ރައީސް އަބްދުﷲ ޔާމީން

ރައީސްގެ ދެ ދައުރު ނިމޭއިރު ރާއްޖެ ސިންގަޕޫރަކަށް ވާނެ: ޝަރީފް

ރައީސް އަބްދުﷲ ޔާމީންގެ ދެ ދައުރު ނިމޭއިރު ރާއްޖެ އޮންނާނީ ސިންގަޕޫރު ފަދައިން ތަރައްގީވެފައި ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން 2018 ކެމްޕެއިން ލީޑަރުން ތަމްރީނުކުރުން ރ އަތޮޅު މަހާސިންތާ ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ހިންގުތެރިވެރިން ކިބައިން ފެންނަން ޖެހޭ ހަރުދަނާކަން ރައީސް ޔާމީންގެ ކިބައިން ފެންނަ ކަމަށާއި، އެމަނިކުފާނަކީ ރައީސް މައުމޫންގެ ރަން ތިރީސް އަހަރުގެ ތެރެއިން ތަމްރީނުވެގެން ވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. ރާއްޖެއަކީ ސިންގަޕޫރު ފަދަ ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ ގާބިލުކަން ހުންނެވީ ރައީސް ޔާމީނުގެ ކަމަށެވެ.

"އަޅުގަނޑު ދަންނަނަވާނީ އެމަނިކުފާނުގެ ދެވަނަ ދައުރު ނިމޭއިރު ރާއްޖެ އޮންނާނީ ސިންގަޕޫރަކަށް ބަދަލުކުރައްވާފައި، މިއީ އަޅުގަނޑުމެންނަށް ފެންނަ މަންޒަރުތައް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ ވެސް އަމިއްލަ ވަންތަކަމާއެކު ގައުމެއްގެ ގޮތުގައި ޝަރަފާއެކު އުޅެން ބޭނުންވާ ގައުމެއް ކަމަށާއި، ބޭރުން ގައުމުތަކުން ރާއްޖޭގެ ކަންކަމާ ބެހި ވައްވައްޖަހަން ނުޖެހޭ ކަމަށެވެ. ރާއްޖޭގެ އިސްތިގުލާލު ދިވެހިންނަށް ހިފެހެއްޓެންޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަގާފަތާއި އާދަކާދަތައް އަޅުގަނޑުމެންނަށް ހިފެހެއްޓެން ޖެހޭނެ، އެކަންކަމުގައި ބޭރުގެ އެއްވެސް ފަރާތަކުން ދައްކާ ވާހަކަތަކަށް ކަންބޮޑުވަޑައިގަތުމެއް ނެތި ރައީސް ޔާމީން ގެންދަވަނީ ގައުމު އާރާސްތުކުރައްވަމުން، ވަރަށް ރަނގަޅަށް އާރާސްތުކުރައްވަމުން، އެއްވެސް ފަރާތެއްގެ ނުފޫޒެއް އަޅުގަނޑުމެންނަށް ނުފޯރާ ގޮތުން،" މިނިސްޓަރު އާދަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ގައުމުގެ އިސްތިގުލާލު ހިފެހެއްޓުމަކީ ވެރިއެއްގެ ކިބައިގައި ހުންނަން ޖެހޭނެ ސިފައެއް ކަމަށެވެ. ގައުމަށްޓަކައި ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވައްވަން ޖެހޭ ކަމަށެވެ.

"އެހެންނޫނީ މަޝްރޫއުތައް ފަހަތަށް ދާނީ، އާ ވެރިއެއް އައިސް އާ ކަމެއް ކުރަން އުޅޭނީ، އަޅުގަނޑުމެން ދާނީ ފަހަތަށް،" މިނިސްޓަރު ވިދާޅުވި އެވެ.