ބޭރު ކުޅިވަރު

އެފްރިކާ ކަޕް އޮފް އޮފް ނޭޝަންސްގެ ރެފްރީއެއް ހަ މަހަށް ސަސްޕެންޑްކޮށްފި

އެފްރިކާ ކަޕްގެ އޮފް ނޭޝަންސްގެ ކުއާޓާ ފައިނަލްގައި އީކުއެޓޯރިއަލް ގިނީ އާއި ޓިއުނީޝިއާ ބައްދަލުކުރި މެޗުގެ ރެފްރީ "ފެންވަރު ދަށްވެގެން" ހަ މަސް ދުވަހަށް ސަސްޕެންޑްކޮށްފި އެވެ.

ޓިއުނީޝިއާ އަތުން 2-1 އިން މޮޅުވެ މުބާރާތް ބާއްވާ ގައުމު ކަމަށްވާ އީކުއެޓޯރިއަލް ގިނީ މުބާރާތުގެ ސެމީން ޖާގަ ހޯދިއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވަނިކޮށް އީކުއެޓޯރިއަލް ގިނީ އިން މެޗު އެއްވަރުކުރީ އެ ޓީމަށް މޮރީޝިއާގެ ރެފްރީ ރަޖިންދްރަޕަރްސަދު ސީޗުން ދިން ޕެނަލްޓީއަކާ ގުޅިގެންނެވެ. އީކުއެޓޯރިއަލް ގިނީ އަށް ސީޗަން ދިން ޕެނަލްޓީ އަށް، ގިނަ ފާޑުކިއުންތަކެއް ވަނީ އޭނާ އަށް އަމާޒުވެފަ އެވެ. ޓިއުނީޝިއާގެ މައްޗަށް އީކުއެޓޯރިއަލް ގިނީ އިން ކުރި ހޯދީ އިތުރު ވަގުތުގަ އެވެ.

"ރެފްރީޒް ކޮމެޓީން ވަނީ އެ މެޗުގައި ރެފްރީގެ ފެންވަރު ދަށްކަން ފާހަގަކޮށްފައި،" ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ސީއޭއެފް) އިން ނެރުުނު ބަޔާނެއްގައި ބުނެފައިވެ އެވެ. "މި މެޗުގައި ރެފްރީ އަށް ކުޅުންތެރިން ކޮންޓުރޯލްނުވެ، މެޗު ހޫނުވެގެން ދިއުމަށް މަގު ފަހިވެގެންދިޔަ."

ސީއޭއެފް އިން ވަނީ އެލީޓް ރެފްރީންގެ ލިސްޓުން ސީޗުންގެ ނަން އުނިކޮށްފަ އެވެ.

މި މެޗަށް ފަހު ޓިއުނީޝިއާގެ ކުޅުންތެރިން ވަނީ ރެފްރީއާ ދިމާކޮށް، ހަމަނުޖެހުން ހިންގަން މަސައްކަތްކޮށްފަ އެވެ. އެހެންވެ ސީއޭއެފް އިން ވަނީ ޓިއުނީޝިއާގެ ފުޓްބޯލް ފެޑެރޭޝަން 50،000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. އަދި ރެފްރީ އީކުއެޓޯރިއަލް ގިނީ ކޮޅަށް ޖެހިފައިވާ ކަމަށް ޓިއުނީޝިއާ އިން ކުރި ތުހުމަތުތަކާއެކު، ސީއޭއެފް އިން ވަނީ އެކަމަށް މާފަށް އެދުމަށް ޓިއުނީޝިއާގެ ފުޓްބޯލް ފެޑެރޭޝަން އަށް އަންގައިފަ އެވެ.

މި މެޗަށް ފަހު ޓިއުނީޝިއާގެ ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ވާދީ ޖަރީ ވަނީ ސީއޭއެފްގައި އަދާކުރަމުން ދިޔަ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. މެޗަށް ފަހު ޖަރީ ވަނީ ދަނޑަށް އަރައި ރެފްރީއާ ދިމާކުރަން މަސައްކަތްކޮށްފަ އެވެ. ސީއޭއެފް އިން ވަނީ ވާދީގެ ފަރާތުން ފެނުނު އަމަލުތައް ކުށްވެރިކޮށްފަ އެވެ. -- ބީބީސީ