ވެލިދޫ

ވެލިދޫއަށް އުދަ އަރާ، ބޮޑެތި ގެއްލުންތަކެއް

ނ. ވެލިދޫއަށް އުދަ އަރާ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. އެ ރަށަށް އުދަ އަރަން ފަށާފައިވަނީ މިއަދު މެންދުރުފަހު 12:30 ހާއިރުން ފެށިގެންނެވެ.

ވެލިދޫ ކައުންސިލުގެ މެންބަރު އިބްރާހިމް ގާސިމް މިއަދު ވިދާޅުވީ، އުދަ އެރުމުގެ ސަބަބުން 10 ގެއަކަށް ގެއްލުންވެފައިވާ ކަމަށާއި ގޭގެ ފާރުތައް ކަނޑައިގެން ގޮސް، ހިފާ ގެންގުޅޭ ތަކެއްޗަށް ވެސް ގެއްލުންވެފައިވާ ކަމަށެވެ. ގާސިމް ވިދާޅުވި ގޮތުގައި، ވެލިދޫ ދެކުނު ފަރާތުން ރަށު ތެރެއަށް 1،000 އެއްހާ ފޫޓަށް އުދަ އެރި ކަމަށެވެ.

ވެލިދޫގައި މީހުން ދިރިއުޅޭ ހިސާބާ މޫދާ ދެމެދު ހުންނަނީ ގާތްގަނޑަކަށް 100 އެއްހާ ފޫޓެވެ.

"ބައެެއް ގޭގޭގައި ދިރި ނޫޅެވޭ ވަރަށް ގެއްލުންވެފައިވަނީ، ލޮނުގަނޑު ވަދެ ތަށި މުށިތައް ވެސް ނެއްޓިގެން އަރާފައި ހުރީ، އެ ގޭގެ މީހުން އެހެން ގޭގެއަށް ބަދަލުކުރުމުގެ ވިސްނުމެއް ކައުންސިލުން އެބަ ގެންގުޅެން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، ގެއްލުންތައް ކުޑަކުރުމަށް އެމްޓީސީސީގެ މުވައްޒަފުންނާއި އެމްއެމްޑީއެފް އަދި ފުލުހުން ކައުންސިލާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މަގުތަކަށް ވެލި އެޅުމާއި ވެލި ބަސްތާތައް ޖަހަމުންދާ ކަމަށެވެ. ވެލިދޫއަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އާންމުކޮށް އުދަ އަރާ ރަށެކެވެ.