތްކަންކުރާ މީހެއް ގާތަށް ދިއުމަށެވެ. އޭނާ އަށް ފަސް ޑޮލަރު ދީގެން ހެއްލީ ނިކަން ވަރުގަދަ ކަންއިއްޔެކެވެ. ފަސް ޑޮލަރަކީ މުބާރަކަށް ވަރަށް ވެސް ގިނަ ފައިސާ އެވެ. ނަމަވެސް އޭނާ ހުރީ، އަންހެނުންނާއި އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ކާލި ކިނބޫ މިފަހަރު ފިލައިގެން ނުދަނީސް އޭތި މަރާލުމަށް އަޒުމްކަނޑައަޅައިގެންނެވެ.

"އަހަރެންގެ އަންހެނުން އެއްކޮށް ކާލީ އެ ކިނބޫ. އަންހެނުންގެ އެއްވެސް ބައެއް ފެނިފައެއް ނުވޭ. ހަށިގަނޑުގެ ބައިތަކެއް ކަށިތަކެއް ނުވަތަ އެ ދުވަހު ލައިގެން ހުރި ހެދުމުގެ ބައެއް ވެސް،" މުބާރަކް ބުންޏެވެ.

ކަންއިލި ހައްދައިގެން ދުވެފައި ލޭކަށް ދިޔައިރު، އަންހެނުން ކާލި ކިނބޫ އޭރު ވެސް ފެންގަނޑުގައި އޮތެވެ. ނަމަވެސް ބިރުކަނޑާލާފައި ގޮސް އޭނާ ފުންމާލީ އެ ފެންގަނޑަށެވެ. އޭރު މަންޒަރު ބަލަން ތިބި އެންމެން ވެސް ތިބީ ކިނބޫ އައިސް އޭނާ ކާލަފާނެ ކަމަށް ބިރަށެވެ.

"އަޅެ އެއަށް ހަމަލާ ނުދޭތި. އޭތި ވަރަށް ބޮޑު. ކަލޭވެސް ކާލަފާނެ. ތި ކަންއިއްޔަކުން ވާނެހެންނެއް ހީއެއް ނުވޭ،" މަންޒަރު ބަލަން އެއްވެ ތިބި އަވަށުގެ މީހުން ގޮވަމުން ދިޔައީ މިހެންނެވެ.

ނަމަވެސް މުބާރަކް އޭރު ހުރީ އެމީހުންގެ އަޑު އިވޭވަރަށް ވުރެ ރުޅިގަދަވެފަ އެވެ. އެއްފަހަރު ކިނބޫ ފިލައިގެން ދިޔަޔަސް މިފަހަރު ފިލައިގެން ނުދެވޭވަރުކުރަން ނިންމައިގެންނެވެ.

"އެންމެފަހުން ވަރުގަދަކުރިމަތިލުމަކަށް އެކަން ބަދަލުވީ. ކިނބޫ ތެޅިގަތް އަދި އަހަރެން ކާލަން ފުންމައިގެން ވެސް އައި. އެކަމަކު މަރުވެދާނެކަމުގެ ބިރެއް އޭރަކު ނެތް،" އިހްސާސްތައް ކިޔައިދެމުން މުބާރަކް ބުނެފައިވެ އެވެ.

ނަމަވެސް ދެން ވެސް މުބާރަކަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. އަންހެނުން ކާލި ކިނބޫގެ ބަނޑު ތެރެއިން ކަށިތަކެއް ނެގި ނަމަވެސް އެއީ މުބާރަކްގެ އަންހެނުންގެ ކަށިތަކެއް ކަމަށް ތަޖުރިބާކާރުން ގަބޫލެއް ނުކުރެ އެވެ.

އެހެންވީމަ ކިނބޫ މަރާލުމުގެ ހަގީގީ ހިތްހަމަޖެހުމެއް މުބާރަކަށް ނުލިބުނެވެ. ނަމަވެސް އޭނާ އަކީ މިހާރު އަވަށުގެ މީހުންގެ މެދުގައި ނެތް ވަރުގެ ބޮޑު ބަތަލެކެވެ. އަވަށުގެ މީހުން ބިރު ގެންނުވި ކިނބޫ މަރާލި މީހާ އެވެ.